ބަޖެޓުގައިވާ ވަރަށް ވުރެ އެލްޖީއޭގެ ޚަރަދުތައް އިތުރުވެއްޖެ

އެލްޖީއޭގެ ސީއީއޯ ނިމާލް -- ފޮޓޯ/ އެލްޖީއޭ

އޮގަސްޓު މަސް ނިމުނުއިރު، ކައުންސިލުތަކުގެ ބެލެނިވެރި އިދާރާ ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ)އަށް މި އަހަރު ބަޖެޓުން ކަނޑައެޅި ވަރަށް ވުރެ އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް، ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޮންމެ ހަފުތާއަކު ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެލްޖީއޭއިން ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 41.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ މި އަހަރު އެ އިދާރާއަށް ކަނޑައެޅި ބަޖެޓު ކަމަށްވާ 38.1 މިލިއަން ރުފިޔާއަށް ވުރެ 8.92 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އެލްޖީއޭއިން ޚަރަދުކުރީ 22.5 މިލިއަން ރުފިޔާއެވެ. އެއީ މި އަހަރު ޚަރަދުކުރި ވަރަށް ވުރެ 15.6 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ފާހަގަކުރެވޭ ގޮތުގައި ޚަރަދުތައް ކުޑަކުރުމުގެ ނަމުގައި އަތޮޅު ކައުންސިލުތައް އުވައިލީ މިދިޔަ ޑިސެންބަރު މަހުން ފެށިގެންނެވެ. މިދިޔަ މާރިޗު މަހު ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވި ގޮތުގައި، އަތޮޅު ކައުންސިލުތައް އުވޭ ހިސާބުން އަތޮޅު ކައުންސިލު އިދާރާތައް ހުންނަ އިމާރާތްތަކުގައި ގާއިމުކުރާނީ އެލްޖީއޭގެ އަތޮޅު އޮފީސްތަކެވެ.

މިހާރު އެ އޮފީސްތަކުން އަންނަނީ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.

https://sun.mv/222125

'ސަން'އާ ވާހަކަ ދެއްކެވި އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވީ، އެ އިދާރާގެ ޚަރަދުތައް އިތުރުވީ އެ ސަބަބާ ހެދި ކަމަށެވެ.

އެލްޖީއޭއިން މީގެ ކުރިން ބުނިގޮތުގައި އެ އޮފީސްތަކަކީ އެ އިދާރާގެ ގޮފިތަކެއްގެ ގޮތުގައި މަސައްކަތްކުރާނެ ތަންތަނެވެ. އެ ތަންތަނުގެ މައިގަނޑު މަސައްކަތަކަށް ވާނީ އެލްޖީއޭގެ މައި އޮފީހުން ކައުންސިލުތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ކައުންސިލްތަކަށް ބޭނުންވާ ތަމްރީނުތައް ދިނުން ކަމަށް އެލްޖީއޭއިން ބުނެފައިވެއެވެ.

އޭގެ ސަބަބުން ކައުންސިލުތަކާއި އެލްޖީއޭއާ އޮންނަ ގުޅުން ބަދަހިވެ، ގާނޫނީ ޒިންމާތައް އަދާކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް އެ އިދާރާއިން އޭރު ބުނެފައިވެއެވެ.

comment ކޮމެންޓް