އެޕަލް ކުންފުނިން އަލަށް ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ފަށްޖެހޭ އައިފޯން (އައިފޯން ފޯލްޑް ނުވަތަ އައިފޯން އަލްޓްރާ) އަށް ޚާއްޞަ އެޕަލް ޕެންސިލެއް ނުވަތަ ސްޓައިލަސްއެއް ނުނެރުމަށް އެ ކުންފުނިން ނިންމައިފިއެވެ.
އައިފޯނުގައި ސްޓައިލަސް ބޭނުންކުރުމާ ދެކޮޅަށް އެޕަލްގެ ކުރީގެ ސީއީއޯ ސްޓީވް ޖޮބްސް 2007 ވަނަ އަހަރު ވާހަކަދައްކަވާފައިވީ ނަމަވެސް، ވޭތުވެދިޔަ 19 އަހަރުގެ ތެރޭގައި އެ ވިސްނުން ބަދަލުވެ، އެޕަލް އިން ވަނީ މި ފޯނަށް ޚާއްޞަ ސްޓައިލަސްއެއް ޓެސްޓުކޮށްފައެވެ.
ބްލޫމްބާގްގެ "ޕަވާ އޮން" ނިއުސްލެޓަރާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެޕަލް އިން ވަނީ ފަށްޖެހޭ އައިފޯނުގައި މެގްނެޓިކްކޮށް ތަތްކޮށްލެވޭ ފަދަ ކުރު އެޕަލް ޕެންސިލެއްގެ ޕްރޮޓޯޓައިޕް ހަދައި ޓެސްޓުކޮށްފައެވެ. ނަމަވެސް، މި ޓެސްޓުތަކުން ދެއްކި ގޮތުގައި ފޯނު ލައްޕާފައި އޮންނައިރު ދިގު ފަރާތުގައި ޕެންސިލް ތަތްކޮށްފައި ހުރުމުގެ ސަބަބުން، ފޯނު ހުޅުވަން އުނދަގޫވެ، ޕެންސިލް ބޭނުން ނުކުރި ނަމަވެސް ސްކްރީން ހުޅުވުމަށްޓަކައި ޕެންސިލް ވަކިކުރަން ޖެހޭ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ.

އެޕަލް އިން ވަނީ ފަށްޖެހޭ އައިފޯނުގައި މެގްނެޓިކްކޮށް ތަތްކޮށްލެވޭ ފަދަ ކުރު އެޕަލް ޕެންސިލެއްގެ ޕްރޮޓޯޓައިޕް ހަދައި ޓެސްޓުކޮށްފައި ---
މީގެ އިތުރުން، ފަށްޖެހޭ ސްކްރީން ހަދާފައިވާ ގޮތާއި އޭގެ ނާޒުކުކަމުގެ ސަބަބުން، އެޕަލް ޕެންސިލް ބޭނުންކުރުމުން ސްކްރީނުގައި ކޫރުން އެޅިދާނެ ކަމުގެ ކަންބޮޑުވުން ވެސް އޮތުމާއެކު، ފުރަތަމަ ޖީލުގެ މި ފޯނުގައި ޔޫއެސްބީ-ސީ ވާޝަންގެ ޕެންސިލް ހިމެނޭހެން އެއްވެސް ވައްތަރެއްގެ އެޕަލް ޕެންސިލެއް ސަޕޯޓެއް ނުކުރާނެއެވެ. އެހެންނަމަވެސް ކުރިއަށް އޮތް މޮޑެލްތަކުގައި މިކަން ބަދަލުވުމުގެ ފުރުޞަތު އެބައޮތެވެ.
މި ނިންމުމުގެ ސަބަބުން، އައިޕެޑް މިނީ އާއި އައިފޯނުގެ ބަދަލުގައި އައިފޯން އަލްޓްރާ ބޭނުންކުރަން ވިސްނާ ފަރާތްތަކުން، ޚާއްޞަކޮށް ކުރެހުމަށް އައިޕެޑް މިނީ ބޭނުންކުރާ ފަރާތްތަކަށް އެ ފުރުޞަތު މި ފޯނަކުން ނުލިބޭނެއެވެ. ނަމަވެސް، އިނގިލީގެ ސިގްނަލް ކޮޕީކޮށްގެން މަސައްކަތްކުރާ ތިންވަނަ ފަރާތްތަކުގެ އާދައިގެ ކެޕޭސިޓިވް ސްޓައިލަސްތައް (ރަބަރު ކޮޅުލީ ނުވަތަ ޗާޖުކުރާ ވައްތަރުތައް) މި ފޯނުގައި ބޭނުންކުރެވޭނެ ނަމަވެސް، އޭގެއިން މާ ބޮޑު ސައްޙަކަމެއް ނުވަތަ ޕްރެސިޝަނެއް ނުލިބޭނެއެވެ.
އައިފޯން އަލްޓްރާ އަދި އައިފޯން 18 ޕްރޯ ރަސްމީކޮށް ދައްކާލުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ އެޕަލްގެ "ސަޕްރައިޒް އެންޑް ޝައިން" އިވެންޓުގައެވެ.
މި އިވެންޓަށްފަހު ފޯނަށް ޕްރީ-އޯޑަރު ކުރުމުގެ ފުރުޞަތު ހުޅުވާލި ނަމަވެސް، ޕްރީ-އޯޑަރާއި ފޯނު ބާޒާރަށް ނެރޭނެ ސީދާ ތާރީޚުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.