އަމިއްލަ ނަފްސަށް އަޅާލުން: އެހެން މީހުންނަށް ލޯބި ދިނުމުގެ ބިންގާ

އިންސާނީ ގުޅުންތަކުގެ މައިބަދައަކީ އެކަކު އަނެކަކަށް ދެވޭ ލޯތްބާއި އޯގާތެރިކަމާއި އަޅާލުމެވެ. ނަމަވެސް، މި މަތިވެރި ސިފަތައް އެންމެ ފުރިހަމަ ގޮތުގައި އަނެކާއަށް ފޯރުކޮށްދެވޭނީ، އެންމެ ފުރަތަމަ ތިމާގެ އަމިއްލަ ނަފްސަށް ވެސް އަޅާލެވިގެންނެވެ. ސަބަބަކީ، ތިމާގެ އަމިއްލަ ނަފްސުގައި ނެތް އެއްޗެއް އެހެން މީހަކަށް ފޯރުކޮށްދިނުމަކީ ކުރެވޭނެ ކަމަކަށް ނުވާތީއެވެ.

އަޅުގަނޑުމެންގެ އާއިލާދެކެ އިންތިހާއަށް ލޯބިވެދާނެއެވެ. މަސައްކަތުގެ މާހައުލުގައި އެކުގައި އުޅޭ މީހުންނަށް އެހީތެރިވާން ބޭނުންވެދާނެއެވެ. އަދި އަޅުގަނޑުމެންނަށް ބަރޯސާވާ އެންމެހައި ފަރާތްތަކަށް އޯގާތެރިކަން ދޭން އުންމީދު ކުރެވިދާނެއެވެ. އެހެންނަމަވެސް، އަޅުގަނޑުމެން އަބަދުވެސް ފިކުރުބޮޑުވެ، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވަރުބަލިކަމެއްގެ ތެރޭގައި އުޅޭނަމަ، އަނެކާއަށް ލޯތްބާއި އޯގާތެރިކަން ފޯރުކޮށްދިނުމަކީ ދަތިއުނދަގޫ ބުރަކަމަކަށް ވެގެންދެއެވެ.

އަމިއްލަ ނަފްސަށް އަޅާލުމަކީ މުހިންމު ކަމަކަށް ވަނީ މި ސަބަބަށްޓަކައެވެ. އެއީ ތިމާ ލޯބިވާ މީހުންނަށްޓަކައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ މުހިންމު ބައެއް ވެސް މެއެވެ.

ވިސްނާލަންވީ، ތިމާގެ ހާޒިރުގައި އެހެން މީހުންނަށް ކުރެވެނީ ކޮން ކަހަލަ އިހުސާސެއްތޯއެވެ. ތިމާ މީހަކާ ވާހަކަދައްކާ ނިމުމުން، އެމީހަކަށް ހިތްހަމަޖެހުމާއި ރައްކާތެރިކަމާއި އުންމީދުގެ އިހުސާސް ކުރެވޭތޯ، ނުވަތަ އެ މުއާމަލާތުގެ ސަބަބުން އެމީހާގެ ހިތުގައި އުފެދެނީ ކަންބޮޑުވުމާއި ނުތަނަވަސްކަންތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ.

އަޅުގަނޑުމެން ބުނާއެއްޗެއް މީހުން ހަނދާން ނެތިދާނެއެވެ. އެކަމަކު އަޅުގަނޑުމެންގެ ފަރާތުން އެމީހުންނަށް ކުރެވުނު އިހުސާސްތައް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. ރުޅިވެރިކަމާއި ހިތްދަތިކަމާއި ނުތަނަވަސްކަމުގެ ތެރޭގައި ހުރެ ކުރާ މުއާމަލާތްތަކުން އަނެކާއަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެކަން ދިރާސާތަކުން ދައްކައެވެ.

މިފަހުން އަޅުގަނޑު ބައިވެރިވި އުފާވެރިކަމާ ބެހޭ ޕްރޮގްރާމެއްގައި ކުރެވުނު ތަޖުރިބާއެއް ހިއްސާކޮށްލާނަމެވެ. އެ ހަރަކާތުގައި ޖެހުނީ ތިމާގެ ހަޔާތުގައި އެންމެ މުހިންމު ފަސް މީހުންނާ އެކު ކުރެވުނު އެންމެ ފަހުގެ ފަސް މުއާމަލާތް ވަޒަންކުރުމަށެވެ. އެއިން ކޮންމެ މުއާމަލާތަކުން ސިކުނޑިއަށް ވެރިވެގެންދިޔައީ "ފެހިބޮތްކެއް" (އުފާވެރިކަމާއި، ރައްކާތެރިކަމާއި، ގާތްކަން) ތޯ ނުވަތަ "ރަތްބޮއްކެއް" (ބިރުވެރިކަމާއި، ނުތަނަވަސްކަމާއި، ވޭން) ތޯ ވަޒަންކޮށްލުމަށެވެ.

އަޅުގަނޑުމެންގެ ގުޅުންތަކުގައި، އަޅުގަނޑުމެންގެ ހާޒިރީގެ ސަބަބުން އަޅުގަނޑުމެން ދެކެ ލޯބިވާ މީހުންނަށް "ފެހިބޮތްކަށްވުރެ" ގިނައިން "ރަތްބޮކި" އިހުސާސްކުރަން ޖެހޭނަމަ، އެމީހުން މަޑުމަޑުން އަޅުގަނޑުމެންނާ ދުރުވާން ފަށާނެއެވެ. އެކުގައި ތިއްބަސް ހަގީގަތުގައި އެކަހެރިވާން ފަށާނެއެވެ. އެއީ ލޯބިނުވާތީއެއް ނޫނެވެ. އެ ގުޅުމަކީ ނަފްސާނީ ގޮތުން ތަދު އިހުސާސްކުރަންޖެހޭ ގުޅުމަކަށް ވާތީއެވެ.

