މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ނުވަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
މިދިޔަ އަންގާރަ ދުވަހު ހިންގި މި އޮޕަރޭޝަންގައި މާލޭގެ ގެސްޓުހައުސްއެއް ބަަލައިފާސްކޮށްފައިވާއިރު، އެ ތަނުގެ ތެރެއިން މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ނުވަ ފިރިހެނުންނެވެ.
އެއީ އުމުރުން 35 އަހަރުގެ ތޯހިދުލް އިސްލާމްއާއި، 37 އަހަރުގެ މޮނީރް ބެޕާރީއާއި، 46 އަހަރުގެ ޖަކިރް މުންޝިއާއި، 37 އަހަރުގެ އެމް.ޑީ އަބު ޒަބެރް ޕްރަމަނިކުގެ އިތުރުން 23 އަހަރުގެ އެމް.ޑީ އުސްމާންއެވެ. މީގެ އިތުރުން 34 އަހަރުގެ މޮހައްމަދު ބަބްލޫ އަލީއާއި، 32 އަހަރުގެ އެމް.ޑީ ރައިހާންއާއި، 34 އަހަރުގެ އަފްރަނުލް ހޮގް އާޝިކު އަދި 30 އަހަރުގެ މުޙައްމަދު ރަކިބް ހޮސެއިން ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު މި ނުވަ މީހުން ވެސް މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ބިދޭސީން ހައްޔަރު ކުރާ އަދަދު ވަނީ އިތުރުވެފައެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.