އެމްޑީޕީގެ ސަރުކާރުތަކާ އަޅާބަލާއިރު މި ސަރުކާރުގައި މަސްވެރިން މަހެއް ނުބާނާ: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: އޭނާ ވަނީ އެމްޑީޕީގެ ސަރުކާރުތަކާ އަޅާބަލާއިރު މި ސަރުކާރުގައި މަސްވެރިން މަހެއް ނުބާނާ ކަމަށް ވިދާޅުވެފައި --- ސަން ފޮޓޯ/ މޫސާ ނަދީމް

ނިމިގެންދިޔަ އެމްޑީޕީގެ ސަރުކާރުތަކާ އަޅާބަލާއިރު މި ސަރުކާރުގައި މަސްވެރިން މަސް ނުބާނާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ މީގެ ކުރީގެ އެއްވެސް ސަރުކާރެއްގެ ދުވަސްވަރު ރާއްޖޭގެ ރައްޔިތުން ފަގީރު ނުވާ ވަރަށް މިހާރު ރާއްޖޭގެ ރައްޔިތުން ފަގީރުވެފައިވާކަން، ރަނގަޅަށް ވިސްނާލައިފިނަމަ އެނގޭނެ ކަމަށެވެ.

އެގޮތުން މީގެ ކުރީން 10،000 ރުފިޔާއަށް ގަނެވޭ ތަކެތީގެ ދެބައިކޮށްފައި އެއްބައި ވެސް މިހާރު 10،000 ރުފިޔާއަށް ގަންނަން ނުލިބޭނެ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިހާރު އެތަކެތި ގަންނަނަމަ 20،000 ރުފިޔާ ޚަރަދުކުރަން ޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަމީރު ވަނީ ރައްޔިތުންގެ މުސާރަ ބޮޑުނުވާ ކަމަށާއި ކުންފުނިތައް ބަނގުރޫޓުވަމުންދާކަަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މީގެ ކުރީން ރައްޔިތުން ފަގީރުނުވާ މިންވަރަށް މިހާރު ފަގީރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑު ކުޑަކޮށް ދިރާސާ ކޮށްލީމާ މި އެނގެނީ. ކޮންމެ ރައްޔިތަކު 2023 އާއި އަޅާބަަލާއިރު، ރާއްޖޭގެ ކޮންމެ ރައްޔިތަކު ގާތްގަނޑަކަށް 30 ޕަސެންޓާ 40 ޕަސެންޓާ ދެމެދު މިވަނީ ފަގީރުވެފައި. މިއީ ކުޑަ ކަމެއް ނޫން. އަޅުގަނޑުމެންގެ ރާއްޖޭގެ، ވިޔަފާރިތައް އެއްކޮށް ބަނގުރޫޓުވެއްޖެ. އިތުރަށް ބަނގުރޫޓު ވާކަށް ނެތް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

އަމީރު ވަނީ މި ސަރުކާރަކީ ސީދާ ރައްޔިތުންގެ ޖީބަށް އަތް ބާނައިގެން ރައްޔިތުން ފަގީރުކުރަމުންދާ ސަރުކާރެއް ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވަނީ މިއީ "ސުންޕާ ސަރުކާރެއް" ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީއިން މިރޭ 40 ޕަސެންޓުގެ ނަމުގައި ބޭއްވި ހަރުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ: އެމްޑީޕީ
ތިބޭފުޅުން ބައްލަވާ ރާއްޖޭގެ މަސްވެރިކަމަށް. މަސްވެރިން މަހެއް ނުބާނާ. އަޅުގަނޑުމެންގެ ސަރުކާރުތަކާ އަޅާބަލާއިރު މިހާރު އެއްވެސް ގޮތަކަށް މަހެއް ނުބާނާ. ހަމަ ސީދާ މި މީހުންގެ ސުންޕާ ކަމުން. ރާއްޖޭގެ އެހެން ވިޔަފާރިތަކަށް ބަލާނަމަ، މިހާރު އޮތީ ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތް އެކަނި. މިހާރު އެދަނީ މި މީހުންގެ ސުންޕާ ކަމުން ފަތުރުވެރިކަމުގެ ސިނާއަތް ވެސް ހަލާކުވަމުން،ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

އަމީރު ވަނީ ރާއްޖޭގެ ވިޔަފާރިތައް ބަނގުރޫޓުވަމުންދަނީ މި ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން ފަގީރުވަމުން ދަނީ ސަރުކާރުގެ ސުންޕާ ކަމުގެ ސަބަބުން ކަމަށް އަމީރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

https://sun.mv/226872

މަސްވެރިން މަސް ނުބާނާ ކަމަށް އަމީރު ވިދާޅުވިއިރު ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޖުލައި މަހާ އަޅާބަލާއިރު މަސްވެރިކަން ދަށްވެ، މިދިޔަ މަހު މަސްވެރިންނަށް ދޫކުރި ފައިސާ ވަނީ ދައްވެފައެވެ.

comment ކޮމެންޓް