ލެގޫންސްގެ އިންތިހާބާ ގުޅިގެން، ސިވިލް ކޯޓުގެ ޤަޟިއްޔާއެއްގެ ޙުކުމް ތަންފީޛުކޮށް ނިންމާފައިވަނިކޮށް، އެ ޙުކުމް ތަންފީޛު ކޮށްދިނުމަށްކަމަށް ބުނެ ހުށަހެޅި މައްސަލައެއްގެ ތެރޭން ލެގޫންސް ސްޕޯޓްސް ކުލަބުގެ ޣައިރު ޙާޟިރުގައި، ދަންވަރު ނެރުނު އަމުރެއް އެކޯޓުން ބާތިލުކޮށްފިއެވެ.
ލެގޫންސްގެ ހިންގާ ކޮމިޓީން، އެ ކްލަބުގެ އިންތިޚާބާ ގުޅޭގޮތުން ކުރަމުންދާ އެންމެހައި މަސައްކަތްތައް ވަގުތުން ހުއްޓާލުމަށާއި، ލެގޫންސް ކްލަބުގެ ނަމުގައި އެއްވެސް މުޢާމަލާތެއް ނުކުރުމަށް އަންގައި ސިވިލް ކޯޓުން އަމުރެއް ނެރެނީ ދަންވަރުއެވެ.
ކޮމިޝަނާ އޮފް ސްޕޯޓްސްގެ ދައުރެއް ނެތި، ދައުރު ހަމަވެފައިވާ ހިންގާ ކޮމިޓީގެ ކުރީގެ ރައީސް އަދި އެހެން މެންބަރުން އިސްވެ އާ މެންބަރުންތަކެއް ހިމަނައިގެން އިންތިޚާބެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން ދަންވަރު މި އަމުރު ނެރުނީ ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހްސާންއެވެ.
ދަންވަރު 17 އޮގަސްޓްގެ ދަންވަރު 12:15 ގައި މި އަމުރު ނެރުނު ފަހުން، ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި އެ ގާޒީ ވަނީ ސަސްޕެންޑްކޮށްފައެވެ.
މި އަމުރުގައިވަނީ، ހިންގާ ކޮމިޓީގެ މެންބަރުން އިންތިޚާބާ ގުޅޭގޮތުން ކުރަމުންދާ އެންމެހައި މަސައްކަތްތައް ވަގުތުން ހުއްޓާލުމަށާއި، ލެގޫންސް ކްލަބުގެ ނަމުގައި އެއްވެސް މުޢާމަލާތެއް ނުކުރުމަށާއި ލެގޫންސް ކްލަބުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭ ގޮތަށް، ނަމަވެސް ފައިސާ ނުނެގޭ ގޮތަށް އެކައުންޓްތައް ފްރީޒްކުރުމަށް ބީއެމްއެލްގެ މައްޗަށް އަމުރުކުރުމުގެ އިތުރުން، ކޮމިޝަނާ އޮފް ސްޕޯޓްސްގެ ދައުރެއް ނެތި އިންތިޚާބާ ގުޅޭ ކަމެއް ކުރާނަމަ އެކަމެއް ވަގުތުން ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އަމުރުކޮށްފައެވެ.
މި އަމުރު މުރާޖައާ ކުރުމަށް، ލެގޫންސް ކްލަބުން އަލުން ހުށަހެޅުމުން، އެ އަމުރުވަނީ މިހާރު ބާތިލުކޮށްފައެވެ.
އަމުރު ބާތިލުކޮށް، ފަހުން މައްސަލަ ބެލި ފަނޑިޔާރު ފާހަގަ ކުރި ގޮތުގައި 17 އޮގަސްޓް 2026 އެ އަމުރު ނެރުނުއިރު، 16 އޮގަސްޓް 2026 ގައި ކޮމިޝަނާ އޮފް ސްޕޯޓްސްގެ އެނގުމުގެ ތެރެއިން ލެގޫންސް ކްލަބުގެ އިންތިޚާބު ބާއްވައި، އާ ހިންގާ ކޮމިޓީ ވަނީ އިންތިޚާބުކޮށްފައެވެ.
އިންތިޚާބުވި އާ ހިންގާ ކޮމިޓީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ ފަރާތުން ރަޖިސްޓަރީކޮށް ދަފްތަރުކޮށްދީފައިވަނީ 17 އޮގަސްޓް 2026 ގައި ވަގުތީ އަމުރު ނެރުމުގެ ކުރިން ކަމުން، ވަގުތީ އަމުރު ނެރެދީފައިވަނީ ކޯޓުގެ ކުރީގެ ޙުކުމް ތަންފީޛުވެ، އެ ޙުކުމުގެ ފާޢިލިއްޔަތު ކެނޑިފައިވާ ޙާލަތެއްގައި ކަމުން، އެއީ ވަގުތީ އަމުރެއް ނެރެދޭންޖެހޭ ޙާލަތެއް ނޫންކަން ސާބިތުވާ ކަމަށް ފަހުން މައްސަލަ ބެއްލެވި ފަނޑިޔާރު އަލީ އަބްދުﷲ ވަނީ ފާހަގަ ކުރައްވާފައެވެ.