ފިލްމު 'ސައްޔާރާ'ގެ ބަތަލާ އަނީތުގެ އާ ވެބް ސީރީޒްގެ ޓްރެއިލާ ދައްކާލައިފި

ބޮލީވުޑްގެ ކާމިޔާބު ފިލްމު "ސައްޔާރާ"އިން ބޮޑު މަޝްހޫރުކަމެއް ހޯދި ބަތަލާ އަނީތު ޕައްޑާގެ އާ ވެބް ސީރީޒް "ހުންކާރު: ދަ ރޯ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ވެބް ސީރީޒްގެ ވާހަކަ ބިނާކޮށްފައިވަނީ، ޖިންސީ ގޯނާގެ ޝިކާރައަކަށް ވުމަށްފަހު، މުޖުތަމަޢުގެ ފިއްތުންތަކާއެކުވެސް ހަނުހުންނަން އިންކާރުކޮށް، އަމިއްލަ ހައްގުގައި ކެރިގެން ތެދުވާ ހިތްވަރުގަދަ ޒުވާން އަންހެން ކުއްޖެއްގެ ހަޔާތުގެ މައްޗަށެވެ. އެ ކުއްޖާގެ މި ވަރުގަދަ އަޒުމާއެކު މި ވެބް ސީރީޒްގެ ފޯރި އިތުރަށް ގަދަވެގެންދާއިރު، ޓްރެއިލާގެ ކޮންމެ މަންޒަރަކުންވެސް ފެންނަނީ ޝައުގުވެރި އަދި އެހާމެ އަސަރުގަދަ ކަންތައްތަކެކެވެ. ވާހަކަ ކުރިއަށްދާވަރަކަށް، މި ހާދިސާގެ ފަހަތުގައިވާ ބޮޑެތި ސިއްރުތަކާއި ރޭވުންތައް ފަޅާއަރަމުންދާ މަންޒަރު ޓްރެއިލާއިން ދައްކުވައިދެއެވެ.

ފިލްމު "ސައްޔާރާ"އަށްފަހު އަނީތު ބެލުންތެރިންނަށް ފުރަތަމަ ފަހަރަށް ފެންނާނެ މި ސީރީޒް އަކީ ކަރަން ޑީ ކަޕާޑިއާ، ނިތްޔާ މެހެރާ އަދި ހީރާޒް މަރްފާތިއާގެ ޑައިރެކްޝަނެކެވެ. މީގެ އިތުރުން ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ކަރަން ޑީ ކަޕާޑިއާ އާއި ނިތްޔާ މެހެރާއެވެ. ވެބް ސީރީޒް "ހުންކާރު: ދަ ރޯ" އަކީ ބިރްލާ ސްޓޫޑިއޯސް އަދި އެޕްލޯޒް އެންޓަޓެއިންމަންޓުން، ޕާޕަލް ޕެބްލް ޕިކްޗާސް އާއި މަންގާޓާ ފިލްމްސްއާ ގުޅިގެން ގެނެސްދޭ އުފެއްދުމެކެވެ. މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ މަޝްހޫރު ބޮލީވުޑް ތަރި ޕްރިޔަންކާ ޗޯޕްރާ ޖޯނަސްއެވެ.

މި ވެބް ސީރީޒްއާ ގުޅޭގޮތުން ވާހަކަދައްކަމުން ޕްރިޔަންކާ ފާހަގަކުރި ގޮތުގައި، އުފެއްދުންތެރިއެއްގެ ގޮތުން އޭނާގެ އަބަދުވެސް އަމާޒަކީ މުޖުތަމައަށް އަސަރުކުރާނެ ފަދަ މާނަހުރި ވާހަކަތައް ގެނެސްދިނުމެވެ. އަދި ޑައިރެކްޓަރުން ކަމަށްވާ ނިތްޔާ އަދި ކަރަންގެ ހުނަރަށް ފުރިހަމަ އިތުބާރު އޮތް ކަމަށާއި، މި ފިލްމުގެ މުޅި ޓީމުން ކުރި ބުރަ މަސައްކަތާމެދު ފަޚުރުވެރިވާ ކަމަށްވެސް ބައިނަލް އަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބަތަލާ ވަނީ ބުނެފައެވެ.

"ހުންކާރު: ދަ ރޯ"އިން ފެންނާނެ މުހިއްމު ތަރިން ކަމަށްވާ ފާތިމާ ސަނާ ޝޭހް އަދި އަނީތު ޕައްޑާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މި ސީރީޒްގެ މުހިއްމު ރޯލަކުން ފެންނާނެ ބަތަލާ ފާތިމާ ސަނާ ޝެއިޚް ބުނީ، އޭނާގެ ކެރެކްޓާގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ، ތަހުގީގަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވައި ހުރަސްތައް ކުރިމަތިކުރި ނަމަވެސް، ޒިންމާދާރުކަމާއެކު މަސައްކަތުގައި ސާބިތުވެ ހުރުން ކަމަށެވެ. އެގޮތުން ބާރުގަދަ ފަރާތްތަކުގެ ނުފޫޒުތަކާއި އާންމުންގެ ފާޑުކިޔުންތަކަށް ބެލުމެއްނެތި، ހަގީގަތް ހޯދުމަށް ކުރާ ހިތްވަރުން އެ ކެރެކްޓާގެ ވަރުގަދަކަން ހާމަވާކަމަށް އޭނާ ބުންޏެވެ.

މި ވެބް ސީރީޒްގެ ލީޑް ބަތަލާ އަނީތް ފާހަގަކުރި ގޮތުގައި، އޭނާ ކުޅޭ ކެރެކްޓާ 'މީނޫ'އަކީ ހަމައެކަނި ދިމާވި ހިތާމަވެރި ހާދިސާއަކުން މިންއެޅޭނެ ޝަޚްސިއްޔަތެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާގެ ހަގީގީ ސިފައަކީ އެ ހާދިސާއަށްފަހު ނިންމި ހިތްވަރުގަދަ އަދި ކެރޭ ނިންމުންތައް ކަމަށް ބަތަލާ ވަނީ ފާހަގަކޮށްފައެވެ. އަދި ހަނުހުރުމަށް އިންކާރުކޮށް، އިންސާފު ހޯދުމަށް ކުރާ މި ދަތުރަކީ ބެލުންތެރިން ބަލައިގަންނާނެ ފަދަ އިބުރަތްތެރި ދަތުރަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އަނީތު ވަނީ ބުނެފައެވެ. މި ސީރީޒް ޕްރީމިއާކުރާނީ މި މަހުގެ 25 ވަނަ ދުވަހު ޖިއޯހޮޓްސްޓާއިންނެވެ.

comment ކޮމެންޓް