ނެޓްފްލިކްސްގެ ކާމިޔާބު އެންތޮލޮޖީ ފިލްމު ސީރީޒް "ލަސްޓް ސްޓޯރީސް"ގެ ތިންވަނަ ބައިގެ ރަސްމީ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ. ކުރީގެ ބައިތަކެކޭ އެއްފަދައިން، މި ފަހަރު ވެސް މި ފިލްމު އެކުލެވިގެންވަނީ ހަތަރު ޑައިރެކްޓަރެއްގެ ހަތަރު ތަފާތު ސެގްމަންޓެއްގެ މައްޗަށެވެ.
"ލަސްޓް ސްޓޯރީސް 3"ގެ ސެގްމަންޓްތައް ޑައިރެކްޓްކޮށްފައިވަނީ، މަގުބޫލު ފިލްމު "ލާޕަތާ ލޭޑީސް" ގެނެސްދިން ކިރަން ރާއޯ އާއި، ކުޅަދާނަ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ އިތުރުން "ކަޕޫރް އެންޑް ސަންސް"ގެ ޑައިރެކްޓަރު ޝަކޫން ބަޓްރާ އަދި "އުޅާން"ގެ ޑައިރެކްޓަރު ވިކްރަމަދިތުޔާ މޮޓްވާނީއެވެ.
"ލަސްޓް ސްޓޯރީސް 3"ގެ ސެގްމެންޓްތަކުގެ ޑައިރެކްޓަރުން--ފޮޓޯ/ފިލްމުފެއަމި ފަހަރުގެ ބައިން ފެންނާނެ ފާހަގަކޮށްލެވޭ ތަރިންގެ ތެރޭގައި ކޮންކޮނާ ސެން ޝަރުމާ، ވިޖޭ ވަރުމާ، އަދިތީ ރާއޯ ހައިދަރީ އާއި އޭނާގެ ފިރިމީހާ ސިދާތު، އަލީ ފަޒަލް، ރާދިކާ މަދާން، އަބީޝެކް ބެނަޖީ، ސާނާ ތަމްޕީ އަދި ގުރްފަތޭ ޕިރްޒާދާ ހިމެނެއެވެ.
އިންސާނީ އެކި ކަހަލަ ގުޅުންތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމު ނެޓްފްލިކްސް މެދުވެރިކޮށް ޕްރީމިއާ ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
"ލަސްޓް ސްޓޯރީސް"ގެ ފުރަތަމަ ބައި 2018 ވަނަ އަހަރު ގެނެސްދީފައިވާއިރު، އެ ބައި ޑައިރެކްޓްކުރީ ކަރަން ޖޯހަރް، އަނޫރާގް ކޭޝަޕް، ޒޯޔާ އަޚްތަރު އަދި ދިބާކަރް ބެނަޖީއެވެ. އަދި 2023ގައި ނެރުނު ދެވަނަ ބައިގެ ސެގްމަންޓްތައް ޑައިރެކްޓްކޮށްފައިވަނީ އާރް ބަލްކީ، ކޮންކޮނާ ސެން ޝަރުމާ، އަމިތު ޝަރުމާ އަދި ސުޖޯއި ގޯޝްއެވެ.