ވީއޭއެމް ކަޕް: ހުރާ ކޮމިއުނިޓީ ކުލަބާއި ޕޮލިސް ކުލަބު ސެމީއަށް

ވީއޭއެމް ކަޕުގެ އަންހެން ޑިވިޝަނުގައި ހުރާ ކޮމިއުނިޓީ ކުލަބާއި ސިޓީ ފްރެންޑްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލަށް ޕޮލިސް ކުލަބާއި ހުރާ ކޮމިއުނިޓީ ކުލަބު ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ މި ދެ ޓީމުން ކަށަވަރުކުރީ ބުރާސްފަތި ދުވަހު ކުޅުނު މުބާރާތުގެ ގްރޫޕް ފިޔަވަހީގެ އެންމެ ފަހު މެޗުތައް ކާމިޔާބުކޮށްގެންނެވެ.

ސެމީ ފައިނަލުގެ ޖާގަ ހުރާ ކޮމިއުނިޓީ ކުލަބުން ހޯދާފައިވަނީ ޕޫލް އޭގައި ސިޓީ ފްރެންޑްސް ކުލަބާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ސެޓުތައް ހުރާ ކޮމިއުނިޓީ ކުލަބުން ކާާމިޔާބުކޮށްފައިވަނީ 25–23، 25–18، 22–25 އަދި 25–17 ގެ ނަތީޖާއަކުންނެވެ.

ވީއޭއެމް ކަޕުގެ އަންހެން ޑިވިޝަނުގައި ހުރާ ކޮމިއުނިޓީ ކުލަބާއި ސިޓީ ފްރެންޑްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ

މީގެ އިތުރުން ސެމީ ފައިނަލުގެ ޖާގަ ޕޮލިސް ކުލަބުން ހޯދާފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ސެޓުތައް ޕޮލިހުން ކާމިޔާބުކޮށްފައިވަނީ 25–23، 25–11، އަދި 25–14 ގެ ނަތީޖާއަކުންނެވެ.

ވީއޭއެމް ކަޕުގެ އަންހެން ޑިވިޝަނުގައި ޕޮލިސް ކުލަބާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ

މި ނަތީޖާއާއެކު ޕޫލް އޭގައި ހިމެނޭ ސިޓީ ފްރެންޑްސް ކުލަބާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނަށް ވަނީ މުބާރާތުގައި ކުރިއަަށްދިއުމުގެ ދޮރުތައް ބަންދުވުމުން މުބާރާތުން ކަޓާފައެވެ. މި ޕޫލްގެ ތިންވަނައިގައި ސިޓީ ފްރެންޑްސް ކުލަބު ތިން ޕޮއިންޓާއެކު އޮތީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަތުން ހޯދި މޮޅާއެކު އެވެ.

ޕޫލް އޭގެ މެޗުތައް ނިމުނުއިރު ގްރޫޕް އެތުރިފައިވާ ގޮތް--

އެއާއެކު ހުކުރު ދުވަހު ކުރިއަށްދާނީ ޕޫލް ބީގެ ފަހު މެޗުތަކެވެ. އެގޮތުން ޕޫލް ބީގައި ހުކުރު ދުވަހުގެ ހަވީރު 16:15 ގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯއާއި ރާއްޖެ ވޮލީ ކުލަބެވެ. އަދި އެރޭ 20:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުލަބު އެމްޓީސީސީއާއި ޖީޖީ ސްޕޯޓްސް އެކަޑަމީއެވެ.

ވީއޭއެމް ކަޕުގެ އަންހެން ޑިވިޝަނުގެ ހުރިހާ މެޗެއް ސަން ޕްލޭއިން ވަގުތުން ގެނެސްދޭނެއެވެ. ސަބްސްކްރިޕްޝަން އާއެކު ސަން ޕްލޭ އެޕުން މުބާރާތުގެ ކޮންމެ މެޗެއް ބެލުމުގެ ފުރުސަތު ލިބެއެވެ. ކޮންމެ މެޗެއްގެ އޮންލައިން ޓިކެޓުގެ އަގަކީ 25 ރުފިޔާއެވެ. އަދި މެޗު ބަލަން ސޯޝަލް އިންޑޯއަށް ވަންނަ ސަޕޯޓަރުންނަށް ޓިކެޓު ވިއްކާ އަގަކީ 30 ރުފިޔާއެވެ. ކޮންމެ މެޗެއް ފެށުމުގެ އެއް ގަޑިއިރު ކުރިން ސޯޝަލްގައި މެޗު ޓިކެޓު ވިއްކަން ފަށާނެއެވެ.

comment ކޮމެންޓް