އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގް ހެދުމުގެ ދުނިޔޭގެ ރެކޯޑް ބީއެމްއެލްއިން ގާއިމުކޮށްފި

ދުނިޔޭގެ ރެކޯޑް ހެދި ކަމުގެ ލިޔުން ބީއެމްއެލްއާ ހަވާލު ކުރުން-- ފޮޓޯ: ބީއެމްއެލް

އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގް ހެދުމުގެ ގިނިސް ވޯލްޑް ރެކޯޑް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގާއިމްކޮށްފިއެވެ.

ނިވަ ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ މި ހަރަކާތުގައި ޖުމްލަ 314 މީހުން ބައިވެރިވިއެވެ.

މި ހަރަކާތުގައި ބައިވެރިވެފައިވަނީ ބީއެމްއެލްގެ މުވައްޒަފުންނާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އިތުރުން އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިންނެވެ. ކަނޑައެޅިފައިވާ މިންގަނޑުތައް ކަށަވަރުކުރުމަށްފަހު، ގިނިސް ވޯލްޑް ރެކޯޑުގެ ރަސްމީ ސެޓްފިކެޓް ހަވާލުކޮށްފައިވަނީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުޙައްމަދު ޝަރީފާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖާ މޯޓެން ޖޫނިއާއާއެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި، ތިމާވެށި ރައްކާތެރިކުރުމުގެ މި މަސައްކަތުގެ އަމާޒަކީ ރާއްޖޭގެ ދިރިއުޅުމާއި އިގްތިސާދު ބަރޯސާވެފައިވާ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމެވެ. އަދި މިފަދަ ގައުމީ މަސައްކަތްތަކުގައި ވަކިވަކި ފަރުދުންނާއި މުޖުތަމައު އަމަލީގޮތުން ބައިވެރިވުމަށް ހިތްވަރު ދިނުމަކީވެސް މި ހަރަކާތުގެ ބޭނުމެއް ކަމަށް އެ ބޭންކުން ފާހަގަކުރިއެވެ.

ބީއެމްއެލްއިން ހެދި ދުނިޔޭގެ ރެކޯޑަށް ފަހު ފޮޓޯއަކަށް ހުއްޓި-- ފޮޓޯ: ބީއެމްއެލް

މި ހަރަކާތަކީ ތިމާވެށި ހިމާޔަތްކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ކަމެކެވެ. މިއީ ބީއެމްއެލްގެ ޕީއޯއެސް މެޝިންތަކުން ކުރާ ކޮންމެ މުއާމަލާތަކުން ލިބޭ އާމްދަނީގެ ބައެއް، ތިމާވެށީގެ އެކި މަޝްރޫއުތަކަށް ހޭދަކުރުމަށް އެކުލަވައިލާފައިވާ ނިޒާމެކެވެ.

މި ނިޒާމުގެ ދަށުން ބީއެމްއެލްއިން އަންނަނީ "ޕާލޭ މޯލްޑިވްސް" އަދި "މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް" (މޯޕާ) ފަދަ ޖަމްއިއްޔާތަކާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ކަނޑުތަކަށް އެޅޭ ޕްލާސްޓިކް ކުނި ރީސައިކަލްކުރުމަށް ބޭރު ގައުމުތަކަށް ފޮނުވުމާއި، އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ވެށްޓާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުން ހިމެނެއެވެ.

comment ކޮމެންޓް