ބެޓްރީ ލައިފް ދިގު ތިންރޭންޖެއްގެ އައު ހެޑްފޯނުތަކެއް ސޮނީން ނެރެފި

މިފަހަރުގެ އުފެއްދުންތައް ސޮނީއިން އަމާޒު ހިފައިފައިވަނީ އެކިފަންތީގެ މީހުންނަށް ބޭނުން ކުރެވޭގޮތަށް --- ފޮޓޯ: ސޮނީ

ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ސޮނީން އެ ކުންފުނީގެ ވަޔަލެސް އޯޑިއޯ ލައިނަޕަށް އައު ދިރުމެއް ގެނެސްދީ، ބެޓްރީ ލައިފް ދިގު ތިން ރޭންޖެއްގެ އައު ހެޑްފޯނު ބާޒާރަށް ތައާރަފްކޮށްފިއެވެ.

ޕްރީމިއަމް ފެންވަރުގެ ޑަބްލިއުއެޗް-1000އެކްސްއެމް4ސީ އާއި، މެދުފަންތީގެ ޑަބްލިއުއެޗް-ސީއެޗް730އެން ގެ އިތުރުން އަގުހެޔޮ އެންޓްރީ ލެވެލްގެ ޑަބްލިއުއެޗް-ސީއެޗް530 ހިމެނޭ މި މޮޑެލްތަކުގައި ވެސް އެންމެ ޒަމާނީ ބްލޫޓޫތު 6.0 ޓެކްނޮލޮޖީ ވަނީ ހިމަނާފައެވެ.

ޕްރީމިއަމް ކެޓަގަރީގައި ހިމެނޭ ޑަބްލިއުއެޗް-1000އެކްސްއެމް4ސީ އަކީ ކުރީގެ މަގުބޫލު 1000އެކްސްއެމް4 ގެ އޯވަ-އިޔާ ޑިޒައިނާއި އެކްޓިވް ނޮއިޒް ކެންސަލޭޝަން ދަމަހައްޓައި، ސައުންޑް ޓިއުނިން އައުކޮށް 10-ބޭންޑް އިކުއަލައިޒަރެއް އިތުރުކޮށްގެން ނެރުނު މޮޑެލެކެވެ. މީގެ ބަރުދަނުގައި 253 ގްރާމް ހުންނައިރު، 40 މިލިމީޓަރުގެ ޑްރައިވަރުތަކާއެކު އެސްބީސީ، އޭއޭސީ އަދި އެލްޑީއޭސީ ކޯޑެކްސް ސަޕޯޓްކުރެއެވެ.

މަލްޓިޕޮއިންޓް ކަނެކްޓިވިޓީއާއެކު އެއްފަހަރާ ދެ ޑިވައިސް ގުޅާލެވޭ މި ހެޑްފޯނުގައި 1.2 މީޓަރުގެ ވަކިކުރެވޭ ކޭބަލެއް ހިމެނެއެވެ. ޑީއެސްއީއީ އެކްސްޓްރީމް، ޕާސަނަލް އެންސީ އޮޕްޓިމައިޒާ، އެމްބިއަންޓް ސައުންޑް މޯޑް އަދި ކުއިކް އެޓެންޝަން ފީޗާތަކާއެކު ނޮއިޒް ކެންސަލޭޝަން ޖައްސައިގެން 27 ގަޑިއިރު އަދި ނުޖައްސައި 34 ގަޑިއިރުގެ ޕްލޭބެކް ލިބެއެވެ. ޔޫއެސްބީ މެދުވެރިކޮށް ފުލް ޗާޖުވާން ގާތްގަނޑަކަށް 3 ގަޑިއިރު ނަގާއިރު، މީގެ އަގަކީ 219 އިނގިރޭސި ޕައުންޑްއެވެ. މި މޮޑެލް ނެރެފައިވަނީ ކަޅު، ލެވެންޑާ އަދި ޕްލެޓިނަމް ސިލްވާ ކުލައިގައެވެ.

ތިން ހެޑްސެޓްވެސް އުފައްދާފައިވަނީ ތިންކުލައިން --- ފޮޓޯ: ސޮނީ

މެދުފަންތީގެ ޑަބްލިއުއެޗް-ސީއެޗް730އެން އަކީ ޑުއަލް ނޮއިޒް ސެންސަރު ޓެކްނޮލޮޖީއާއެކު އެކްޓިވް ނޮއިޒް ކެންސަލޭޝަން ފޯރުކޮށްދޭ، ފަށްކޮށްލެވޭ ފޯލްޑަބަލް އޯވަ-އިޔާ ޑިޒައިނެއް އެކުލެވޭ ހެޑްފޯނެކެވެ. ގާތްގަނޑަކަށް 207 ގްރާމް ބަރުދަން ހުންނަ މި މޮޑެލްގައި 30 މިލިމީޓަރުގެ ޑައިނަމިކް ޑްރައިވަރުތައް ހިމެނޭއިރު، ފޯނު ކޯލްތަކުގެ އަޑު ސާފުކޮށްދިނުމަށް ބީމްފޯމިން މައިކްރޯފޯނާއި އޭއައި ނޮއިޒް ރިޑަކްޝަން އެކުލެވޭ ޕްރިސައިޒް ވޮއިސް ޕިކްއަޕް ޓެކްނޮލޮޖީ ބޭނުންކޮށްފައިވެއެވެ.

