އާރިއާނާގެ 'އެޓަނަލް ސަންޝައިން' ޓުއާ ނިންމާލުމަށްފަހު މީޑިއާއާ އެކަހެރިވާން ނިންމައިފި

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭ--ފޮޓޯ/ޕީޕްލް

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ފިލްމީ ތަރި، އާރިއާނާ ގްރާންޑޭ އޭނާގެ 'އެޓާނަލް ސަންޝައިން' ޓުއާ ނިންމާލުމަށްފަހު، މީޑިއާއާ އެކަހެރިވެ މުނިފޫހިފިލުވުމުގެ ދާއިރާއިން ވަގުތީ ބްރޭކެއް ނަގަން ނިންމިކަން އިއުލާނުކޮށްފިއެވެ.

އުމުރުން 33 އަހަރުގެ ޕޮޕް އައިކަންގެ 41 ދުވަހުގެ މި ޓުއާ ނިންމާލާފައިވަނީ ލަންޑަންގެ އޯ2 އެރީނާގައި ބޭއްވި 10 ކޮންސަޓުގެ ތެރެއިން އެންމެ ފަހު ޝޯއަށްފަހުއެވެ. އެމެރިކާ، ކެނަޑާ އަދި އިނގިރޭސިވިލާތުގައި ބޭއްވި ސިލްސިލާ ޝޯތަކަށްފަހު ސޭޖުން އާންމުންނާ ވަކިވަމުން އާރިއާނާ ވަނީ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށް، މިއީ އޭނާގެ ހަޔާތުގައި ކުރެވުނު އެންމެ ހާއްސަ އަދި އުފާވެރި ތަޖުރިބާގެ ގޮތުގައި ސިފަކޮށްފައެވެ.

"އަހަރެން އަބަދުވެސް މި ހަނދާންތައް އާކުރާނަން. އަހަރެންގެ ސަޕޯޓަރުންނަކީ މުޅި ދުނިޔޭގައިވެސް ތިބި އެންމެ ހިތް ސާފު، އެންމެ ރަނގަޅު ސަޕޯޓަރުން،" ޝޯ ނިންމާލަމުން އާރިއާނާ ބުނެފައިވެއެވެ.

އާރިއާނާ ގްރާންޑޭ ފިލްމު "ވިކެޑް"ގެ މަންޒަރެއްގައި--ފޮޓޯ/ޕީޕްލް

މީޑިއާތަކުގެ ފިއްތުންތަކާ ދުރުވެ، އަމިއްލަ ސިއްހަތާއި އުފާވެރިކަމަށް އިސްކަންދިނުމުގެ ގޮތުން ބްރޭކެއް ނަގަން ނިންމިކަން އޭނާގެ މެނޭޖްމަންޓުން މިދިޔަ އޮގަސްޓް މަހުވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ޓުއާގެ ފަހު ޝޯތަކަށް ތައްޔާރުވަމުން ދަނިކޮށް ފަޔަށް ލިބުނު ކުޑަ އަނިޔާއަކާ ގުޅިގެން، އޭނާގެ އާންމު ސްޓައިލް ކަމަށްވާ އުސް ބޫޓު ދޫކޮށްލަން ޖެހުނު ނަމަވެސް، ޝޯގެ ފޯރިއަށް އެއްވެސް އުނިކަމެއް އައިސްފައެއް ނުވެއެވެ. ސަޕޯޓަރުން ވަނީ އާރިއާނާގެ މަޝްހޫރު 'ކެޓް-އިއާ' އަދި 'ޕޮނީޓޭލް' ސްޓައިލްގައި ހާޒިރުވެ، އޭނާއަށް ބޮޑު ތަރުހީބެއް ދީފައެވެ.

އާރިއާނާގެ ކެރިއަރު އެންމެ ފުރަތަމަ ފެށުނީ ބްރޯޑްވޭ މިއުޒިކަލްތަކުންނާއި، ނިކެލޮޑިއަންގެ މަޝްހޫރު ޓީވީ ޝޯ "ވިކްޓޯރިއަސް"އިންނެވެ.

އޭނާ ވަނީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ މިއުޒިކް ކާމިޔާބީތައް ހޯދައި، ގްރެމީ އެވޯޑް ވެސް ހާސިލްކޮށްފައެވެ. އޭނާގެ މަޝްހޫރު އަލްބަމްތަކުގެ ތެރޭގައި "ތޭންކް ޔޫ، ނެކްސްޓް"، "ސްވީޓްނާ" އަދި ދާދިފަހުން ނެރުނު "އެޓާނަލް ސަންޝައިން" ހިމެނެއެވެ.

comment ކޮމެންޓް