މަޝްހޫރު "ކޭޖީއެފް" ސީރީސްގެ ފިލްމުތަކުން ބޮޑު މަޝްހޫރުކަމެއް ހޯދި ކަންނާޑާ އެކްޓަރު ޔަޝްގެ އެންމެފަހު ފިލްމު "ޓޮކްސިކް"އަށް މިހާތަނަށް 250.75 ކްރޯޑު ރުޕީސް (26.2 މިލިއަން އެމެރިކާ ޑޮލަރު)ގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި ފިލްމު ރިލީޒްކުރިތާ އެންމެ ހަ ދުވަސްތެރޭ މިހާބޮޑު އާމްދަނީއެއް ފިލްމަށް ލިބިފައިވާއިރު ފިލްމު އުފައްދަން ދިޔަ ޚަރަދު 500 ކްރޯޑު ރުޕީސް އާއި 1000 ކްރޯޑު ރުޕީސްއަށް އަރައެވެ.
ގީތޫ މޯހަންދާސް ޑައިރެކްޓްކޮށް ޕްރޮޑިއުސަރުންގެ ޓީމުގައި ޔަޝްވެސް ހިމެނޭ "ޓޮކްސިކް" ބެލުމަށް ވަން މީހުންގެ ނިސްބަތަށް ބަލާއިރު، ހިންދީ ބަހަށްވުރެ ކަންނަޑާ ބަހުން ފިލްމު ދެއްކި ސިނަމާތަކުގެ އޮކިއުޕެންސީ ނިސްބަތުން މަތިއެވެ. ކަންނަޑާ ވާޝަނަށް 47.23 އިންސައްތަ އޮކިއުޕެންސީއެއް ލިބުނުއިރު، ހިންދީ ވާޝަނަށް ލިބުނީ 26.19 އިންސައްތައެވެ.

ފިލްމު "ޓޮކްސިކް"ގެ ކާސްޓުގައި ހިމެނޭ ބަތަލާއިން--ފޮޓޯ/އެންޑީޓީވީ
ފިލްމު "ޓޮކްސިކް"އަށް ބެލުންތެރިންގެ ފަރާތުން ލިބެމުންދަނީ އެކިކަހަލަ ޝުއޫރުތަކެކެވެ. ފިލްމުގައި ޔަޝް ދައްކުވައިދިން އެކްޓިންގް އަދި މަންޒަރުތަކާއި އެކްޝަން ސީންތަކަށް ބައެއް ބެލުންތެރިން ތައުރީފު ކުރަމުންދާއިރު، ފިލްމުގެ ވާހަކަ އާއި ސްޕީޑް އަދި ދިގުމިނާމެދު ބައެއް ބެލުންތެރިން ވަނީ ހިތްހަމަނުޖެހުމާއި މާޔޫސްކަން ފާޅުކޮށްފައެވެ.
މިގޮތަށް ބެލުންތެރިންގެ ހިޔާލު ދެކަފިވެފައިވީ ނަމަވެސް، ސިނަމާތަކުގައި ފިލްމު ދައްކަމުންދާއިރު މި ފިލްމާ ގުޅޭގޮތުން އާންމުންގެ މެދުގައި ކުރެވޭ ބަހުސްތައް ދަނީ އިތުރުވަމުންނެވެ. ބައެއް ކްރިޓިކުންވެސް ފިލްމަށް ފާޑުކިޔާފައިވާއިރު މިއީ ޔަޝްގެ އެކްޓިންގް ހުނަރު އެންމެ ރަނގަޅުގޮތުގައި ބޭނުންކޮށްފައިވާ ފިލްމެއް ނޫންކަމަށް އެއް ބަޔަކު ވަނީ ބުނެފައެވެ.
އެހެންނަމަވެސް މިހާތަނަށް ފިލްމަށް އާމްދަނީގެ ގޮތުން ބޮޑު ފައިދާއެއް ކުރަމުން އަންނައިރު ކުރިއަށް އޮތް ހަފްތާތަކުގައި މިހާރަށްވުރެ ވިޔަފާރި ރަނގަޅުވާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ފާހަގަކޮށްފައެވެ.
މި ފިލްމުގެ މުހިންމު ރޯލުތަކުން ނަޔަންތާރާ، ކިއާރާ އަދުވާނީ، ތާރާ ސުތާރިއާ، ހުމާ ގުރައިޝީ އަދި ރުކްމިނީ ވަސަންތު ފެންނާނެއެވެ.