ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ނަމާލް ރާޖަޕަކްސަ 13 ދުވަހަށް ބަންދުކޮށްފި

ނަމާލް ރާޖަޕަކްސަ: އޭނާގެ ބަންދަށް ވަނީ 13 ދުވަސް ޖަހައިފައި --

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސަ އިއްޔެ ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދަށް 13 ދުވަސް ޖަހައިފިއެވެ.

ލަންކާގެ ނޫސްތަކުގައިވާ ގޮތުން މި މަހުގެ 18ގެ ނިޔަލަށް ނަމާލް ބަންދުގައި ބަހައްޓާނީ ކޮލޮމްބޯ ރިމާންޑް ޕްރިޒަންގައެވެ.

'ނިއުސް ވަޔާ'އިން ރިޕޯޓުކުރި ގޮތުގައި ސްރީލަންކާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނަމާލް ހައްޔަރުކޮށްފައި ވަނީ، 2013 ވަނަ އަހަރު ސްރީލަންކަން އެއާލައިނަށް އެއާބަސް މަތިންދާބޯޓު ގަތުމުގެ މުއާމަލާތާ ގުޅިގެން ސުވާލުކުރުމަށް ހާޒިރުކޮށް، ފަސް ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް ސުވާލުކުރުމަށްފަހެވެ.

އެއާބަސް ކުންފުނިން މަތިންދާބޯޓު ގަތުމުގެ މުއާމަލާތުގެ ތެރެއިން ސްރީލަންކާގެ އިސް މަސްއޫލުވެރިންނާއި ސިޔާސީ ބޭފުޅުންނަށް ރިޝްވަތުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދީފައިވާ ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. އަދި ސްރީލަންކަން އެއާލައިންސްގެ ކުރީގެ ސީއީއޯ ދީފައިވާ ބަޔާނުގައި، އެއާބަސް މުއާމަލާތުގެ ރިޝްވަތުގެ ފައިސާގެ ތެރެއިން ގާތްގަނޑަކަށް ބައި މިލިއަން އެމެރިކާ ޑޮލަރު (60 މިލިއަން ރުޕީސް) ނަމާލްއާ ހަވާލުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

ރާޖަޕަކްސަ އާއިލާއިން ވަނީ މި ތުހުމަތުތައް ދޮގުކޮށް، މިއީ ސިޔާސީ މަގުސަދެއްގައި ކުރަމުންދާ ކަމެއް ކަމަށް ބުނެފައެވެ.

މި މައްސަލައިގައި ކޮމިޝަނުން ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައި މަހިންދަ ރާޖަޕަކްސައާ ވެސް ސުވާލުކޮށްފައެވެ.

comment ކޮމެންޓް