މީޑިއާގެ ސަމާލުކަން މާބޮޑަށް ލިބޭތީ އަނުޝްކާ އާއި ވިރާތު އިންޑިއާ ދޫކޮށް ބޭރު ގައުމަކަށް ދިރިއުޅުން ބަދަލުކުރަނީ

އިންޑިއާގެ ބަތަލާ އަނުޝްކާ ޝަރުމާ ފިރިމީހާ ވިރާޓު ކޯލީއާ އެކު--ފޮޓޯ/އިންޑިއާޓުޑޭ

އިންޑިއާގައި އާންމުންނާއި މީޑިއާގެ ސަމާލުކަން މާބޮޑަށް އޮތުމުގެ ސަބަބުން، ދިރިއުޅުމުގެ އަމިއްލަ މިނިވަންކަން ގެއްލިފައިވާތީ، އިނގިރޭސިވިލާތުގެ ލަންޑަނަށް ދިރިއުޅުން ބަދަލުކުރުމާ މެދު ވިސްނަމުންދާ ކަމަށް މަޝްހޫރު ބޮލީވުޑް ބަތަލާ އަނުޝްކާ ޝަރުމާ ބުނެފައިވާ ކަމަށް، ބަތަލާ މަދޫރީ ޑިކްސިޓްގެ ފިރިމީހާ ޑރ. ޝްރީރާމް ނޭނޭ ހާމަކުރައްވައިފިއެވެ.

ޑރ. ނޭނޭ ބުނިގޮތުގައި މި ދެމަފިރިން މިފަދަ ނިންމުމެއް ނިންމީ، ލިބިފައިވާ ދެ ކުދިންނަށް އަމިއްލަ މިނިވަންކަމާ އެކު އާދައިގެ ދިރިއުޅުމެއް ހޯދައިދިނުމުގެ މަގުސަދުގައެވެ.

ޔޫޓިއުބަ ރަންވީރު އައްލާބާދިއާގެ ޕޮޑްކާސްޓް ޝޯގައި ވާހަކަދައްކަމުން ޑރ.ނޭނޭ ބުނީ ވިރާޓް އާއި އަނުޝްކާ އަކީ ވަރަށް ހިތްހެޔޮ، އަދި ގިނަ ބަޔަކު އިޙުތިރާމްކުރާ ދެމަފިރިން ކަމަށެވެ.

އިންޑިއާގައި އާއްމުންނާއި މީޑިއާގެ ފަރާތުން އެ މީހުންނަށް ލިބޭ ބޮޑު ސަމާލުކަމުގެ ސަބަބުން، ލިބިފައިވާ ކާމިޔާބީގެ އުފާ ފުރިހަމައަށް ހޯދުމަށާއި އާދައިގެ ދިރިއުޅުމެއް އުޅުމަށް ދަތިތަކާ ކުރިމަތިވާ ކަމުގެ ވާހަކަ އަނުޝްކާ ހިއްސާކުރި ކަމަށް ޑރ.ނޭނޭ ބުނެފައިވެއެވެ.

ބަތަލާ މަދޫރީގެ ދެމަފިރިން އަދި އަނުޝްކާ ފިރިމީހާ ވިރާޓުއާ އެކު--ފޮޓޯ/އިންޑިއާޓުޑޭ

"ކުރާ ކޮންމެ ކަމަކަށް އާންމުންގެ ލޯތައް ހުއްޓިފައި އޮތުމަކީ ބައެއް ފަހަރު މީހާ އެކަހެރިވާ ކަމެއް. ކޮންމެ ވަގުތަކީ ސެލްފީ ނަގަން ޖެހޭ ވަގުތަކަށް ވެގެން ދިއުމަކީ ގޮންޖެހުމެއް،" އަމިއްލަ ތަޖުރިބާ ހިއްސާކުރަމުން ޑރ. ނޭނޭ ބުނެފައިވެއެވެ.

