އެލްނީނޯގެ ބާރުގަދަވެ، ރާއްޖެއަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ލަފާކުރެވޭތީ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެލްނީނޯއަކީ ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުގައި ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކަށް ކިޔާ ނަމެކެވެ.
އެންޑީއެމްއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އެލްނީނޯގެ ބާރު އިތުރަށް ގަދަވަމުންދާއިރު، އެ ކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ވެސް ވަރަށް ބޮޑަށް ކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންވެ، މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ހުރިހާ ދާއިރާތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ ރާވައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އެ އޮތޯރިޓީން ފާހަގަކުރިއެވެ.
ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ މުހިންމު ބައެއް ކަންކަން އެ އޮތޯރިޓީން ވަނީ ކިޔައިދީފައެވެ.
އެގޮތުން:
- ކުރިމަތިވެދާނެ ނުރައްކާތަކާއި އަސަރުތައް ދެނެގަތުން
- ޒަރޫރީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ވިޔަފާރިތަކާއި މުއައްސަސާތަކުން 'ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން' އެކުލަވައިލުމާއި މުރާޖާކުރުން
- މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުން
- މޫސުމީ ލަފާކުރުންތައް ބަލައި، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން
އެންޑީއެމްއޭއިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދުނުއިރު، އެލްނީނޯގެ އަސަރު ރާއްޖެއަށް އެންމެ ގަދައަށް ކުރާނީ، އަންނަ ނޮވެންބަރު މަހު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މި ހާލަތު އަންނަ ފެބުރުވަރީއާ ހަމައަށް ދިގުލައިގެން ދާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.