އާތުރައިޓިސް: ފަރުވާ ލަސްކުރުމުން ގުނަވަންތަކަށް އައިބުވެ، ނުކުޅެދުންތެރިކަން މެދުވެރިވެދާނެ

އާތުރައިޓިސް ނުވަތަ ހުޅުހުޅުގައި ރިއްސާ ބައްޔަކީ، ބަލީގެ ކުރީކޮޅު އެކަށީގެންވާ ބޭސްފަރުވާއާއެކު ފަސޭހައިން ކޮންޓްރޯލް ކުރެވިދާނެ ބައްޔެއްކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ހުޅުތައް ދުޅަވުމާއި، ގަދައަށް ރިއްސުން ފަދަ އުނދަގޫތައް މެދުވެރިކުރުވާ ބައްޔެއް ކަމަށްވާ އާތުރައިޓިސް ނުވަތަ ހުޅުހުޅުގައި ރިއްސާ ބައްޔަކީ، އެކަށީގެންވާ ބޭސްފަރުވާއާއެކު ފަސޭހައިން ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ.

ޑޮކްޓަރުން ފާހަގަކުރައްވާ ގޮތުގައި، ރޫމަޓޮއިޑް އާތުރައިޓިސް ފަދަ ބަލިތަކަށް ފަރުވާ ހޯދުމުގައި ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ ބަލި ޖެހިފައިވާކަން ގަބޫލުކުރަން ފަސްޖެހުމާއި، ބޭސް ބޭނުންކުރުމަށް ޖެހިލުންވުމެވެ.

މީގެއިތުރުން، ސައިންޓިފިކް އަސާސެއް ނެތް ފަރުވާތަކަށް ބަރޯސާވުމުގެ ސަބަބުން ބަލީގެ ހާލަތު އިތުރަށް ގޯސްވެގެންދާ ކަމަށްވެސް ޑޮކްޓަރުން ވިދާޅުވެއެވެ.

އާތުރައިޓިސްގެ ތަފާތު އެކި ބާވަތްތައް ހުންނައިރު އޭގެތެރޭގައި، އޮސްޓިއޯއާތުރައިޓިސް، ރޫމަޓޮއިޑް އާތުރައިޓިސް، ލޫޕަސް، އެންކައިލޯސިން ސްޕޮންޑިލައިޓިސް، ކުޑަކުދިންނަށް ޖެހޭ އާތުރައިޓިސް، ޔޫރިކް އެސިޑް މަތިވުމުން ޖެހޭ ގައުޓް، އަދި ހަންގަނޑުގެ ބައްޔާ ގުޅިގެން ދިމާވާ ސޯރިއަޓިކް އާތުރައިޓިސް ހިމެނޭ--ފޮޓޯ/ފޭސްބުކް

މިސާލަކަށް، އިންޑިއާގެ ޗެންނާއީއަށް ނިސްބަތްވާ އުމުރުން 45 އަހަރުގެ އަންހެނަކަށް މީގެ ފަސް އަހަރު ކުރިން ރޫމަޓޮއިޑް އާތުރައިޓިސް ޖެހުނު ނަމަވެސް، ޒަމާނީ ބޭސްވެރިކަމަށް ޖެހިލުންވެ، އަމިއްލަ ގޭދޮށު ބޭސްތަކަށް ބަރޯސާވިއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، އޭނާގެ ކަކުލާއި އަތުގެ ހުޅުތަކުގެ ބައްޓަން ގެއްލި، ހިނގާބިނގާވެ ނޫޅެވޭ ވަރަށް ހާލަތު ދަށަށް ދިޔައެވެ. ނަމަވެސް، އެންމެ ފަހުން ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ހޯދަން ފެށުމާއެކު، މިހާރު އޭނާގެ ހާލަތު އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ.

އޭނާއަށް ސާޖަރީއެއް ހަދަން ޖެހުނު ނަމަވެސް، ބޭހުގެ އެހީގައި މިހާރު އަމިއްލައަށް ކައްކައި، ގޭތެރޭގެ ޒަރޫރީ މަސައްކަތްތައް ކުރެވޭ ވަރަށް ވަނީ ކުރިއެރުން ލިބިފައެވެ.

ކުރިން އޭނާއަށް އޮތީ އަމިއްލައަށް އެނދުން ތެދުވުންވެސް ބޮޑު ތަކުލީފަކަށް ވެފައެވެ. ބަލީގެ ކުރީކޮޅުގައި ފަރުވާ ފެށުނުނަމަ، ހުޅުތަކަށް އައި މިފަދަ ދާއިމީ އައިބުތަކުން ސަލާމަތްވެވުނީހެވެ. ހުޅުތައް އައިބުވާން ދިމާވަނީ، ދާއިމީ ގޮތެއްގައި ދުޅަވެފައި ހުރުމުގެ ސަބަބުން ހުޅުތަކުގެ ކާޓިލޭޖާއި، ކަށިތަކާއި، ލިގަމެންޓްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އޭގެ އަސްލު ބައްޓަން ގެއްލުމުންނެވެ.

މީގެ ސަބަބުން ކަށިތައް ހުންނަންޖެހޭ ތަރުތީބުން ބޭރުވެ، ހަށިގަނޑުގެ ބައްޓަމަށް ބަދަލު އައިސް، ހަރަކާތްތެރިވުމަށް ނުކުޅެދުންތެރިކަން ކުރިމަތިވެއެވެ.

އެދެވޭ ނަތީޖާއެއް ހޯދުމަށްޓަކައި އެންމެ މުހިންމު ކަމަކީ އާތްރައިޓިސް ބަލީގެ ކުރީކޮޅުގައި ފަރުވާ ފެށުން ކަމަށް ޑޮކްޓަރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިންޑިއާގެ ޗެންނާއީގެ އެސްއައިއެމްއެސް ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓަންޓް ރޫމަޓޮލޮޖިސްޓް ޑރ. ތިލަގަވަތީ ނަމްބީ ވިދާޅުވި ގޮތުގައި، ގިނަ ބަޔަކަށް ހެދޭ އެންމެ ބޮޑު ގޯހަކީ ބަލި ދެނެގަނެވުމުން ވެސް ފަރުވާ ފެށުން ލަސްކުރުމެވެ.

ބަލި ގަބޫލުކުރަން ބޭނުންނުވުމާއި، ޑޮކްޓަރީ ފަރުވާގެ ބަދަލުގައި އެހެނިހެން ގޮތްގޮތުން ފަރުވާ ހޯދަން މަސައްކަތް ކުރުމުގެ ސަބަބުން ބަލި ބޮޑުވެ، ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލާން ޖެހެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރޫމަޓޮއިޑް އާތުރައިޓިސް ފަދަ ބަލިތަކަކީ އޮޕަރޭޝަނަކާ ނުލައި، ހަމައެކަނި ބޭހުންވެސް ކޮންޓްރޯލް ކުރެވިދާނެ ބަލިތަކެއް ކަމަށެވެ. އަދި އެދެވޭ ނަތީޖާއެއް ހޯދުމަށްޓަކައި އެންމެ މުހިންމު ކަމަކީ ބަލީގެ ކުރީކޮޅުގައި ފަރުވާ ފެށުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އާތުރައިޓިސްގެ ތަފާތު އެކި ބާވަތްތައް ހުރެއެވެ. އޭގެތެރޭގައި އޮސްޓިއޯއާތުރައިޓިސް، ރޫމަޓޮއިޑް އާތުރައިޓިސް، ލޫޕަސް، އެންކައިލޯސިން ސްޕޮންޑިލައިޓިސް، ކުޑަކުދިންނަށް ޖެހޭ އާތުރައިޓިސް، ޔޫރިކް އެސިޑް މަތިވުމުން ޖެހޭ ގައުޓް، އަދި ހަންގަނޑުގެ ބައްޔާ ގުޅިގެން ދިމާވާ ސޯރިއަޓިކް އާތުރައިޓިސް ހިމެނެއެވެ.

ބައެއް ހާލަތްތަކުގައި މި ބަލީގެ އަސަރު ލޭހޮޅިތަކަށް ވެސް ފޯރައެވެ. މި ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހެނދުނު ހޭލާއިރު ހުޅުތައް ހަރުއެރުމާއި، ދުޅަވުމާއި، ގަދައަށް ރިއްސުމުގެ އިތުރުން، އާންމު ދިރިއުޅުމުގެ ކަންކަން ކުރުމަށް ދަތިވުން ހިމެނެއެވެ.

މި ބަލީގެ އެންމެ އާންމު ވައްތަރަކީ އޮސްޓިއޯއާތުރައިޓިސްއެވެ. މިއީ އުމުރުން ދުވަސްވުމުގެ ސަބަބުން ކާޓިލޭޖް ހަލާކުވެ، ކަށިތައް އެކަތި އަނެކައްޗަށް ޖެހުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ. ރޫމަޓޮއިޑް އާތުރައިޓިސް އާއި ލޫޕަސް ފަދަ ބަލިތަކަކީ އަމިއްލަ ދިފާއީ ނިޒާމުން ހަށިގަނޑުގެ ސިއްހަތު ރަނގަޅު ސެލްތަކަށް ހަމަލާދިނުމުން ދިމާވާ "އޮޓޯއިމިއުން" ބަލިތަކެވެ.

މީގެއިތުރުން، އިންފެކްޝަންތަކުގެ ސަބަބުން ޖެހޭ ސެޕްޓިކް އާތުރައިޓިސްއާއި، ހަށިގަނޑުގައި ޔޫރިކް އެސިޑް ޖަމާވެގެން ޖެހޭ ގައުޓް ފަދަ ބާވަތްތައްވެސް ހިމެނެއެވެ.

އޮސްޓިއޯއާތުރައިޓިސް އާންމުކޮށް ފެންނަނީ އުމުރުން 45 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންގެ ކިބައިންނެވެ. މީގެ މައިގަނޑު ސަބަބުތަކަކީ އުމުރުން ދުވަސްވުމާއި، ހަށިގަނޑުގެ ބަރުދަން މާބޮޑަށް އިތުރުވުމެވެ.

މި ބަލީގައި ފުރަތަމަކޮޅު ރިއްސަން ފަށާނީ ސިޑިން އެރުން ފަދަ ބުރަ ހަރަކާތްތައް ކުރާއިރުއެވެ. އެހެންނަމަވެސް، އެކަށީގެންވާ ފަރުވާ ނުހޯދައިފިނަމަ، ހަރަކާތްތެރިވުން މަދުވެ، ހުޅުތައް އެއްކޮށް ހަލާކުވުމަށް މަގުފަހިވެއެވެ.

އޮސްޓިއޯއާތުރައިޓިސްއަށް ދާއިމީ ޝިފާއެއް ނެތް ނަމަވެސް، ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި، ބަރުދަން ލުއިކުރުމާއި، ފިޒިއޮތެރަޕީ އަދި ބޭހުގެ އެހީގައި ބަލި ކޮންޓްރޯލް ކުރެވިދާނެއެވެ.

ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެނަމަ އޮޕަރޭޝަން ކުރަންވެސް ޖެހިދާނެއެވެ. ލޫޕަސް ފަދަ ބައެއް ނުރައްކާތެރި ބާވަތްތަކުގެ އަސަރު ކިޑްނީއާއި، ފުއްޕާމެއި އަދި ހަންގަނޑަށްވެސް ކުރެއެވެ. މިފަދަ ހާލަތްތަކުގައި ފަރުވާ ދިނުމަށް އެކި ދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމެއް ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ.

ބަލި ދެނެގަތުމަށްޓަކައި ލޭގެ ތަހުލީލުތަކުގެ އިތުރުން އެކްސް-ރޭ، އެމްއާރްއައި އަދި ސީޓީ ސްކޭން ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރެވެއެވެ. ބަލި ހުރި މިންވަރާއި އޭގެ ބާވަތް ސައްހަކޮށް ދެނެގަނެ، ވީހާވެސް އަވަހަކަށް އެކަށީގެންވާ ފަރުވާ ފެށުމަކީ، ބަލީގެ ސަބަބުން ކުރިމަތިވެދާނެ ދާއިމީ ނުކުޅެދުންތެރިކަމުން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ހައްލެވެ.

comment ކޮމެންޓް