ދިވެހީންނަށް ސްކޮލާޝިޕް ފުރުސަތުތައް ދިނުމަށް އެހީވުމުގެ ގޮތުން 14.7 މިލިއަން ރުފިޔާގެ އެހީ ދިނުމަށް ރާއްޖެއާއި ޖަޕާނާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުއެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ، ސްކޮލަޝިޕް ފުރުސަތުތައް ފަހިކޮށްދޭ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެޒިޑެންޓް ރެޕްރެސެންޓެޓިވް ޓަކި މޮޓޫއެވެ.
މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޕަބްލިކް ސެކްޓަރުގައި މަސައްކަތް ކުރާ މީހުންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް ލިބޭނެއެވެ. އަދި އެ ފުރުސަތުތަކަށް ޖަޕާނުން 152 މިލިއަން ޖަޕަނީސް ޔެން (951,915.81 ޑޮލަރު)ގެ އެހީ ފޯރުކޮށްދޭނެއެވެ.

ޖަޕާނުން އެހީ ދިނުމަށް އެއްބަސްވުމުގައި ސޮއިކުރުން: އެ ގައުމުގެ ބޮޑެތި ޔުނިވާސިޓީތަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިވެހީންނަށް ލިބޭނެ -- ފޮޓޯ/ މަތީ ތައުލީމާ ބެހޭ ވުޒާރާ
އެ އެއްބަސްވުމާ ގުޅޭ ގޮތުން، މަތީ ތައުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ދައުލަތުގެ މީޑިއާއަށް ވިދާޅުވި ގޮތުގައި، ޖަޕާނުގެ ބޮޑެތި ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރުމުގެ ފުރުސަތު މި އެއްބަސްވުމުގެ ދަށުން ލިބޭނެއެވެ.
އޭނާ ވިދާޅުވީ އެ ޕްރޮގްރާމަކީ ބޮޑަށް ސަރުކާރުގެ މުވައްޒަފުންނަށް އަމަޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި އެ ޕްރޮގްރާމުގެ ދަށުން، 2020ގެ ފަހުން މިހާތަނަށް 36 ފުރުސަތެއް ދިވެހީންނަށް ލިބިފައިވާކަން ޝަފީއު ފާހަގަކުރެއްވިއެވެ.
ޖަޕާނަކީ ރާއްޖެއަށް އެކި ދާއިރާތަކުން ބޮޑެތި އެހީތައް ފޯރުކޮށްދެމުން އަންނަ ގައުމެކެވެ.