ޔާމީންގެ ރައްދު: މަޖިލީހުގައި އަޣުލަބިއްޔަތެއް އޮތުމަކީ ހިތުހުރި ގޮތަކަށް ގާނޫނު ހެދުމެއް ނޫން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފައިލް ފޮޓޯ: މުޙައްމަދު އަފްވާން

ރައްޔިތުންގެ މަޖިލީހުގައި އަޣުލަބިއްޔަތެއް އޮތުމަކީ ހިތުހުރި ގޮތަކަށް ގާނޫނު ހެދުމެއް ނޫން ކަމަށާއި އަދި އަމިއްލަ މިނިވަންކަމަށް ގާނޫނުން އަރައިގަންނާކަށް ވެސް އެކަމަކުން ޖާގައެއް ނުދޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން މިދިޔަ ހަފުތާގައި ވަނީ ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހޭ އެތައް މެންބަރުންނެއް ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތެރޭގައި އެބަތިބި ކަމަށާއި މަޖިލިސް ތެރެއިން ސިއްރު އިންގިލާބެއް ހިނގައިދާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

https://sun.mv/227014

އެކަމަށް ރައްދު ދެއްވައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލިސް ތެރެއިން ޔާމީނަށް އެއްވެސް ކަމެއް ނުކުރެއްވޭނެ ކަމަށާއި، މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި ވަރުގަދަ ފާރެއްހެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވިއެވެ.

އެއާއެކު ރޭ އޮތް ޕީއެންއެފްގެ 'ޓައުން ހޯލް' ޖަލްސާގައި ޔާމީން ވަނީ ސަރުކާރަށާއި މަޖިލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެމަނިކުފަނު ވިދާޅުވި ގޮތުގައި ޕީއެންސީގެ އަޣުލަބިއްޔަތެއް މަޖިލީހުގައި އޮތް ނަމަވެސް އޭގެ މާނައަކީ ހިތުރުހުރި ގޮތަކަށް ގާނޫނު ހެދުން ނޫން ކަމަށެވެ. އަދި އަޣުލަބިއްޔަތެއް އޮތަސް، އެކަމަކުން ގާނޫނު ހަދައިގެން އަމިއްލަ މިނިވަން ކަމަށް އަރައިގަންނާކަށް އެއްވެސް ޖާގައެއް ނުދޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

މަޖިލީހުގައި އަޣުލަބިއްޔަތެއް އޮތުމަކީ ހިތުހުރި ގޮތަކަށް ގާނޫނު ހެދުމެއް ނޫން. އެއަކުން ޖާގައެއް ނުދޭ އަމިއްލަ މިނިވަންކަމަށް ގާނޫނުން އަރައިގަންނާކަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ހަމައެއާއެކު ޔާމީން ވަނީ ރާއްޖޭގެ އިގްތިސޯދީ ހާލަތާ މެދު ވެސް ކަންބޮޑުވުންފާޅު ކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމުގެ އަސާސީ ޚިދުމަތްތައް މިއަދު ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން އާސަންދަ ނިޒާމު ހުސްވެ، ރައްޔިތުންނަށް ބޭނުންވާ ސިއްހީ ފަރުވާއާއި ބޭސް ނުލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި، ޑޮލަރުގެ އަގު އަތްނުފޯރާ ފަށަށް އަރައިގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.

ނަމަވެސް ރައީސް މުއިއްޒަށް މީގެން އެއްވެސް މައްސަލައެއް ހައްލުކޮށްނުދެވޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

ހަމައެއާއެކު ސަރުކާރު ދިފާއުކުރުމަށް އިލްމީ މީހުންނާ ބަހުސެއް ކޮށްލެވޭ ވަރުގެ އެއްވެސް މީހަކު ސަރުކާރުގައި ނެތް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް