ކާރިސާތަކާއި ކުއްލި އެމަޖެންސީ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މައި އިދާރާ ކަމަށްވާ ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ މަސައްކަތްތަކަށް ހުޅުމާލެ ފޭސް ދެއަކުން 13,574 އަކަފޫޓުގެ ދާއިމީ ބިމެއް ސަރުކާރުން ހަމަޖައްސައިދީފިއެވެ.
އެންޑީއެމްއޭއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިރުޝާދުގެ ދަށުން ހަމަޖައްސައިދިން މި ބިން އެ އޮތޯރިޓީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އަދި އެންޑީއެމްއޭއިން މިހާރު ވަނީ ސޮއިކޮށްފައެވެ.
ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގެ ދަށުން 30 ޑިސެންބަރު 2018 ގައި އެންޑީއެމްއޭ އުފެދުނު ފަހުން މިއަދާ ހަމައަށްވެސް އެ އިދާރާގެ މަސައްކަތްތައް ހިންގަމުން އައީ އެކަށީގެންވާ ދާއިމީ ބިމެއް ނެތިކަމަށް އެންޑީއެމްއޭއިން ބުންޏެވެ. މިހާރު އެ އިދާރާ ހިންގަނީ އަމީނީމަގު، ސްޓެލްކޯ ކައިރި ހުންނަ ކޮއްޓެއްގައެވެ. އެއީ ވަރަށް ދުވަސްވީ އިމާރާތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިލުންތެރި ސިޔާސަތުގެ ދަށުން ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ހަމަޖެއްސި މި ބިމުގައި، އެންޑީއެމްއޭގެ މައި އޮފީހުގެ އިތުރުން ޒަމާނީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރަކާއި، އިމަޖެންސީ ވެއާހައުސްއެއް އަދި ކުއްލި ހާލަތްތަކުގައި ހާލުގައި ޖެހޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ޚާއްސަ ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދެހާސް ހަތަރު ވަނަ އަހަރުގެ ސުނާމީ ކާރިސާއާ ގުޅިގެން އިސްކަންދަރު ސްކޫލުގައި މި އިދާރާގެ މަސައްކަތް ފުރަތަމަ ފެށުމަށްފަހު، ސޯޝަލް ސެންޓަރާއި، ދަރުބާރުގެ އަދި ސިވިލް ސަވިސް ކޮމިޝަން ހިންގާ އިމާރާތުގައިވެސް މަސައްކަތްތައް ކުރިއަށްގެންދިޔައެވެ. އަދި މިހާރު އޮފީސް ހިންގަމުން އަންނަނީ ގ. ރިހިޖެހިކޮށީގަ ހުންނަ ކުޑަ ޖާގައެއްގައި ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މީގެއިތުރުން، ފާއިތުވި އަހަރުތަކުގައި ހިނގި ބޮޑެތި އަލިފާނުގެ ހާދިސާތަކާއި ކޮވިޑް-19 ގެ އޮޕަރޭޝަންތައްވެސް ވަގުތީ ގޮތުން ކުރިއަށް ގެންގޮސްފައިވަނީ އެކި ތަންތަނުގައިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި މިއީ އެ އޮތޯރިޓީގެ ތާރީޚުގައި ހާސިލުކުރެވުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު ފަރާތްޕުޅުން ލިބިވަޑައިގެންނެވި އެއްބާރުލުމާއި އިރުޝާދަށް އެ އޮތޯރިޓީގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ބިމާއެކު ކާރިސާތަކަށް އިޖާބަދިނުމުގެ ގައުމީ ގާބިލުކަން އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވާނެ ކަމަށް އެންޑީއެމްއޭއިން ފާހަގަކުރެއެވެ.
އެންޑީއެމްއޭއަކީ ކާރިސާ ކަންކަން ބެލެހެއްޓުމުގެ ގާނޫނު (28/2015) ގެ ދަށުން، ކުރީގެ ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރު، އެންޑީއެމްސީގެ ބަދަލުގައި އުފެއްދި، ރާއްޖޭގައި ކުރިމަތިވާ ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާތަކަށް އިޖާބަދީ ރައްކާތެރިކަން ހޯދައިދިނުމަށް ގާއިމުކޮށްފައިވާ މައި އިދާރާއެވެ.
މި އޮތޯރިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކާރިސާތަކަށް ތައްޔާރުވުމަށް ގައުމީ އަދި ރަށު ފެންވަރުގައި ޕްލޭންތައް އެކުލަވާލުން، ފެންބޮޑުވުމާއި އަލިފާނުގެ ހާދިސާ ފަދަ ކަންކަމުގައި ހާލުގައިޖެހޭ ފަރާތްތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
މީގެއިތުރުން، ކާރިސާތަކުން ރައްކާތެރިވުމަށް އާންމުންނާއި މުއައްސަސާތައް ހޭލުންތެރިކޮށް ތަމްރީނުކުރުމާއި، ކާރިސާތަކަށްފަހު ގެއްލުންތައް ވަޒަންކޮށް އާންމު ހާލަތަށް ރުޖޫއަވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ވެސް ހިމެނެއެވެ.