ހުއްދަ ނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ މައްސަލަ: މައުލޫމާތު ހިއްސާކުރަން ޚާއްސަ ނަންބަރެއް

ހުއްދަ ނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ މައްސަލައިގައި މައުލޫމާތު ހިއްސާކުރަން ޚާއްސަ ނަންބަރެއް ކަނޑައަޅައިފި --- ފޮޓޯ/ ފުލުހުން

ހުއްދަނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޓާސްކްފޯހެއް ހަދައި، މައުލޫމާތު ހިއްސާކުރުމަށް ޚާއްސަ ނަމްބަރެއް ފުލުހުން ހަމަޖައްސައިފިއެެވެ.

ފުލުހުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން، ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު، އެ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯހާއި ހިއްސާކުރުމަށް އާންމުންގެ ކިބައިން އެދިފައެވެ.

އަދި އެފަދަ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ޓާސްކްފޯހުގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ވަނީ އެ ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެއްވޭނެ ކަމަށް ބުނެފައެވެ. އަދި އެ ނަންބަރަށް މެސެޖުކޮށް މައުލޫމާތު ހިއްސާކުރައްވާ ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދެވޭނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ އަރުވާފައެވެ.

އަދި މިގޮތަށް މައުލޫމާތު ދެއްވާ ފަރާތްތަކުން، މައްސަލައިގެ ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެކަމަށާއި އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

https://sun.mv/226457

މިދިޔަ މަހުގެ 24ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، ހުއްދަ ނުނަގައި ގަވައިދާ ޚިލާފަށް ފައިސާ އެކްސްޗޭންޖު ކުރަމުންދިޔަ ހަތް ފަރާތެއް ބެލިއިރު، ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އެ ފަރާތްތަކުން 76 މިލިއަން ޑޮލަރު ކަޅުބާޒާރުގައި މާރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރުން ވަނީ، ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކޮށްފައިވެއެވެ. މިގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި އަދި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް