އައިއެފްއޭ 2026ގައި ލެނޯވޯގެ އައު ލެޕްޓޮޕްތަކާއި ޕީސީތައް ދައްކާލައިފި

ޖަރުމަނުގެ ބާލިންގައި މިހާރު ކުރިއަށްދާ އައިއެފްއޭ 2026 ޓެކްނޮލޮޖީ މައުރަޒުގައި މަޝްހޫރު ޓެކް ކުންފުނި ލެނޯވޯއިން އެ ކުންފުނީގެ އައު ލެޕްޓޮޕްތަކާއި ޑެސްކްޓޮޕް ޕީސީތައް ރަސްމީކޮށް ދައްކާލައިފިއެވެ.

މި ފަހަރު ތައާރަފުކުރި އުފެއްދުންތަކުގެ ތެރޭގައި އައިޑިއާޕެޑް ވައިބް ސީރީޒް އާއި، ތިންކްބުކް 14 ޖެން 9ގެ އިތުރުން ޔޯގާ ޕްރޯ 9އެން އަދި ޔޯގާ 9އެން 2-އިން-1 އަދި އައިޑިއާސެންޓަރ އޭއައިއޯ އައި ހިމެނެއެވެ. މި ހުރިހާ ޑިވައިސްތަކަކީ ވެސް ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ފީޗާތައް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ އުފެއްދުންތަކެކެވެ.

މި އުފެއްދުންތަކުގެ ތެރެއިން އައިޑިއާޕެޑް ވައިބް ސީރީޒް ނެރެނީ 14 އިންޗި އަދި 15 އިންޗީގެ ސައިޒުގައެވެ. މި ސީރީޒްގައި ކުއާލްކޮމް ސްނެޕްޑްރެގަން އެކްސް ނުވަތަ އޭއެމްޑީ ރައިޒަން އޭއައި 400 ސީރީޒް ޕްރޮސެސަރު ހިމެނޭ މޮޑެލްތައް ޚިޔާރުކުރެވެއެވެ. އަދި މައިކްރޮސޮފްޓްގެ ކޯޕައިލޮޓް+ ޕީސީ ފީޗާތަކަށް ސަޕޯޓްކުރާއިރު، ކުއާލްކޮމް މޮޑެލްތަކުގައި 24 ޖީބީއާ ހަމައަށް ރެމް އަދި އޭއެމްޑީ މޮޑެލްތަކުގައި 32 ޖީބީއާ ހަމައަށް ސްޓޯރޭޖް ނުވަތަ ރެމް ހުންނާނެއެވެ. އެއް ޓީބީގެ އެސްއެސްޑީ ސްޓޯރޭޖާއި، 100 އިންސައްތަ ޑީސީއައި-ޕީ3 ކަލާ ކަވަރޭޖް ލިބޭ އޯލެޑް ޑިސްޕްލޭ ހިމެނޭ މި ލެޕްޓޮޕްތަކުގެ ބަރުދަނުގައި ހުންނަނީ އެންމެ 1.3 ކިލޯގްރާމެވެ.

ލެނޯވޯގެ މިހުރިހާ އުފެއްދުމެގައި ވެސް ވަނީ ޒަމާނީ އޭއައި ފީޗާތައް ހިމަނާފައި ----

މީގެ އިތުރުން 65 ވޮޓްގެ ބެޓެރިއެއް ހިމެނޭ މި ސީރީޒްގެ އަގު ފެށެނީ 799 ޔޫރޯ އިން ކަމަށްވާއިރު، މި އަހަރުގެ އޮކްޓޫބަރު މަހު ބާޒާރަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

ވިޔަފާރި މަސައްކަތްތަކަށް ޚާއްސަ ލެނޯވޯ ތިންކްބުކް 14 ޖެން 9 ބިނާކޮށްފައިވަނީ ސްނެޕްޑްރެގަން އެކްސް2 ޕްލަސް ޕްލެޓްފޯމަށެވެ. މި ޑިވައިސް އިން 80 ޓޮޕްސް އާ ހަމައަށް އޭއައި ޕާފޯމަންސް ފޯރުކޮށްދޭއިރު، 14 އިންޗީގެ 2.8ކޭ ރިޒޮލިއުޝަން އަދި 400 ނިޓްސްގެ އަލިގަދަ ޑިސްޕްލޭއެއް ހިމެނެއެވެ. މީގެ އެންމެ މަތީ މޮޑެލްގައި ޓަޗް ސްކްރީން ލިބެން ހުންނާނެއެވެ. 32 ޖީބީގެ ރެމް އާއި 1 ޓީބީގެ އެސްއެސްޑީ ހިމެނޭ މި ލެޕްޓޮޕްގެ ބަރުދަނަކީ 1.3 ކިލޯގްރާމެވެ. އަދި ބޯމިނުގައި 17.7 މިލިމީޓަރު ހުންނައިރު، އޭގައިވާ 65 ވޮޓްގެ ބެޓެރިން މެދުކެނޑުމެއްނެތި 26 ގަޑިއިރު ވީޑިއޯ ބެލޭނެ ކަމަށް ލެނޯވޯ އިން ބުނެއެވެ. މި ލެޕްޓޮޕްގެ އަގު ފެށެނީ 1,099 ޔޫރޯ އިން ކަމަށްވާއިރު، ވިއްކަން ފަށާނީ އޮކްޓޫބަރު މަހުގައެވެ.

