އެމެޒޯންގެ ކާގޯ ފްލައިޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ

އެމެޒޯންގެ ކާގޯ ފްލައިޓެއް ވެއްޓިފައި: މި ހާދިސާގައި ފަސް މީހުން ވަނީ މަރުވެފައި-- ފޮޓޯ: ގެޓީ އިމޭޖްސް

އެމެރިކާގެ މިއާމީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުނު އެމެޒޯންގެ ކާގޯ ބޯޓެއް ރަންވޭ މަތިން ކައްސާލައިގެން ގޮސް ވެއްޓި، ފަސް މީހަކު މަރުވެއްޖެއެވެ.

މި ހާދިސާގައި އިތުރު ފަސް މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިއަސް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތަފްސީލުތައް އަދި ނުލިބެއެވެ.

ޕުއެޓޯ ރީކޯގެ ސަން ހުއާން އިން ފުރައިގެން ދިޔަ ބޯއިން 767-300 މަރުކާގެ މި ބޯޓު ވެއްޓުނީ މިއާމީ ގަޑިން މިއަދު މެންދުރުފަހު 14:00 ހާއިރުއެވެ. ނޯތު ކެރޮލައިނާގެ ކުންފުންޏެއް ކަމަށްވާ 21 އެއާއިން އޮޕަރޭޓުކުރި މި ބޯޓު ވެއްޓުމުގެ ތެރޭގައި އެއާޕޯޓުގައި އޮތް އެއްގަމު އުޅަނދުތަކެއްގައި ޖެހިފައިވެއެވެ. މިއާމީ ޑޭޑް ފަޔާ ރެސްކިއުއިން ބުނި ގޮތުގައި، ބޯޓު ވެއްޓުމާއެކު އޭގައި ވަނީ ރޯވެފައެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތުގައި 200 އަށް ވުރެ ގިނަ ފަޔާފައިޓަރުން ހަރަކާތްތެރިވެފައިވެއެވެ.

މިއާމީގެ ފަޔާ ޗީފް ރާއިދު ޖަދާލާ ވިދާޅުވި ގޮތުގައި، އަނިޔާވި ބައެއް މީހުން ތިބީ އުޅަނދުތަކުގެ ތެރޭގައި ނުވަތަ ދަށުގައި ތާށިވެފައެވެ. އެ މީހުން ސަލާމަތްކުރީ ފަޔާ އެންޑް ރެސްކިއު ޓީމުތަކުންނެވެ. އަލިފާންގަނޑު މިހާރު ނިއްވާލާފައިވީ ނަމަވެސް، އެ ސަރަހައްދަށް ތެޔޮ ލީކުވަމުންދާ ކަން އޭނާ ފާހަގަކުރިއެވެ.

މިއާމީ-ޑޭޑް ކައުންޓީގެ މޭޔަރު ޑެނިއެލާ ލެވީން ކާވާ ވިދާޅުވީ، ހާދިސާ ހިނގިތާ ސިކުންތުކޮޅެއްގެ ތެރޭގައި މީހުން ސަލާމަތްކުރާ ޓީމުތަކުން އެ ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ. އަދި މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އާއިލާތަކަށާއި އަނިޔާވި މީހުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން އެމެޒޯން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަމަށެވެ. އެމެޒޯންގެ ޑިރެކްޓާ އޮފް ކޯޕަރޭޓް ގްލޯބަލް މީޑިއާ ރިލޭޝަންސް ކެލީ ނެންޓެލް ވިދާޅުވީ، ފަސް މީހެއްގެ ފުރާނަ ގެއްލުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށާއި، އާއިލާތަކަށް ތައުޒިޔާ ރައްދުކުރާ ކަމަށެވެ. އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ) އިން މި ހާދިސާ ތަހުގީގުކުރަން ފަށާފައިވާއިރު، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބުނަން އަދި މާ އަވަސް ކަމަށް އޮފިޝަލުން ބުނެއެވެ.

ފްލައިޓްރާޑާ24 ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރަންވޭއިން ބޭރަށް ދިޔައިރު ބޯޓު ދުވަމުންދިޔައީ 112 ނޮޓް (ގަޑިއަކު 207 ކިލޯމީޓަރު) ގެ ބާރުމިނުގައެވެ. ބޯޓު ހުއްޓިފައިވަނީ އެމެޒޯންގެ ގުދަނަކާއި އެހެނިހެން ވިޔަފާރިތަކަށް ހިދުމަތްދޭ ޕާކިން އޭރިއާއަކާ ކައިރީގައެވެ. ހާދިސާ ހިނގި ވަގުތު މިއާމީއަށް ގުގުރުމާއެކު ވައިގަދަ ކަމަށް އެ ވެބްސައިޓުން ބުނެފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެމެރިކާގެ ލޭބާ ޑޭ ބަންދާ ދިމާކޮށް، ދަތުރުފަތުރުކުރާ މީހުން އެންމެ ގިނަ އެއް ދުވަސްވަރުގައެވެ. ޓްރާންސްޕޯޓޭޝަން ސޭފްޓީ އެޑްމިނިސްޓްރޭޝަން (ޓީއެސްއޭ) އިން ލަފާކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހުގެ ބަންދާ ހަމައަށް 17 މިލިއަން މީހުން އެމެރިކާގެ އެއާޕޯޓުތައް ބޭނުންކުރާނެއެވެ. އަދި އާދީއްތަ ދުވަހު އެކަނިވެސް 2.3 މިލިއަން މީހުން ދަތުރުކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ހާދިސާއާ ގުޅިގެން ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ވަނީ މިއާމީ އެއާޕޯޓުގެ ހުރިހާ ފްލައިޓެއް ވަގުތީ ގޮތުން ހުއްޓުވާފައެވެ. މީގެ ސަބަބުން ގިނަ ފްލައިޓުތަކެއް ކެންސަލްވެ، ދަތުރުވެރިންނަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. މިއާމީ އިންޓަނޭޝަނަލް އެއާޕޯޓަކީ އެމެރިކާއަށް ބައިނަލްއަގުވާމީ މުދާ އެތެރެކުރާ އެންމެ ބާރުބޮޑު އެއާޕޯޓެވެ. އަދި ފްލޮރިޑާއަށް ޒިޔާރަތްކުރާ ބައިނަލްއަގުވާމީ ފަތުރުވެރިންގެ 60 ޕަސެންޓް މީހުން ބޭނުންކުރަނީވެސް މި އެއާޕޯޓެވެ.

comment ކޮމެންޓް