ދުނިޔޭގައި ދިރިހުރުމަށް ލިބުނު ކުރު މުއްދަތުގެ ތެރޭގައި، އޯޓިޒަމް ހުންނަ އޭނާގެ ދަރިފުޅަށް ރައްކާތެރި މުސްތަގުބަލެއް ހޯދައިދިނުމަށް މިންނެތް މަސައްކަތްތަކެއް ކުރި ދެކުނު ކޮރެއާގެ ލިޔުންތެރިޔާ ޖިއޯން ގިއޮންގް-ޗިއޯލް (64 އަހަރު) މަރުވެއްޖެއެވެ.
"ޕީޓަ ޕޭން ޑޭޑް"ގެ ނަމުން ގިނަ ބައެއްގެ މެދުގައި މަޝްހޫރުވި ޖިއޯން މަރުވީ ފުރަމޭގެ ކެންސަރުގެ ފަހު މަރުހަލާގައި ފަރުވާ ހޯދަމުން ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހުއެވެ.
ޑިވެލޮޕްމެންޓަލް ޑިސެބިލިޓީސް ސަޕޯޓް އެކްސްޕާޓް ފޯރަމްގެ ވެރިޔާ ޖިއޮންގް ޔޫ-ޖިން ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި، ޖިއޯންގެ ޖަނާޒާގެ އެންމެހައި ކަންކަން ކުރިއަށްދާނީ އޭނާގެ ވަސިއްޔަތާ އެއްގޮތަށް، ވަކި ޚާއްޞަ ތައުޒިޔާގެ އެއްވުމެއް ނުބާއްވައެވެ. އަދި އާއިލާއަށް ލިބުނު ފުން ހިތާމައިގައި އެ ފޯރަމުން ވަނީ ބައިވެރިވެ، ތައުޒިޔާ ފޮނުވާފައެވެ.
ޖިއޯން ވަނީ އޭނާގެ ދަރިފުޅު ބެލެހެއްޓުމުގައި 20 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައެވެ. މިހާރު އުމުރުން 27 އަހަރުގެ އެ ދަރިފުޅަކީ އޯޓިޒަމް ހުރުމުގެ ސަބަބުން، ވިސްނުމާއި ސިކުނޑީގެ ތަރައްގީ ދޭއް ނުވަތަ ތިން އަހަރުގެ ކުޑަކުއްޖެއްގެ ފެންވަރުގައި ހުންނަ މީހެކެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު، ފުރަމޭގެ ކެންސަރު ޖެހި ދުނިޔޭގައި ހުންނާނީ ގާތްގަނޑަކަށް ހަ މަސްދުވަސް ކަމަށް ޑޮކްޓަރުން ބުނުމާ ގުޅިގެން، އޭނާ މަރުވުމަށްފަހު ދަރިފުޅު ބަލަހައްޓާނެ ރައްކާތެރި މަރުކަޒެއް ހޯދުމުގެ މަސައްކަތް ފެށިއެވެ. މިގޮތުން ގައުމުގެ އެކި ކަންކޮޅުތަކުގައި ހުރި 1،000 އަށްވުރެ ގިނަ އެހީދޭ މަރުކަޒުތަކަށް އޭނާ ދަތުރުކޮށް، ގުޅި ނަމަވެސް އެފަދަ ހާލަތެއްގައިވާ މީހަކާ ހަވާލުވާނެ ތަނެއް ހޯދުމަކީ ބޮޑު ގޮންޖެހުމަކަށްވިއެވެ.
ޖިއޯން ގިއޮންގް-ޗިއޯލް، އޭނާގެ 27 އަހަރުގެ ދަރިފުޅާ އެކު--ފޮޓޯ/ކޮރެއާހެރަލްޑްއެ ދަތި ތަޖުރިބާތަކުގެ ވާހަކަ "ބްރަންޗް" ޕްލެޓްފޯމުގައި އޭނާ ލިޔަން ފެށުމުން، އެތައް ބައެއްގެ ސަމާލުކަމާއި ހަމްދަރުދީ ލިބުނެވެ. އަދި މި ވާހަކަ އެމްބީސީ އަދި ޓީވީއެން ފަދަ މަޝްހޫރު ޓީވީ ޗެނަލްތަކުން ދެއްކުމާއެކު، މުޅި ޤައުމަށް މި ޚަބަރު ފެތުރިގެން ދިޔައެވެ. މި ލިޔުންތައް އެއްކޮށް "އަންޔޮންގް، ޕީޓާ ޕޭން"ގެ ނަމުގައި އޭނާ ވަނީ މިދިޔަ ޖޫން މަހު ފޮތެއްވެސް ނެރެފައެވެ.
އާންމުންގެ ފަރާތުން ލިބުނު 80 މިލިއަން ވޮން (ގާތްގަނޑަކަށް 59,000 ޑޮލަރު)ގެ ދީލަތި އެހީ އާއި ޤައުމީ ފެންވަރުގައި ލިބުނު އެއްބާރުލުމާ އެކު، އޭނާގެ ދަރިފުޅު ޖެ-ވޮންއަށް ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދިރިއުޅޭ ރައްކާތެރި އަވަށަކުން ޖާގަ ކަށަވަރުވިއެވެ.
"އަޅުގަނޑު ބޭނުންވަނީ ދަރިފުޅު އޭނާގެ ބައްޕަގެ މަތިން ހަނދާން ނައްތާލައި އުފަލުގައި އުޅުމަށް. އެހެންނަމަވެސް، މުޅިން ހަނދާން ނައްތާނުލައި، އެންމެ ކުޑަމިނުން އޭނާއަށް އޯގާތެރިކަމާ އެކު ބަލައިލި މުސްކުޅިއެއްގެ ސިފައިގައި ނަމަވެސް އަޅުގަނޑުގެ ހަނދާން ހުންނާނެ ކަމަށް އުންމީދު ކުރަން" މިދިޔަ މަހު ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޖިއޯން ބުނެފައިވެއެވެ.
އަމިއްލަ ދަރިފުޅަށް ރައްކާތެރިކަން ހޯދައިދިނުމުގެ އިތުރުން، އޭނާ ފަދަ ހާލަތްތަކުގައި ތިބި އެހެން އާއިލާތަކަށް އެހީތެރިވުމަށްޓަކައި، ބޮޑެތި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ވެލްފެއާ ފައުންޑޭޝަނެއް އުފެއްދުމުގެ މަސައްކަތްވެސް ޖިއޯން ވަނީ ފަށާފައެވެ. އޭނާ މަރުވުމުގެ ކުޑަދުވަސްކޮޅެއް ކުރިން، މިދިޔަ އޮގަސްޓް 26ގައި މި ފައުންޑޭޝަންގެ ޕްރިޕަރޭޓަރީ ކޮމިޓީ އެކުލަވާލާފައިވާއިރު، އެ ކޮމިޓީން މިހާރު ދަނީ ޖިއޯންގެ މި މިޝަން ހަގީގަތަކަށް ހެދުމަށްޓަކައި ފައުންޑޭޝަން ރަސްމީކޮށް އިފްތިތާހު ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ.