އައްޑޫ ސިޓީ ފޭދޫގެ 30 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނި ގޮތުގައި، މިއަދު ހެނދުނުން ފެށިގެން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީގެ ރަށްތަކަށް ވަނީ ބޯކޮށް ވާރޭވެހިފައެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ލިބިގެން އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ފޭދޫގައި ފެންބޮޑުވުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ތެރޭގައި، ޚާއްސަ އެހީއަށް ބޭނުންވާ ދެ މީހުން ހިމެނޭހެން ޖުމްލަ އަށް މީހުން ދިރިއުޅޭ ގެއަކަށް ފެންވަދެ ދިރިނޫޅެވޭ ހާލަތަށް ވަނީ ގޮސްފައެވެ. އެންޑީއެމްއޭއިން ބުނީ، އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއި ދިވެހި ސިފައިން (އެމްއެންޑީއެފް) އަދި ފުލުހުން ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ދަނީ ކުރަމުންނެވެ. މި މަސައްކަތުގައި އެކި މުއައްސަސާތަކުން ގުޅިގެން ހަރަކާތްތެރިވަމުންދާ ކަމަށް އެ އޮތޯރިޓީން ފާހަގަކުރިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ދެކުނުގެ އަތޮޅުތަކަށް ނެރެފައިވާ ރީނދޫ ސަމާލު މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ދަމަހައްޓައިފައެވެ. އެންޑީއެމްއޭއިން ބުނި ގޮތުގައި، އެ އޮތޯރިޓީން ދަނީ ދެކުނުގެ އަތޮޅުތަކުގެ ހާލަތު ވަރަށް ގާތުން މޮނިޓާކުރަމުންނެވެ.