އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މެޑިކަލް އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ ޑޮކްޓަރުންގެ މުސާރައިގެ އާ އޮނިގަނޑުގެ ދަށުން ކަނޑައަޅާފައިވާ 10،000 ރުފިޔާގެ އެލަވަންސާ އެކު ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
އައިޖީއެމްއެޗުން ކުރި އިއުލާނުގައިވާ ގޮތުން، އިންޓާންޝިޕްގެ 13 ވަނަ ބުރުގައި ބައިވެރިވާން އެދޭ ޑޮކްޓަރުން މި މަހުގެ 24 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ނޭޝަނަލް ހެލްތު ކެއާ އެކަޑެމީއަށެވެ.
އެގޮތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 12:00 އަށް ފޯމު ބަލައިގަންނާނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
އައިޖީއެމްއެޗްގައި އިންޓާންޝިޕަށް އާންމުކޮށް ހުޅުވާލަނީ 15 ޖާގަ ނަމަވެސް، މި ފަހަރުގެ ބުރުގައި އެ އަދަދު ވަނީ 24 އަށް އިތުރުކޮށްފައެވެ.
ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ކުރިމަތިލައިފިނަމަ، އިންޓާންޝިޕުން އިސްކަންދޭނީ އެމްބީބީއެސް ނިންމިތާ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
މި އިންޓާންޝިޕަށް ކުރިމަތިލާއިރު ކޮލެޖުން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީއެއް ހުށަހަޅަން ޖެހެއެވެ. އަދި އެ ކޮޕީއަކީ އެމްކިއުއޭއިން އެކްރެޑިޓްކޮށްފައިވާ ކޮޕީއަކަށް ވާންޖެހޭނޭކަމަށް ވެސް އިއުލާނުގައިވެއެވެ.
މީގެ އިތުރުން ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ އާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް ވެސް ހުށަހަޅަންޖެހޭނެ ކަމަށް އައިޖީއެމްއެޗްގެ އިއުލާނުގައި ބުނެފައިވެއެވެ.
އައިޖީއެމްއެޗްގެ އިތުރުން ސަރުކާރުގެ ހޮސްޕިޓަލުތަކުގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލާއި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ވެސް މެޑިކަލް އިންޓާންޝިޕް ކުރިއަށްގެންދެއެވެ. އަދި އަމިއްލަ ހޮސްޕިޓަލުތަކުގެ ތެރެއިން މި ޕްރޮގްރާމް ކުރިއަށްގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައި އެކަންޏެވެ.
ސަރުކާރު ހޮސްޕިޓަލުތަކުގައި އިންޓާންޝިޕް ހަދާ ހުރިހާ ދަރިވަރުންނަށް ވެސް ކަނޑައެޅިފައިވާ 10،000 ރުފިޔާގެ އެލަވަންސް ލިބިގެންދާނެއެވެ.
އައިޖީއެމްއެޗްގެ މި ފަހަރުގެ އިންޓާންޝިޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.