ޖެޓް ފިޔުލް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ކޭސްގެ ވަކީލު ފީ ނެގުން ހައިކޯޓުން ހުއްޓުވައިފި

ވެލާނާ އެއާޕޯޓުގެ މަލަމަތި: --- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖެޓްފިއުލް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރި މުވައްޒަފެއްގެ، ތަޙުޤީޤު މަރުޙަލާގައި މަސައްކަތް ކުރި ވަކީލަށް ދައްކަން ޖެހޭ 30,000 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މައްޗަށް ކުރި ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައަކީ އެމްއޭސީއެލްގެ ފިއުލް ސާވިސް ޑިޕާޓްމަންޓްގެ ރިފިއުލާ އޮޕަރޭޓަރެއްގެ މަޤާމުގައި ހުރި މުވައްޒަފަކު، 04 ސެޕްޓެންބަރު 2015 ގައި އެއާޕޯޓުގެ ވެހިކަލްތަކެއް ގަވާއިދާ ޚިލާފަށް ބޭނުންކޮށްގެން ޖެޓްފިއުލް ވަގަށް ނެގި ކަމަށް ތުހުމަތުކޮށް ވަޒީފާއިން ވަކިކުރުމުން ހުށަހެޅި މައްސަލައެކެވެ.

އެ މުވައްޒަފު ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅީ އެއީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށް ބުނެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 2.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށެވެ.

ސިވިލް ކޯޓުން މި މައްސަލަ ބެލުމަށްފަހު، އެ މުވައްޒަފު އެދިފައިވާ މުސާރައާއި، އަބުރަށް ލިބުނު ގެއްލުމުގެ ބަދަލާއި، އެގްޒެމްޕްލަރީ ޑެމޭޖަސް ފަދަ އެއްވެސް ބަދަލެއް ނަގައިދެވެން ނެތް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް، ޖިނާއީ ތަޙުޤީޤު މަރުޙަލާގައި ވަކީލަށް އޭނާ ޚަރަދުކުރި 30,000 ރުފިޔާއަކީ އެމްއޭސީއެލްއިން ދައްކަންޖެހޭ ފައިސާއެއް ކަމަށް ނިންމައި، އެ ފައިސާ މިދިޔަ ފެބުރުވަރީ މަހުގެ 12 އިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ސިވިލް ކޯޓުގެ މި ނިންމުން އެމްއޭސީއެލްއިން ހައިކޯޓުގައި އިސްތިއުނާފުކޮށް، މައްސަލައިގައި ގޮތެއް ނިމެންދެން ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދުނެވެ.

އެމްއޭސީއެލްއިން ބުނެފައިވަނީ ޖިނާއީ ތަޙުޤީޤު މަރުޙަލާގައި ވަކީލަށް ކުރި ޚަރަދު ނަގައިދިނުމަށް ދަށު ކޯޓުން ނިންމި ނިންމުމަކީ ޤާނޫނީ ގޮތުން ސައްޙަ ނިންމުމެއް ނޫން ކަމަށާއި، އިސްތިއުނާފީ މައްސަލަ ނިމުމުގެ ކުރިން ޙުކުމް ތަންފީޒުކޮށްފިނަމަ ކުންފުންޏަށް އިއާދަނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.

މި އަމުރާ މެދު ހައިކޯޓުން ގޮތެއް ނިންމުމުގައި އެ މުވައްޒަފުގެ ފަރާތުން ޖަވާބެއް ހުށަހަޅާފައި ނުވާއިރު، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ބެންޗުން ވަނީ އެމްއޭސީއެލްއިން ހުށަހެޅި ސަބަބުތަކަށް ރިއާޔަތްކޮށް، ހައިކޯޓުން އިސްތިއުނާފީ މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ސިވިލް ކޯޓުގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓަށް އަންގައި އަމުރުކޮށްފައެވެ.

މި ރައުޔަށް ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ފާޠިމަތު ފަރްހީޒާ އާއި ފަނޑިޔާރު އިސްމާޢީލް ޝަފީޢު ވަނީ ތާއީދުކުރައްވާފައެވެ.

comment ކޮމެންޓް