މީގެ އިތުރުން ޑީއެސްއީއީ، އެމްބިއަންޓް ސައުންޑް މޯޑް، މަލްޓިޕޮއިންޓް ކަނެކްޓިވިޓީ އަދި އެސްބީސީ، އޭއޭސީ އަދި އެލްސީ3 ކޯޑެކްސް ސަޕޯޓްކުރެއެވެ. ނޮއިޒް ކެންސަލޭޝަނާއެކު 50 ގަޑިއިރު އަދި ނޮއިޒް ކެންސަލޭޝަން ނުލައި 75 ގަޑިއިރާ ހަމައަށް ބެޓެރި ލައިފް ދެމިހުންނައިރު، އެންމެ 3 މިނެޓުގެ އަވަސް ޗާޖަކުން އެއް ގަޑިއިރުގެ އަޑުއެހުން ފޯރުކޮށްދެއެވެ. މީގެ އަގަކީ 99.99 ޕައުންޑްއެވެ. މި ހެޑްފޯން ލިބެން ހުންނަނީ ކަޅު، ބީޖް، ނޫ، ފިޔާތޮށި އަދި ހުދު ކުލައިގައެވެ.

އަގުހެޔޮކޮށް ބާޒާރަށް ނެރުނު އެންޓްރީ ލެވެލް ޑަބްލިއުއެޗް-ސީއެޗް530 އަކީ އޮން-އިޔާ ޑިޒައިނެއްގައި 30 މިލިމީޓަރުގެ ޑްރައިވަރުތަކާއެކު ތައްޔާރުކޮށްފައިވާ މޮޑެލެކެވެ. ބޮލަށް ފަސޭހަވާނޭހެން މަޑު ކުޝަނެއް ހިމަނާފައިވާ މި ހެޑްފޯނުގައި ޑީއެސްއީއީ، ކަސްޓަމައިޒަބަލް އީކިއު، މަލްޓިޕޮއިންޓް ކަނެކްޓިވިޓީ، އޭއައި ކޯލް ނޮއިޒް ރިޑަކްޝަން އަދި އަޑުގެ މިންވަރު ކޮންޓްރޯލްކުރާ ފަސް ސްޓެޕްގެ ވޮލިއުމް ލިމިޓެއް ހިމެނެއެވެ.

ބިލްޓް-އިން ވޮއިސް އެސިސްޓެންޓާއި، ފާސްޓް ޕެއާ، ސްވިފްޓް ޕެއާ އަދި އެލްއީ އޯޑިއޯ ސަޕޯޓްކުރާ މި މޮޑެލުން 55 ގަޑިއިރުގެ ދިގު ބެޓެރި ލައިފެއް ލިބެއެވެ. ފުލް ޗާޖުވާން ގާތްގަނޑަކަށް 3 ގަޑިއިރު ނަގާއިރު، 3 މިނެޓުގެ ޗާޖަކުން 1.5 ގަޑިއިރުގެ ޕްލޭބެކް ފޯރުކޮށްދެއެވެ. މީގެ އަގަކީ 49.99 ޕައުންޑްއެވެ. މި ހެޑްފޯން ކަޅު، ކޯބޯލްޓް، ކޮރަލް، މިިންޓް، ފިޔާތޮށި އަދި ހުދު ކުލައިން ލިބެން ހުންނާނެއެވެ.

މި ތިން މޮޑެލްވެސް އިނގިރޭސިވިލާތުގެ ބާޒާރަށް ސެޕްޓެމްބަރު 10، 2026 އިން ފެށިގެން ނެރުމަށް ސޮނީން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ހެލޯ ކިޓީއާ ގުޅިގެން ހާއްސަ ލިމިޓެޑް އެޑިޝަން ބަންޑަލްތަކެއް ވެސް ތައާރަފްކޮށްފައިވެއެވެ. މި ބަންޑަލްތަކުގައި ޑަބްލިއުއެޗް-1000އެކްސްއެމް6، ޑަބްލިއުއެޗް-ސީއެޗް730އެން އަދި ޑަބްލިއުއެޗް-ސީއެޗް530 ހިމެނޭއިރު، ހާއްސަ ހެލޯ ކިޓީ ކެރީން ޕައުޗަކާއި ޓޯޓް ކޮތަޅެއް ލިބޭނެއެވެ.

ޔޫރަޕުގެ ބާޒާރުތަކަށް މި ލިމިޓެޑް އެޑިޝަން ބަންޑަލްތައް ނެރޭނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް ސޮނީން ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް