ވަޓްސްއެޕްގައި ތަފާތު އޭއައި އޭޖެންޓުންނާ ވާހަކަދެއްކޭ ފީޗާއެއް ހިމަނަނީ

މި އަޕްޑޭޓް ލިބުމުން ސެޓިންގްސްގައި 'އެޖެންޓްސް' ގެ ނަމުގައި އައު ބައެއް ހިމެނިފައިވާނެ ----

މެސެޖުކުރުމަށް ދުނިޔޭގައި އެންމެ މަގުބޫލު އެއް އެޕްލިކޭޝަން ކަމަށްވާ ވަޓްސްއެޕް ބޭނުން ކުރާ މީހުންނަށް، އެޕްލިކޭޝަނުން ބޭރުނުވެ ތިންވަނަ ފަރާތްތަކުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެޖެންޓުންނާއި ބޮޓްތަކާ ސީދާ ވާހަކަދެއްކޭނެ އައު ފީޗާއެއް އެންޑްރޮއިޑް ކަސްޓަމަރުންނަށް ޓެސްޓުކުރުމުގެ ގޮތުން ތައާރަފުކުރަން ފަށައިފިއެވެ.

މި ފީޗާ ފުރަތަމަ ފާހަގަކޮށްފައިވަނީ ވަޓްސްއެޕްގެ އައު އަޕްޑޭޓްތައް ދިރާސާކުރާ ޑަބްލިއުއޭބީޓާއިންފޯ އިންނެވެ. އެ ވެބްސައިޓުން ހާމަކޮށްފައިވާ ގޮތުގައި މި އައު ބަދަލު ފެނިފައިވަނީ އެންޑްރޮއިޑްގެ ވަޓްސްއެޕް ބީޓާ ވާޝަން 2.26.35.3 ގައެވެ.

މި ބަދަލާއެކު އެޕްލިކޭޝަންގެ ސެޓިންގްސްގައި 'އެޖެންޓްސް' ގެ ނަމުގައި އައު ބައެއް ހިމެނިފައިވާ އިރު، މި ބައި މެދުވެރިކޮށް އެފަދަ އޭއައި ޚިދުމަތްތައް އެކައުންޓާ ގުޅުވައިލުމުގެ ފުރުސަތު ލިބިގެންދެއެވެ.

މި އައު ޚިދުމަތުގެ ދަށުން ކޮންމެ އެކައުންޓަކަށް ވެސް ގިނަވެގެން ފަސް އޭއައި އެޖެންޓް ގުޅުވައިލެވޭނެއެވެ. އަދި ގުޅުވައިލާ ކޮންމެ އެޖެންޓަކަށް ވަކި ނަމަކާއި ޕްރޮފައިލް ފޮޓޯއެއް ކަނޑައެޅުމުގެ އިޚުތިޔާރު ޔޫޒަރުންނަށް އޮންނާނެއެވެ.

އެޖެންޓް ގުޅުވައިލުމުން ކޮންމެ އެޖެންޓަކަށްވެސް ވަޓްސްއެޕްގެ ޗެޓް ލިސްޓުން ވަކި ޗެޓެއް ޚާއްސަކުރެވޭނެ ---

މި ނިޒާމު މަސައްކަތްކުރާނީ ވަޓްސްއެޕް ސެޓިންގްސްއިން އުފައްދައިދޭ އޭޕީއައި ކީ އެއް މެދުވެރިކޮށެވެ. ބޭނުންކުރާ ފަރާތުން މި އޭޕީއައި ކީ، އެ އެޖެންޓެއް ހޯސްޓްކޮށްފައިވާ މައި ޚިދުމަތަށް އެޅުމުން، ވަޓްސްއެޕްއާއެކު އެ ގުޅުން ގާއިމުވާނެއެވެ.

މީގެއިތުރުން ގުޅުމަށް އެއްވެސް ބަދަލެއް ގެންނަން ބޭނުންވެއްޖެނަމަ އައު ކީއެއް ހަދައިގެން ކަނެކްޝަން ރީސެޓްކުރުމުގެ ފުރުސަތުވެސް ފަހިވެފައިވެއެވެ.

