އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި ކާމިޔާބު މަސައްކަތެއް ކުރުމަށްފަހު އެނބުރި ރާއްޖެ އައި ޒުވާން ގައުމީ ފުޓުބޯޅަ ޓީމަށް މާލެއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މާފަންނު ބަސް ޓާމިނަލުން ޓީމަށް މަރުހަބާ ދެންނެވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރައްޒާގާއި، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހުމަދު ތޯރިގްގެ އިތުރުން އެފްއޭއެމްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މުބާރާތުގައި ވާދަކުރި ދިވެހި ގައުމީ ޓީމުގެ ޓާގެޓަކީ ޑިވެލޮޕްމަންޓް ފޭސް ގިރާކޮށް ކޮލިފައިން ފޭސްއަށް ދިއުމެވެ. ދިވެހި ޓީމުން އެކަން ހާސިލުކުރީ ގްރޫޕުގައި ލަންކާއާއި ބުރުނާއީ ބަލިކޮށްގެންނެވެ.
ރާއްޖެއިން މި ކާމިޔާބީ ހޯދީ ގްރޫޕް 'ކޭ' ގެ ދެވަނަ ޓީމުގެ ގޮތުގައި ހަ ޕޮއިންޓާއެކުގައެވެ. އޭއެފްސީގެ އާ އުސޫލުގެ ދަށުން ޑިވެލޮޕްމަންޓް ފޭސްގެ ގްރޫޕްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް މައި ކޮލިފައިން ފޭސްއިން ޖާގަ ލިބެއެވެ.
ރާއްޖޭގެ ޒުވާން ޓީމުން މުބާރާތް ފެށީ ބުރުނާއީއާ ދެކޮޅަށް ކުޅެ 2-0 އިން މޮޅުވެގެންނެވެ. އަދި ދެވަނަ މެޗުގައި 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސްރީ ލަންކާ ބަލިކޮށް، ގްރޫޕްގެ ގަދަ ދެއަކުން ޖާގަ ވަނީ ކަށަވަރުކޮށްފައެވެ.
ގުރޫޕްގެ ފަހު މެޗުގައި މުބާރާތް ބާއްވާ މިޔަންމާ އަތުން 6-0 އިން ބަލިވި ނަމަވެސް، ކުރިން ހޯދި ދެ މޮޅާއެކު ރާއްޖެއަށް ވަނީ ލަންކާ އާއި ބުރުނާއީގެ މައްޗަށް ކުރިލިބި ގްރޫޕްގެ ދެވަނަ ކަށަވަރުވެފައެވެ.