ގުޅުމެއްގައި އުފެދޭ ކޮންމެ 5 ފެހިބޮތްކަކަށް 1 ރަތްބޮތްކަށްވުރެ އިތުރުވާނަމަ، އެ ގުޅުމަކީ ވޭނީ ގުޅުމަކަށް ބަދަލުވެއެވެ. ނަފްސާނީ ރައްކާތެރިކަމަކީ ހަމައެކަނި ދައްކާ ވާހަކައެއްގެ ބަދަލުގައި، އަމަލީ ގޮތުން ކުރެވޭ ތަޖުރިބާއަކަށް ހަދަންޖެހެނީ މިހެންވެގެންނެވެ.

ގޭތެރޭގައްޔާއި ވަޒީފާގެ މާހައުލުގައި ވެސް، މީހަކަށް ކުށެއް ކުރެވުމުން މާޔޫސްކޮށްލުމުގެ ބަދަލުގައި، މަގު ދައްކައިދެވޭ ފަދަ އަމާން މާހައުލެއް އޮތުމަކީ – ނަފްސާނީ ދުޅަހެޔޮކަމަށްޓަކާ މުހިންމުކަމެކެވެ. މިފަދަ "ފެހިބޮކި ދިއްލޭ" ގުޅުންތަކަކަށް މަގުފަހިކުރެވޭނީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސުގައި ހަމަޖެހުމާއި ރައްކާތެރިކަމުގެ އިހުސާސް އޮވެގެންނެވެ.

އެހެނީ، ކިތަންމެ ލޯބިވީ ނަމަވެސް، ވަރުބަލިވެފައިވާ މައިންބަފައިންނާއި ހާސްކަމުގައި ތިބޭ ވެރިން އަދި ފިކުރުބޮޑުވެފައިވާ ބައިވެރިންގެ ފަރާތުން ފެނުން ގާތީ ހަރުކަށިކަމެވެ. އަމިއްލަ ނަފްސަށް އަޅާލުމުގެ އާދަ އަށަގަންނުވަން ޖެހެނީ މިހެންވެއެވެ.

އަމިއްލަ ނަފްސަށް އަޅާލުމަކީ އަގުބޮޑު ދަތުރުތައް ކުރުމެއް ނުވަތަ މަސްއޫލިއްޔަތުތަކުން އެކަހެރިވެލުމެއް ކޮންމެހެނަކުން ނޫނެވެ. ބައެއް ފަހަރު އެއީ ހިތުގެ ހިމޭންކަމާއެކު ކޮށްލެވޭ ނަމާދެކެވެ. ބުރަ ދުވަހަކަށްފަހު ހިތްހަމަޖައްސާލަން ހިނގާލާ ހިނގާލުމެކެވެ. އުފާވެރި މާހައުލެއްގައި ވާހަކަދައްކާލުމަށް ހޭދަކޮށްލާ ވަގުތުކޮޅެކެވެ. ހަމަނިދި ހޯދުމެވެ. ނުވަތަ މިއަދަށް ފުދޭވަރަށް މަސައްކަތް ކުރެވިއްޖެކަން ގަބޫލުކޮށް، އަމިއްލަ ނަފްސަށް ހިތްވަރު ދިނުމެވެ. އަދި އެހެން މީހުންނަށް އޯގާތެރިވާ ފަދައިން، އަމިއްލަ ނަފްސަށް ވެސް އޯގާތެރިވުމެވެ.

ލޯތްބަކީ ހަމައެކަނި ތިމާގެ ހިތުގައި ފޮރުވިފައި އޮންނަ އިހުސާސެއް ނޫނެވެ. ލޯތްބަކީ ތިމާގެ ހާޒިރުގައި އަނެކާއަށް އިހުސާސްކުރެވޭ ރައްކާތެރިކަމާއި ކެތްތެރިކަމާއި އޯގާތެރިކަމެވެ. އެހެންކަމުން، އެހެން މީހުންނަށް ހިތްހަމަޖެހުން ގެނެސްދޭ މީހަކަށް ވުމަށްޓަކައި، އެންމެ ފުރަތަމަ ތިމާގެ އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް އިސްކަންދެމާ ހިނގާށެވެ.

އަމިއްލަ ނަފްސަށް އަޅާލާށެވެ. އެއީ ލޯބިވާ މީހުންނާ ދުރުވުމަކަށް ނޫނެވެ. އެހެންނަމަވެސް، އެމީހުންގެ ގާތަށް އެނބުރި އަންނައިރު، ފުރިހަމަ ލޯތްބާއި އޯގާތެރިކަން ދިނުމަށްޓަކައި ތިމާގެ ހިތުގައި ތަނަވަސްކަމާއި ހަމަޖެހުން ގާއިމުކުރުމަށެވެ. ތިމާގެ ނަފްސު ދުޅަހެޔޮކަންމަތީ ބެހެއްޓުމަކީ، ތިމާ ލޯބިވާ މީހުންނަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް