ޕެކޭޖާއެކު މިހާތަނަށް 107 މުވައްޒަފުން ވަކިވެއްޖެ: ފެނަކަ

ފެނަކައިގެ މުވައްޒަފުންތަކެއް: އެ ކުންފުނިން ޕެކޭޖާއި އެކު 107 މުވައްޒަފުން ވަނީ ވަކިވެފަ... --- ފޮޓޯ: ފެނަކަ ނޭކުރެންދޫ ބްރާންޗް

ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ޕެކޭޖް ދީފައި މިހާތަނަށް 107 މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ފެނަކައިގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ، އަމިއްލައަށް ވަކިވާން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު، ޕެކޭޖާއެކު ޖުމުލަ 107 މުވައްޒަފުން ވަކިވެފައިވާ ކަމަށެވެ.

ޖުމުލަ 8،000 އެއްހާ މުވައްޒަފުން މަސައްކަތްކުރާ ފެނަކައިން، އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައިގެ އިނާޔަތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ ދެ ވަނަ ދުވަހުއެވެ.

https://sun.mv/222777

އެ މުއްދަތުގައި 108 މުވައްޒަފަކު ވަކިވާން ހުށަހަޅާފައިވާ ކަމަށް މީގެ ކުރިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަފީފް ޙުސައިން ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ވަކިވި ހުރިހާ މުވައްޒަފުންނަށް ވެސް އެއްބަސްވުމާ އެއްގޮތަށް، ކުންފުނީގެ ބަޖެޓުގެ ތެރެއިން އެއްވެސް އޮޅުވާލުމެއް ނެތި ފައިސާ ދީފައިވާ ކަމަށާއި، ފައިސާ ނުދޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިގެ އެމްޑީ ޢަފީފް ވިދާޅުވެފައިވަނީ، މުވައްޒަފުން އަމިއްލައަށް ވަކިވާން ފުރުސަތު ހުޅުވާލީ އެ ކޯޕަރޭޝުގެ ހިންގުން ހަރުދަނާކުރުމުގެ ބޭނުމުގައެވެ. އަފީފު ފާހަގަކުރެއްވި ގޮތުގައި 8،000 އެއްހާ މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުންފުންޏަށް ލިބޭ އާމްދަނީން ދެކޮޅު ނުޖެހެއެވެ.

https://sun.mv/225249

އަދި ބައެއް ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތި ނެތުމުގެ ސަބަބުން މަސައްކަތް ކުރިއަށް ނުގެންދެވި، އެކި ރަށްރަށުގައި ކުރާނެ މަސައްކަތެއް ނެތި މުވައްޒަފުން ތިބުމަކީ ކުންފުންޏަށް ލިބޭ ގެއްލުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވަކިވާ މުވައްޒަފުންނަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ދޫކުރާ ލޯނު ސްކީމްގެ ތެރެއިން އަމިއްލަ މަސައްކަތްތަކެއް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން 33 ޕަސެންޓް މުވައްޒަފުން މަދުކުރުމަށް ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު އަންގާފައިވާއިރު، އެ މަސައްކަތް ތިން މަސް ތެރޭގައި ނިންމުމަށް ޕީސީބީންވެސް ވަނީ އަންގައިފައެވެ.

https://sun.mv/224547

ފެނަކައިން ބުނާ ގޮތުގައި މުވައްޒަފުން މަދުކުރުމަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމަށްޓަކައި އެޅި މުހިންމު ފިޔަވަޅެކެވެ.

ފެނަކައަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަނުގެ ތުހުމަތުތައް އެންމެ ބޮޑަށް އަމާޒުވާ އެއް ކުންފުންޏެވެ. ޚާއްސަކޮށް، އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުތަކުން އެ ކުންފުންޏަށް މުވައްޒަފުން އިތުރުކުރާ ކަމުގެ ކަންބޮޑުވުން އޮވެއެވެ.

comment ކޮމެންޓް