ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފުލެޓުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަ ކުރުމުގެ މަސައްކަތްތައް ފަށައިފިއެވެ.
މިދިޔަ ބުދަ ދުވަހު އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކުރުމާއި އެ ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އެއަށްފަހު މިއަދު އެ ކުންފުނިން ހިއްސާކުރި ޕޯސްޓެއްގައި ވަނީ އެ ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެފްޑީސީން ކުރިއަށްގެންދާ މަޝްރޫޢު މިހާރު ފަށައިފައިވާ ކަމަށެވެ. އެ މަޝްރޫޢުގެ ދަށުން، އެ ޓަވަރުތަކުގެ ކުޑަދޮރުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް ބޭނުންވާ އެހީތެރިކަން އެ ކޯޕަރޭޝަނުން މިހާރު ފޯރުކޮށްދެމުން އަންނަ ކަމަށް އެ ޕޯސްޓުގައިވެއެވެ.
https://twitter.com/Fdc_mv/status/2097527601950777377
އެ ޕޯސްޓާއެކު ހިއްސާކޮށްފައިވާ ވީޑިއޯގައި ވަނީ، ފުލެޓުތަކުގެ ކުޑަދޮރުތައް ހުޅުވޭ މިންވަރު ބަލައި، ކުޑަދޮރުތައް ހުޅުވޭ މިންވަރު ހަތަރު އިންޗިއަށް ކުޑަ ކުރުމަށް ސްޓޮޕާލުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.
"ހަތަރު އިންޗިއަށް ދޮރު ހުޅުވުނު ކަމުގައިވީ ނަމަވެސް އަމާން ޓަވަރުތަކުގައި ދިރިއުޅުއްވާ އެއްވެސް ބޭފުޅަކަށް ވެންޓިލޭޝަންގެ ދަތިކަމެއް ލިބިގެން ނުދާނެ،" އެ ވީޑިއޯގައި އެފްޑީސީން ޔަގީންކަން ދީފައިވެއެވެ.
އެފްޑީސީން އެ ފިޔަވަޅުތައް އަޅަން ފެށިއިރު، ހުޅުމާލޭގެ ޓަވަރުތަކުގައި ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރަމުންދެއެވެ.
އެ ފިޔަވަޅުތައް އަޅަން ނިންމައިފައިވަނީ، ދެވަނަ ފިޔަވަހީގެ ފުލެޓުތަކުން ކުޑަ ދެ ކުދިން ވެއްޓުނު ދެ ހާދިސާއެއް ހިނގި ފަހުންނެވެ. އެގޮތުން މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ސްޓެލްކޯ ފުލެޓަކުން ދެ އަހަރުގެ އަންހެން ކުއްޖަކު ވެއްޓި މަރުވެފައިވާއިރު، އޭގެ ކުރީ ދުވަހު ވަނީ، އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި، އަނިޔާވެފައެވެ.