ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން މަޝްވަރާކޮށްފި

ހުޅުމާލެ ޕޮލިހާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ބޭއްވި ބައްދަލުވުން -- ފޮޓޯ: ފުލުހުން

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ހުޅުމާލެ ޕޮލިހާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މަޝްވަރާކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި ހުޅުމާލެ ޕޮލިހާއި އެޗްޑީސީއާއެކު ބޭއްވި މަޝްވަރާ ބައްދަލުވަކީ މަގުމަތީގެ އެކްސިޑެންޓުތައް ގިނަވެ، ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނާތީ، އެކްސިޑެންޓުތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ހުޅުމާލެ ޕޮލިސް ހެޑް ޗީފް އިންސްޕްކެޓާ އޮފް ޕޮލިސް އިބްރާހީމް ޚަލީލްއާއި، ހުޅުމާލެ ޓްރެފިކް ޕޮލިސް ހެޑް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަޙްމަދު ހަނީފްއާއި، އެހެނިހެން ފުލުހުންގެ އިތުުރުން އެޗްޑީސީގެ ޕްލޭނިން ހެޑް އަޙްމަދު ޝާހިދުއާއި، އެޗްޑީސީގެ އެހެނިހެން އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ފުލުހުން ބުނީ މި ބައްދަލުވުމުގައި، އާންމުކޮށް އެކްސިޑެންޓުތައް ގިނައިން ހިނގާ ކަމަށް ފާހަގަކުރެވޭ ސަރަހައްދުތަކާއި ބާރު ދުވެލީގައި އުޅަނދު ދުއްވާ ސަރަހައްދުތަކުގެ މައުލޫމާތު ހިއްސާކޮށް، އެ ސަރަހައްދުތަކުގައި ހިނގާ ހާދިސާތައް މަދުކުރުމަށް އެޅިދާނެ އަވަސް ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި، ފުޅާދާއިރާއެއްގައި މަޝްވަރާކުރި ކަމަށެވެ. އެގޮތުން، މަގުމަތީގެ ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި މައިގަނޑު ތިން ދާއިރާއަކުން މަސައްކަތް ކުރުމަށް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނު ކަމަށް ފުލުހުން ބުންޏެވެ. އެ ދާއިރާތަކަކީ އިންޖިނިއަރިން، އެންފޯސްމަންޓް އަދި އެޑިއުކޭޝަންގެ ދާއިރާއެވެ.

އަދި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމާއި، ގަވާއިދާ ހިލާފުވެ ބާރަށް އުޅަނދު ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން އަވަސްކުރުމަށާއި، ސުކޫލުތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ވެސް މަޝްވަރާކުރިއެވެ. ހަމައެއާއެކު ރައުންޑްއެބައުޓްތަކާއި ކަފިހިހުރަސްތަކުގެ ސަރަހައްދުތަކުގައި ޓްރެފިކް މެނޭޖުކުރުން މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތަކާމެދު ވެސް މަޝްވަރާކުރި ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން، ކަފިހިހުރަސްތަކުގައި ޕެޑެސްޓްރިއަން ލައިޓް ހަރުކުރުމާއި، މަގުތަކުގެ ކަންމަތި، ކަފިހިހުރަސް އަދި ދުވާރުމަތީގައި ޕާކުކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި އުޅަނދު ދުއްވާ ފަރާތްތަކާއި ހިނގާ މީހުން ވެސް މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަންދޭ މިންވަރު އިތުރުކުރުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކުރި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ފުލުހުން ބުނި ގޮތުގައި މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމެވެ.

comment ކޮމެންޓް