ގާނާގެ ރައްޔިތުންނަށް ވިސާއާ ނުލައި ރާއްޖެއަށް ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: -- ފޮޓޯ/ އެމްއޭސީއެލް

ގާނާގެ ރައްޔިތުންނަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ގާނާގެ ފޮރިން މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނެރުނު އާންމު އިއުލާނެއްގައި ބުނި ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ ދެ ގައުމުގެ ދެމެދުގައި ވެފައިވާ ވިސާ އެއްބަސްވުމަށް އަމަލުކުރަން ފެށުމާ ގުޅިގެންނެވެ. ރާއްޖޭގެ އިތުރުން ޒެމްބިއާ އަދި އެންޓިގުއާ އެންޑް ބާބިއުޑާއަށް ވެސް ގާނާގެ ރައްޔިތުންނަށް މިހާރު ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ.

މި އިންތިޒާމުގެ ދަށުން ގާނާގެ އާދައިގެ ޕާސްޕޯޓާއި، ސާވިސް ޕާސްޕޯޓުގެ އިތުރުން ޑިޕްލޮމެޓިކް ޕާސްޕޯޓު އޮންނަ ފަރާތްތަކަށް ވެސް ވިސާއާ ނުލައި ދަތުރުކުރެވޭނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން، ރާއްޖެއާއި ޒެމްބިއާއަށް ދަތުރުކުރާ ގާނާގެ ރައްޔިތުންނަށް ވިސާއާ ނުލައި ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް މަޑުކުރެވޭނެއެވެ. އަދި އެންޓިގުއާ އެންޑް ބާބިއުޑާއަށް ދަތުރުކުރާ ފަރާތްތަކަށް ގިނަވެގެން 90 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި އެ ގައުމުގައި ތިބެވޭނެއެވެ. މި އެއްބަސްވުންތަކަށް އަމަލުކުރަން ފަށާފައިވަނީ، މިދިޔަ އޭޕްރީލް މަހު ގާނާގެ ކެބިނެޓުން މިކަމަށް ރުހުން ދިނުމާ ގުޅިގެންނެވެ.

ވިސާއާ ނުލައި ދަތުރުކުރެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް، ދަތުރުކުރާ ގައުމުތަކުގެ އިމިގްރޭޝަން ގާނޫނުތަކާއި އެތެރެވުމުގެ ޝަރުތުތަކަށް ފުރިހަމައަށް އަމަލުކުރަން ޖެހޭނެ ކަމަށް ގާނާގެ ފޮރިން މިނިސްޓްރީން އިންޒާރުދީފައިވެއެވެ. އެގޮތުން، މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮތުމާއި، ކަމާބެހޭ ފަރާތްތަކުން އަންގާ ލިޔެކިޔުންތައް ފުރިހަމަކުރުމަކީ ލާޒިމު ކަމެކެވެ. މީގެ އިތުރުން، ވަޒީފާ އަދާކުރުމަށާއި، ތައުލީމު ހާސިލުކުރުމަށް ނުވަތަ ދިރިއުޅުމަށް އެ ގައުމުތަކަށް ދަތުރުކުރާނަމަ، ދަތުރުކުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުން ހާއްސަ ހުއްދައެއް ހޯދަން ޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ގައުމެއްގެ ސިއްހީ އަދި އެހެނިހެން ޝަރުތުތައް ބަދަލުވެފައިވޭތޯ ބެލުމަށްޓަކައި، ކަމާބެހޭ ފަރާތްތަކުން ނުވަތަ އެންމެ ކައިރީގައި ހުންނަ އެމްބަސީއަކުން މައުލޫމާތު ސާފުކުރުމަށް ގާނާގެ ސަރުކާރުން ވަނީ އިރުޝާދުދީފައެވެ. މި އެއްބަސްވުންތަކުގެ މައިގަނޑު މަގުސަދަކީ ގާނާގެ ރައްޔިތުންނަށް ފަސޭހައިން ދަތުރުކުރެވޭނެ މަގު ތަނަވަސްކޮށްދިނުމާއި، ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުން ކަމަށް ގާނާގެ ފޮރިން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ދިވެހި ރާއްޖެއަށް ތަފާތު މާކެޓްތަކުން ފަތުރުވެރިން ގެނައުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ފަހުކޮޅު އެފްރިކާގެ އެއާލައިނެއް ކަމަށްވާ، އިތިއޯޕިއާއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

comment ކޮމެންޓް