ހައިކޯޓުގެ ފަނޑިޔާރު، އިބްރާހީމް މާހިރު 20 އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު، ފަނޑިޔާރުކަމުގެ މަގާމުން ޝަރަފުވެރިކަމާއެކު މިއަދު ވަކިވެވަޑައިގެންފިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި މާހިރު، ފަނޑިޔާރުކަމުން ވަކިވެވަޑައިގަންނަވަން ނިންމެވި ވަކި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
އެހެންނަމަވެސް، މިއަދުން ފެށިގެން ފަނޑިޔާރުކަމުން ވަކިވެވަޑައިގެންފައިވާ ކަމަށް ހައިކޯޓުން ބުންޏެވެ.
https://x.com/mvhighcourt/status/2096435240990577060
ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން މާހިރު ހުންނެވީ ފެމިލީ ކޯޓުގައެވެ. ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް އޮކްޓޫބަރު 13، 2022 ގައި އޭނާ ހަމަޖެއްސެވިއިރު، މާހިރު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ ނޮވެމްބަރު 9، 2005 ގައި އޭރުގެ މަދަނީ ކޯޓަށެވެ. އެއަށްފަހު ފެމިލީ ކޯޓަށް ބަދަލުވެވަޑައިގެންނެވީ މެއި 23، 2010 ގައެވެ.
ފަނޑިޔާރުކަމުގެ މަގާމުން މާހިރު މި ވަކިވެވަޑައިގަތީ 20 އަހަރަށްވުރެ ގިނަ ދުވަހު، އެކި ކޯޓުތަކުގައި މަސައްކަތް ކުރެއްވުމަށް ފަހުއެވެ.
ފަނޑިޔާރު މާހިރު ވަކިވެވަޑައިގަތުމުން ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު އަނެއްކާވެސް 10 އަކަށް ބަދަލުވީއެވެ. ގާނޫނުގައި ބުނާ ގޮތުން ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ 11 އެކެވެ. ނަމަވެސް ގާނޫނަށް އިސްލާހު ގެނެސްގެން ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ބަދަލު ގެންނަން އުޅޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.