ކޮމްޕިއުޓިން ބާރު ވަރުގަދަ މޮޑެލްތަކެއްގެ ގޮތުގައި ތައާރަފުކުރި ޔޯގާ ޕްރޯ 9އެން އަދި ޔޯގާ 9އެން 2-އިން-1 މަސައްކަތްކުރަނީ އެންވީޑިއާގެ އާރްޓީއެކްސް ސްޕާކް ޕްލެޓްފޯމްގައެވެ. މިއީ އެންވީޑިއާ ގްރޭސް ސީޕީޔޫ އާއި އެންވީޑިއާ ބްލެކްވެލް އާރްޓީއެކްސް ޖީޕީޔޫ އެކުލެވިގެން އުފައްދާފައިވާ ވަރުގަދަ ސިސްޓަމެކެވެ. މީގެ އިތުރުން މި ދެ ޑިވައިސްގައި ވެސް 9.2 މެގަޕިކްސެލްގެ އައިއާރު ކެމެރާއެއް ހިމަނާފައިވެއެވެ. ނަމަވެސް މި ދެ މޮޑެލް ބާޒާރަށް ނެރޭނެ ސީދާ ތާރީޚަކާއި އަގު ލެނޯވޯ އިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޔޯގާ ޕްރޯ 9އެން ގައި ހިމެނެނީ 15.3 އިންޗީގެ 2.5ކޭ ޕިއޯސައިޓް ޕްރޯ އޯލެޑް ސްކްރީނެކެވެ. މި ސްކްރީނަކީ 165 ހާޓްޒްގެ ވޭރިއަބަލް ރިފްރެޝް ރޭޓާއި 1100 ނިޓްސްގެ ޕީކް އެޗްޑީއާރު އަލިގަދަކަން ލިބޭ ސްކްރީނެކެވެ. މި ލެޕްޓޮޕްގައި 128 ޖީބީއާ ހަމައަށް އެލްޕީޑީޑީއާރް5އެކްސް މެމޮރީ އަދި ދެ ސްލޮޓް މެދުވެރިކޮށް ޖުމްލަ 4 ޓީބީއާ ހަމައަށް ޕީސީއައި އީ އެސްއެސްޑީ ސްޓޯރޭޖް ހިމެނެއެވެ. އަދި ބެޓެރީގެ ސައިޒަކީ 92.5 ވޮޓްއަވަރެވެ.

އަނެއްކޮޅުން، ޔޯގާ 9އެން 2-އިން-1 ކޮންވާޓިބަލް ލެޕްޓޮޕްގައި ހިމެނެނީ 16 އިންޗީގެ 2.8ކޭ ޕިއޯސައިޓް ޕްރޯ އޯލެޑް ޓަޗްސްކްރީނެކެވެ. މި ސްކްރީނުގައި 120 ހާޓްޒްގެ ރިފްރެޝް ރޭޓާއި 1100 ނިޓްސްގެ ޕީކް އަލިގަދަކަން ހުންނައިރު، 64 ޖީބީގެ އެލްޕީޑީޑީއާރް5އެކްސް މެމޮރީ އާއި 2 ޓީބީގެ ޕީސީއައި އީ ޖެން 4 އެސްއެސްޑީ ސްޓޯރޭޖް އަދި 99.9 ވޮޓްގެ ބޮޑު ބެޓެރިއެއް ހިމެނެއެވެ.

ލެޕްޓޮޕްތަކުގެ އިތުރުން ލެނޯވޯ އިން ވަނީ އައިޑިއާސެންޓަރު އޭއައިއޯ އައިގެ ނަމުގައި އޯލް-އިން-ވަން ޑެސްކްޓޮޕް ޕީސީއެއް ވެސް ތައާރަފުކޮށްފައެވެ. މި ޑެސްކްޓޮޕް ލިބެން ހުންނަނީ 23.8 އިންޗި އަދި 27 އިންޗީގެ ސައިޒުގައެވެ. އިންޓެލް ކޯ ސީރީޒް 3 ޕްރޮސެސަރުން ބާރުދޭ މި ޑިވައިސް އިން 40 ޓޮޕްސްގެ އޭއައި ޕާފޯމަންސް ލިބޭއިރު، ސްކްރީނުގައި 120 ހާޓްޒް ރިފްރެޝް ރޭޓާއި 350 ނިޓްސްގެ އަލިގަދަކަން ހުރެއެވެ. އަދި ލެނޯވޯގެ އޭއައި ޓާބޯ އިންޖީނާއި، ވަށައިގެންވާ އަލި އަޅުވާލާ އެޑަޕްޓިވް ލައިޓިން ސިސްޓަމާއި، 32 ޖީބީއާ ހަމައަށް އެލްޕީޑީޑީއާރް5އެކްސް މެމޮރީ، ޑުއަލް އެސްއެސްޑީ ސްލޮޓް، އިޚްތިޔާރީ 5 މެގަޕިކްސެލްގެ އައިއާރު ކެމެރާ އަދި ވަޔަލެސް ޗާޖިންގ ފީޗާ ހިމެނެއެވެ.

މި ޑެސްކްޓޮޕްގެ އަގު ފެށެނީ 999 ޔޫރޯ އިން ކަމަށްވާއިރު، ވިއްކަން ފަށާނީ ނޮވެމްބަރު މަހުގައެވެ.

comment ކޮމެންޓް