އެޖެންޓް ގުޅުވައިލުމުން ކޮންމެ އެޖެންޓަކަށް ވެސް ވަޓްސްއެޕްގެ ޗެޓް ލިސްޓުން ވަކި ޗެޓެއް ޚާއްސަކުރެވޭނެއެވެ. ރައްކާތެރިކަމުގެ ގޮތުން މި އެޖެންޓްތަކަށް ވަދެވޭނީ ހަމައެކަނި އެ އެޖެންޓަކާއެކު ކުރެވޭ މުއާމަލާތްތަކަށް އެކަންޏެވެ. އަދި ޔޫޒަރުގެ އެހެނިހެން ޒާތީ ޗެޓްތަކާއި، ކޮންޓެކްޓް ލިސްޓާއި، ފޮޓޯ އަދި ވީޑިއޯ ފަދަ މީޑިއާ ފައިލްތަކަކަށް މި އެޖެންޓްތަކަކަށް ނުވަދެވޭނެއެވެ. މީގެ އިތުރުން ގްރޫޕް ޗެޓްތަކާއި ކޮމިއުނިޓީތަކަށް މި ތިންވަނަ ފަރާތުގެ އެޖެންޓުން އިތުރެއް ނުކުރެވޭނެއެވެ.

ޔޫޒަރުންނަށް ކޮންމެ ވަގުތެއްގައި ވެސް ސެޓިންގްސް މެދުވެރިކޮށް މި އެޖެންޓްތައް ބެލެހެއްޓުމާއި، މައުލޫމާތު ބަދަލުކުރުމުގެ އިތުރުން އެކައުންޓުން އެޖެންޓް ވަކިކުރުމުގެ ބާރު ލިބެއެވެ. އެޖެންޓެއް ވަކިކޮށްލި ނަމަވެސް އެ އެޖެންޓަކާއެކު ކުރިން ކޮށްފައިވާ މެސެޖުތަކުގެ ތާރީޚު (ޗެޓް ހިސްޓްރީ) ވަޓްސްއެޕްގައި ރައްކާކުރެވިފައި ހުންނާނެއެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި އައު އޭޕީއައި ކީއެއް މެދުވެރިކޮށް އަލުން އެ ޚިދުމަތް ގުޅުވައިލެވޭނެއެވެ.

މި ފީޗާ ބޭނުންކުރާއިރު ސަމާލުވާންޖެހޭ މުހިންމު ކަމަކީ، އާންމުކޮށް ވަޓްސްއެޕްގައި ބޭނުންކުރާ އެންޑް-ޓު-އެންޑް އެންކްރިޕްޝަން މި އެޖެންޓް ޗެޓްތަކުގައި ނުހުންނާނެ ކަމެވެ. މި ޗެޓްތަކުގައި ފޮނުވާ މެސެޖުތައް އެޖެންޓް އުފެއްދި ޑިވެލޮޕަރުގެ ފަރާތުން މެޓާގެ ސާވިސްއެއް މެދުވެރިކޮށް ދައުރުވާނެތީ، އެ މެސެޖުތައް ބެލުމުގެ ހުއްދަ ޚިދުމަތް ފޯރުކޮށްދޭ ޑިވެލޮޕަރަށް ލިބޭނެއެވެ. ނަމަވެސް، ވަޓްސްއެޕް ބޭނުންކުރާ އާންމު ފަރާތްތަކުގެ މެދުގައި ކުރެވޭ އަމިއްލަ ޒާތީ ޗެޓްތަކާއި ކޯލްތަކުގެ ފުރިހަމަ އެންޑް-ޓު-އެންޑް އެންކްރިޕްޝަން ރައްކާތެރިކަން ކުރިއެކޭވެސް އެއްގޮތަށް ދެމިއޮންނާނެއެވެ.

މި ފީޗާ މިހާރު ލިބެނީ އެންޑްރޮއިޑް ބީޓާ ބޭނުންކުރާ މަދު ބަޔަކަށެވެ. އެހެންކަމުން ގިނަ ޔޫޒަރުންނަށް އަދި ސެޓިންގްސްއިން މި ބައި ނުފެނިދާނެއެވެ. ކުރިއަށް އޮތް މަސްތަކުގައި އިތުރު ކަސްޓަމަރުންނަށް މި ފީޗާ ދޫކުރަމުން ގެންދާނެ ކަމަށް ބެލެވުނު ނަމަވެސް، ހުރިހާ ޔޫޒަރުންނަށް އާންމުކޮށް ލިބޭނެ ދުވަހެއް ވަޓްސްއެޕްގެ މައި ކުންފުނި މެޓާއިން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް