އިންޑިއާގެ މަގުބޫލު ބަތަލާ ރަޝްމިކާ މަންދަނާ ލީޑު ރޯލުން ކުޅެފައިވާ، އިންޑިއާގެ ފުރަތަމަ އަންހެން އެކްޝަން 'ޕޭން-އިންޑިއާ' ފިލްމު "މައިސާ" ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.
މި ފިލްމަކީ، ގަބީލާ ސަރަހައްދެއްގެ އަސަރުގަދަ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ އެކްޝަން ތުރިލާއެކެވެ. ފިލްމު ރިލީޒްކުރާ ތާރީޚާ އެކު އާންމުކުރި އޮފިޝަލް ޕޯސްޓަރުން ފެންނަނީ ލޭތަކުން ތަގައްޔަރުވެފައިވާ ވަރުގަދަ ކެރެކްޓާއެއްގައި ރަޝްމިކާ ހުންނަ މަންޒަރެވެ.
ސޯޝަލް މީޑިއާގައި ފިލްމުގެ ޕޯސްޓަރު ހިއްސާކުރަމުން ރަޝްމިކާ ބުނީ، "މައިސާ" އަކީ ރުޅިވެރިކަމާއި، ހިތްދަތިކަމާއި، ހިތާމަ އަދި އަންހެނުންގެ ކިބައިގައިހުރި ހިތްވަރުގަދަކަން ބެލުންތެރިން ހީވެސްނުކުރާހާ ފަދަ ގޮތަކަށް ސްކްރީނުން ދައްކުވައިދޭނެ ފިލްމެއް ކަމަށެވެ.

ފިލްމު "މައިސާ"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއާޓުޑޭ
މި އަހަރުގެ ނޮވެމްބަރު މަހުގެ 27ގައި ރިލީޒްކުރަން ތައްޔާރަށް އޮތް "މައިސާ"ގެ ޑައިރެކްޓަރަކީ، ދެކުނު އިންޑިއާގެ މަގުބޫލު ފިލްމު ޑައިރެކްޓަރު ރަވިންދްރަ ޕުއްލޭއެވެ. އޭނާގެ އަމިއްލަ ވާހަކައަކަށް ބިނާކޮށް އުފައްދާ މި ފިލްމު އުފައްދާފައި ވަނީ ތެލުގޫ، ހިންދީ، ތަމަޅަ، މަޅަޔާލަމް އަދި ކަންނާޑާ ބަހުންނެވެ.
ފިލްމު "މައިސާ" ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފައި މިވަނީ މި ފިލްމުގެ ލަވައެއް ނެށުމުގެތެރޭ ބަތަލާ ރަޝްމިކާގެ އުނަގަނޑަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށްފަހު އޭނާ އެނބުރި ފިލްމީ މަސައްކަތްތަކާ ގުޅުނުތާ މާގިނަ ދުވަހެއް ނުވަނީހެވެ.
ފިލްމު "މައިސާ"ގެ އިތުރުން ރަޝްމިކާގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެތެރޭ، ފިރިމީހާ/އެކްޓަރު ވިޖޭ ދެވެރަކޮންދާއާ އެކު ކުޅޭ "ރަނާބާލީ" އަދި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ "ޕުޝްޕާ" ފްރެންޗައިސްގެ ތިން ވަނަ ފިލްމުގެ އިތުރުން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު "އެނިމަލް"ގެ ސީކުއަލް "އެނިމަލް ޕާކް" ހިމެނެއެވެ.