ޕައިލެޓެއްގެ ޑްރަގް މައްސަލައާ ގުޅިގެން މެލޭޝިއާއިން 6 މީހަކު ހައްޔަރުކޮށްފި

އިންޑޮނޭޝިއާގެ ޖަކާޓާއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މެލޭޝިއާ އެއާލައިންސްގެ ޕައިލެޓެއްގެ މައްސަލައާ ގުޅިގެން، މެލޭޝިއާއިން ހަ މީހަކު ހައްޔަރުކޮށްފިއެވެ.

ބުކިޓް އަމާން ނާކޮޓިކްސް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (އެންސީއައިޑީ) ގެ ޑިރެކްޓަރު ކޮމިޝަނަރު ހުސައިން އުމަރު ޚާން ވިދާޅުވި ގޮތުގައި، އުމުރުން 23 އަހަރާއި 50 އަހަރާ ދެމެދުގެ މި ހަ މީހުން ހައްޔަރުކުރީ މިދިޔަ އޮގަސްޓު މަހުގެ 20 އިން 28 އަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. މި މީހުންނަކީ ޕައިލެޓަށް މަސްތުވާތަކެތި ފޯރުކޮށްދިން ސަޕްލަޔަރުންނާއި ކޫރިއަރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ 1985 ވަނަ އަހަރުގެ ޑޭންޖަރަސް ޑްރަގްސް (ސްޕެޝަލް ޕްރިވެންޓިވް މެޝާސް) އެކްޓުގެ ދަށުންނެވެ. މި ގާނޫނުގެ ދަށުން، ތަހުގީގު ފުރިހަމަކުރުމަށްޓަކައި 60 ދުވަހުގެ މުއްދަތަކަށް މީހުން ބަންދުގައި ބޭތިއްބުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. ހުސައިން ވިދާޅުވި ގޮތުގައި، މި މައްސަލައިގެ ތަހުގީގުން ލިބޭ މައުލޫމާތު އިންޑޮނޭޝިއާގެ ފުލުހުންނާ ހިއްސާކުރާނެއެވެ.

https://www.sun.mv/225390

މި މައްސަލައިގައި ހިމެނޭ އުމުރުން 39 އަހަރުގެ ކޯ-ޕައިލެޓު ހައްޔަރުކުރީ ޖުލައި 28 ވަނަ ދުވަހު ކުއަލަލަމްޕޫރުން ފުރައިގެން މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް727 ގައި ޖަކާޓާގެ ސުކަރްނޯ-ހައްޓާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔުމުންނެވެ. އޭނާ ހައްޔަރުކުރީ އެ ރޭ 11:30 ހާއިރު، އޭނާގެ ލަގެޖް އެކްސްރޭ ކުރުމުގެ ތެރޭގައި ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިގެން ބަލައި ފާސްކުރުމަށްފަހުގައެވެ.

އިންޑޮނޭޝިއާގެ ކަސްޓަމްސް އޮފިސަރުން އޭނާގެ ލަގެޖް ފާސްކުރިއިރު، 25 ކިލޯގެ 70،114 އެކްސްޓަސީ ގުޅަ ހުރި 14 ޕެކޭޖު ފެނިފައިވެއެވެ. އަދި އޭނާގެ އަތްދަބަހުން ހަތަރު ގްރާމްގެ މެތަމްފެޓަމީން ވެސް ފެނިފައިވެއެވެ. މި ތަކެތީގެ އަގު 45 މިލިއަން ރިންގިޓް (11 މިލިއަން އެމެރިކާ ޑޮލަރު) އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

https://www.sun.mv/226134

އިންޑޮނޭޝިއާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖަކާޓާއަށް މި މަސްތުވާތަކެތި އެތެރެކޮށްދިނުމުން ޕައިލެޓަށް 50،000 ރިންގިޓް ދިނުމަށް އޮތީ އެއްބަސްވެފައެވެ. އަދި މި ތަކެއްޗާ ހަވާލުވުމަށް ހަމަޖެހިފައި އޮތީ ޖަކާޓާގެ ހޮޓަލަކުން އެހެން މީހެކެވެ. މެލޭޝިއާއިން މި ހަ މީހުން ހައްޔަރުކުރީ، އޮގަސްޓު 11 އިން 15 އަށް ޖަކާޓާއަށް ގޮސް މެލޭޝިއާގެ ފުލުހުން ޕައިލެޓާ ސުވާލުކޮށް ހޯދި މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

comment ކޮމެންޓް