އެމްޑީޕީގެ ހުސްވެފައިވާ މާލީ ކަންކަމާ ގުޅޭ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު އައްޔަންކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ ގޮތުގައި ދެ ބޭފުޅުން ތިއްބަވައެވެ. އެއީ އިދާރީ ކަންކަމާ ހަވާލުވެވަޑައިގަންނަވާ ޑެޕިއުޓީ ޗެއާޕާސަނަކާއި، މާލީ ކަންކަން ބަލަހައްޓަވާ ޑެޕިއުޓީ ޗެއާޕާސަނެކެވެ.
މާލީ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ ޝިފާޒު އައްޔަންކުރަން ހުށަހެޅުއްވީ، ކުރިއަށްދިޔަ ގައުމީ މަޖިލީހުގެ ޖަލްސާގައި ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް ނަޝީދެވެ. ޝިފާޒު އެ މަގާމަށް އައްޔަންކުރަން ފާސްވީ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 34 މެންބަރުންގެ ތެރެއިން 30 މެންބަރުންގެ ތާއީދާއެކުގައެވެ.
2023 ވަނަ އަހަރު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު އުފެދުނު ޚިޔާލު ތަފާތުވުންތަކާ ގުޅިގެން، ޝިފާޒު ވަނީ އެމްޑީޕީގެ ނައިބު ރައީސްކަމުން އިސްތިއުފާދެއްވުމަށްފަހު "ދަ ޑިމޮކްރެޓްސް" އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ.
ރައީސް ނަޝީދަށް ތާއީދުކުރައްވާ ގިނަ މެންބަރުތަކަކާއެކު ޑިމޮކްރެޓްސްއާ ގުޅިވަޑައިގެން، އެ ޕާޓީގެ ވެސް ނައިބު ރައީސްކަން އޭނާ ކުރެއްވިއެވެ. އޭގެފަހުން ޑިމޮކްރެޓްސްއިން އިސްތިއުފާދެއްވައި، ޝިފާޒު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ޖަނަވަރީ 12 ވަނަ ދުވަހުއެވެ.
މީގެ ކުރިން ޝިފާޒު އެމްޑީޕީގެ ނައިބު ރައީސްކަން ކުރެއްވިިއިރު، ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވީ ރައީސް ނަޝީދެވެ.
އެމްޑީޕީގެ މާލީ ކަންކަމާ ގުޅޭ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ޢަބްދުالله މިދިޔަ ބުދަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ރައީސް ނަޝީދަށް އަޙްމަދު ފޮނުއްވި އިސްތިއުފާގެ ސިޓީގައިވަނީ، އޭނާ މަގާމުން ދުރުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ އެ ޕާޓީގެ ކުރީގެ ރައީސް ޢަބްދުالله ޝާހިދުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކަމަށެވެ.
އަޙްމަދު ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ޗެއާޕާސަނުންނާއި ޑެޕިއުޓީ ޗެއާޕާސަނުންނަކީ އިންތިޚާބުތަކުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ހައްގުތައް ހަމަހަމަކަމާއެކު ހިމާޔަތްކޮށްދޭންޖެހޭ ބޭފުޅުންނެވެ.
އެހެންކަމުން އެފަދަ މަގާމެއްގައި ހުންނަވައިގެން ވަކި ކެންޑިޑޭޓަކަށް ކެމްޕެއިން ކޮށްދެއްވުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.