ދެހާސްސަތާރަ ވަނަ އަހަރުގެ ޑިސެމްބަރު މަހު ކައިވެނިކޮށްފައިވާ ވިރާޓު އާއި އަނުޝްކާގެ އާއިލާ މި ފަހަކަށް އައިސް ގިނަ ވަގުތު ހޭދަކުރަމުން ދަނީ ލަންޑަންގައެވެ. މިއީ އިންޑިއާގެ ސަމާލުކަމާ ދުރުގައި، އެ މީހުން ބޭނުންވާ ފަދަ އަމިއްލަ މިނިވަން ދިރިއުޅުމެއް އުޅުމަށް ލިބުނު ފުރުސަތެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އެމެރިކާގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅުމަށްފަހު އިންޑިއާއަށް ބަދަލުވި ޑރ. ނޭނޭ ފާހަގަކުރި ގޮތުގައި، އެމެރިކާ ފަދަ ގައުމުތަކުގައި އާންމުންގެ ތެރޭގައި ފާހަގަނުވެ، މިނިވަންކަމާ އެކު އުޅުމުގެ ފުރުސަތު އޮތް ނަމަވެސް، މަޝްހޫރު ފަރާތްތަކަށް އިންޑިއާގައި އެފަދަ މިނިވަންކަމެއް ނޯވެއެވެ.

ދެހާސްއަށާރަ ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޒީރޯ"އަށް ފަހު އަނުޝްކާ ފިލްމީ މަސައްކަތްތަކާ ދުރުގައި އުޅޭތާ މިހާރު އަހަރުތަކެއް ވަނީ ވެފައެވެ. މީގެއިތުރުން، އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް 'ކްލީން ސްލޭޓް ފިލްމްސް' އިންވެސް އަނުޝްކާ ވަނީ 2022 ވަނަ އަހަރު ވަކިވެފައެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި އަނުޝްކާ ފިލްމީ ދާއިރާއިން ފެނުމާމެދު ވެސް ގިނަބަޔަކު އަންނަނީ ސުވާލުތަކެއް ކުރަމުންނެވެ.

އަނުޝްކާގެ ފިރިމީހާ ވިރާޓު ކޯލީ އަކީ ދުނިޔޭގެ ކްރިކެޓް ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ އެންމެ މޮޅު އެއް ބެޓްސްމަނެވެ. އިންޑިއާގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ކޯލީ ވަނީ 2024 ވަނަ އަހަރުގެ އައިސީސީ ޓީ-20 ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު، އޭނާ ބައިނަލްއަގްވާމީ ޓީ-20 ފޯމެޓުން ރިޓަޔާވިކަން އިއުލާނުކޮށްފައެވެ.

ކުރު ފޯމެޓާ ދުރަށް ޖެހުނު ނަމަވެސް، ކޯލީ އަދިވެސް އަންނަނީ އިންޑިއާގެ ޓެސްޓް އަދި އެއްދުވަހުގެ (އޯޑީއައި) ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. މީގެއިތުރުން، އައިޕީއެލް ފެށުނީއްސުރެ ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ)އަށް ކުޅެމުން އަންނަ ކޯލީއަކީ މިއަދު ވެސް އެ ޓީމުގެ މައިބަދައެވެ.

އުމުރުން 35 އަހަރު ފުރިފައިވީ ނަމަވެސް، ކޯލީ ފާހަގަކުރެވެނީ ދުނިޔޭގެ ކްރިކެޓްގައި ހުރި އެންމެ ފިޓްނަސް ވަރުގަދަ އެއް އެތުލީޓުގެ ގޮތުގައެވެ. ކެޕްޓަންކަން ދޫކޮށްލާފައި ވީނަމަވެސް، ޓީމުގެ ތަޖުރިބާކާރު އިސް ކުޅުންތެރިއެއްގެ ހައިސިއްޔަތުން، ޒުވާން ކުޅުންތެރިން ބިނާކުރުމާއި އެ ކުޅުންތެރިންނަށް މަގު ދައްކައިދިނުމުގައި އޭނާ އަދާކުރަނީ ނުހަނު އަގުހުރި ދައުރެކެވެ.

comment ކޮމެންޓް