ޓޫރިޒަމަށް ދޫކޮށްފައިވާ ތަންތަނުން 537 މިލިއަން ޑޮލަރު ނުލިބި އެބަހުރި: މިނިސްޓަރު

ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން --- ފޮޓޯ: ރައީސް އޮފީސް

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމަށްފަހު ތަރައްގީ ނުކޮށް ހުރި ތަންތަނުން ދައުލަތަށް ލިބެންޖެހޭ 537 މިލިއަން އެމެރިކާ ޑޮލަރު ނުލިބި އެބަހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމުގެ އެކި ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން މަސައްކަތް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާ 168 ތަނެއް ވެއެވެ. މީގެ ތެރޭގައި 25 އަހަރު ފާއިތުވެފައިވާ ރަށްތައްވެސް ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ދިގު މުއްދަތެއް ވެގެންދިޔައިރުވެސް މަސައްކަތް ނުނިމި ހުރި ތަންތަނާމެދު އަމަލުކުރާނެ ގޮތުގެ އައު ގަވާއިދެއް ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ އާންމުކޮށް ގެޒެޓްކޮށްފައެވެ.

މިފަދަ މަޝްރޫއުތައް ނުނިމި ދިގުލައިގެން ދިއުމަކީ ރައްޔިތުންނަށާއި ދައުލަތަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދައުލަތަށް ލިބެންޖެހޭ ޓީޖީއެސްޓީ އާއި، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކްސް ފަދަ ޓެކްސްތައް ނުލިބުމުގެ އިތުރުން، ރައްޔިތުންނަށް ފަހިވާންޖެހޭ ވަޒީފާގެ ފުރުސަތުތައް ހަނިވެގެންދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

"ދައުލަތުގެ އަގުހުރި ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ބޭނުންނުކުރެވި، ދިގު މުއްދަތަކަށް ވަކި ފަރާތްތަކެއްގެ ބާރުގެ ދަށުގައި ހުރުމަކީ ގައުމުގެ އިގުތިސާދީ ކުރިއެރުމަށް އެޅޭ ބޮޑު ހުރަހެއް."

އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދިނުމާއި، އަލުން ތަރައްގީކުރުމަށް ތަން ބަންދުކޮށް މުއްދަތު ދިނުމުގެ އިތުރުން، ކުލި ފަސްކުރުމާއި ފަސްކުރެވޭ ކުލި އަލުން ދެއްކުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ތަރައްގީނުކޮށް ގިނަ ދުވަސް ވެފައިވާ ތަންތަނާމެދު އަމަލުކުރާނެ ހާއްސަ އިޖުރާއާތުތަކެއްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި، މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު ބައެއް ތަންތަން ޓާމިނޭޓު ކުރެވި، ހުއްޓިފައިވާ ބައެއް މަޝްރޫއުތަކުގެ މަސައްކަތްތައް އަލުން ފެށިގެންދާނެއެވެ. މީގެ ސަބަބުން ދައުލަތަށް ގެއްލެމުންދާ އާމްދަނީ އަނބުރާ ލިބެން ފެށުމާއެކު، ރައްޔިތުންނަށް ވަޒީފާގެ އައު ފުރުސަތުތައް ފަހިވެ، އިގުތިސާދަށް ކުރިއެރުން ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ދެކެއެވެ.

comment ކޮމެންޓް