ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އަރައިފިއެވެ.
މިއީ ޖުލައި މަހުގެ ފަހުކޮޅު އެމެރިކާއާއި އީރާނާ ދެމެދު އޮތް ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން އުވާލި ފަހުން، ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. އޭގެ ފަހުން އަގު ވަނީ 99.90 ޑޮލަރަށް ދަށްވެފައެވެ.
އެމެރިކާއިން ވަނީ އީރާނުގެ ތެޔޮ އުފުލާ ފަސް ޓޭންކަރަކަށް ހަމަލާދީފައެވެ. މީގެ ތެރެއިން ހަތަރު ޓޭންކަރަކީ އޮމާން ކަނޑުގައި އޮތް، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) އާ ގުޅުންހުރި އުޅަނދުތަކެއް ކަމަށާއި، އަނެއް ޓޭންކަރަށް ހަމަލާދިނީ ޚާރްގް ޖަޒީރާ ކައިރިން ކަމަށް އެމެރިކާއިން ބުނެއެވެ. އެމެރިކާގެ ސެންޓްކޮމްއިން ބުނި ގޮތުގައި، އޮމާން ކަނޑުގައި ހަމަލާދިން ޓޭންކަރުތަކުގެ ތެރެއިން “އެމްޓީ ރިއެސްކޯ” ނަމަކަށް ކިޔާ އުޅަނދު ވަނީ އަޑިއަށް ގޮސްފައެވެ. އަދި އެ އުޅަނދަށް ލިބިފައިވާ ގެއްލުން ފެންނަ ވީޑިއޯއެއް އެ އިދާރާއިން ވަނީ އެކްސްގައި އާންމުކޮށްފައެވެ. އެމެރިކާއިން ބުނި ގޮތުގައި އީރާނުގެ ޓޭންކަރުތަކަށް ހަމަލާދިނީ، އެއީ އައިއާރްޖީސީއަށާއި ސަރަހައްދީ ޖަމާއަތްތަކަށް ފައިސާ ހޯދައިދޭ ބިލިއަން ޑޮލަރުގެ ސިއްރު ވިއުގައެއްގެ ބައެއް ކަމަށް ވާތީއެވެ.
މި ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ވަނީ އުރުދުންގައި ހުންނަ އެމެރިކާގެ މަރުކަޒަކަށް މިސައިލް ހަމަލާތަކެއް ދީފައެވެ. އުރުދުންގެ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، އީރާނުން ފޮނުވާލި 20 މިސައިލްގެ ތެރެއިން 18 މިސައިލް ވަނީ ވައްޓާލާފައެވެ. އަދި ބާކީ ދެ މިސައިލް ވެއްޓުނީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރި އެމެރިކާގެ ދެ އުޅަނދަކަށާއި، ތެޔޮ އުފުލާ އަށް ޓޭންކަރެއްގެ އިތުރުން ގަވާއިދާ ޚިލާފުވި 10 އުޅަނދަކަށް ހަމަލާދީފައިވާނެ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ. އީރާނުން ވަނީ އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ހަމަލާތަކެއްވެސް ދީފައެވެ. ނަމަވެސް ސެންޓްކޮމްއިން ބުނި ގޮތުގައި އެ ހަމަލާތަކުން ވަނީ ކާމިޔާބުކަމާއެކު ސަލާމަތްވެފައެވެ. އަދި އެއްވެސް އެމެރިކާ ސިފައިންގެ މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
ކޮލަމްބިއާގައި ހުންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އީރާނުން އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭން މަސައްކަތްކުރާ ކޮންމެ ފަހަރަކު އެ ގައުމުގެ ޓޭންކަރުތައް ގެއްލޭނެ ކަމަށެވެ. މީގެ އިތުރުން، ހޮރުމުޒް ކަނޑުއޮޅިން އެމެރިކާގެ ޑްރޯން ސަބްމެރީނެއް ހިފަހައްޓާފައިވާނެ ކަމަށް އީރާނުގެ ކަނޑުގެ ސިފައިން ބުނެފައިވާއިރު، ސެންޓްކޮމްގެ ތަރުޖަމާނު ކެޕްޓަން ޓިމް ހޯކިންސް ވިދާޅުވީ އެއީ މައްސަލަޖެހިފައިވާ ބާ މޮޑެލްގެ ޑްރޯނެއް ކަމަށެވެ. އަދި އޭގައި އެއްވެސް ސިއްރު މައުލޫމާތެއް އަދި ރާޑަރުގެ އާލާތެއް ނުހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމުގެ ކުރިން ތެޔޮ ފީފާއެއްގެ އަގު ހުރީ 70 ޑޮލަރުގައެވެ. ދުނިޔޭގެ ތެލާއި ދިޔާކުރި ގުދުރަތީ ގޭހުގެ (އެލްއެންޖީ) 20 އިންސައްތަ ދަތުރުކުރާ ހޮރުމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އީރާނުގެ ސާފުނުކުރާ ތެލުގެ 90 އިންސައްތަ އެކްސްޕޯޓުކުރާ ޚާރްގް ޖަޒީރާއަށްވެސް މި ހަމަލާތަކުގެ އަސަރު ވަނީ ކޮށްފައެވެ. މީގެ އިތުރުން، އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ހޫތީން އަންގާރަ ދުވަހު ސައުދީ އަރަބިއްޔާގެ ހަކަތަ އުފައްދާ ތަންތަނަށާއި އާންމު އުމްރާނީ ވަސީލަތްތަކަށް ދިން ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި 73 މީހަކަށް އަނިޔާވެފައިވާ ކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ސައުދީގެ އަސްކަރިއްޔާއާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި ހަމަލާތަކުގެ ސަބަބުން ތެޔޮ އުފައްދާ ތަންތަނުގައި އަލިފާން ރޯވެ، އޮޕަރޭޝަންތައް ވަނީ ވަގުތީ ގޮތުން ހުއްޓިފައެވެ.