މިދިޔަ އަށް މަހު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށް 589 މައްސަލަ ހުށަހެޅިއިރު އޭގެތެރެއިން 51 ޕަސެންޓު ޝަކުވާ ތަހުގީގު ނުކުރުމަށް ނިންމައިފިއެވެ.
އެޗްއާރުސީއެމުން އިއްޔެ ވަނީ، ޖަނަވަރީ އެކަކުން ނިމުނު އޮގަސްޓު މަހުގެ ނިޔަލަށް އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތަފުސީލު ހާމަކޮށްފައެވެ.
މިގޮތުން، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 589 ޝަކުވާއެއް އެ ކޮމިޝަނަށް ހުށަހެޅިއިރު، މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ނިންމާފައި ވަނީ އޭގެތެރެއިން 284 މައްސަލައެވެ.
އެޗްއާރުސީއެމަށް މި އަހަރުގެ މިހާތަނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 305 ޝަކުވާއެއް އިބްތިދާއީ މަރުހަލާގައި ތަހުގީގު ނުކުރުމަށް ވަނީ ނިންމާފައެވެ. އެއީ، އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މައްސަލަތަކެވެ.
އެޗްއާރުސީއެމްގެ ބައެއް މެންބަރުން ބައްދަލުވުމެއްގައި: މިދިޔަ އަށްމަހު އެޗްއާރުސީއެމަށް 589 ޝަކުވާ ހުށަހެޅިއިރު، 51 ޕަސެންޓު ޝަކުވާ ނިންމީ ނުބަލަން -- ފޮޓޯ: އެޗްއާރުސީއެމްއެ ކޮމިޝަނުން ބުނި ގޮތުގައި، އޭގެތެރޭގައި ހިމެނޭ ގިނަ ޝަކުވާތަކަކީ މެންޑޭޓުގައި ނުހިމެނޭ ޝަކުވާތަކާއި ފުރަތަމަ މަރުހަލާގައި ގުޅުންހުރި އިދާރާތަކަށް ހުށަހަޅަން ޖެހޭ ޝަކުވާތަކެވެ.
"މިފަދަ ޝަކުވާތައް ގުޅުންހުރި އިދާރާތަކަށް ހުށަހެޅުމަށާއި ގުޅުންހުރި އިދާރާއަށް ހުށަހަޅައި، އެ ޝަކުވާ ބެލުމުގައި ލަސްވާނަމަ ނުވަތަ އެ ޝަކުވާއާ ގުޅުންހުރި އިދާރާއިން އަމަލުކުރި ގޮތާމެދު ހިތްހަމަނުޖެހޭނަމަ މި ކޮމިޝަނަށް އެ ޝަކުވާ ހުށަހެޅުމަށް ވާނީ ލަފާދެވިފައި" އެ ކޮމިޝަނުން ބުންޏެވެ.
މީގެއިތުރުން، އެހެނިހެން އިދާރާތަކުގެ ސަމާލުކަމަށް ގެންނަން ފެންނަ ޝަކުވާތައް އެ އިދާރާތަކުގެ ސަމާލުކަމަށް ކޮމިޝަނުން ވަނީ ގެނެސްފައެވެ.
މިދިޔަ އަށް މަހުގެ ތެރޭގައި، 284 މައްސަލަ އެޗްއާރުސީއެމަށް ވަނީ ބަލައިގަނެފައެވެ. އަދި، ކުރީ އަހަރުތަކުގެ މައްސަލަތައް ހިމަނައިގެން 297 މައްސަލަ ނިންމައި، ފައިލްކޮށްފައިވެއެވެ.
އެޗްއާރުސީއެމުން ބުނި ގޮތުގައި އެންމެ ގިނަ މައްސަލަތައް ނިންމާފައި ވަނީ، މިދިޔަ ޖުލައި މަހެވެ. އެ މަހު 61 މައްސަލަ ނިންމާފައިވާއިރު، މި އަހަރު ބަލަން ނިންމި މައްސަލަތަކުގެ 72 އިންސައްތަ މައްސަލަ 90 ދުވަހުގެ ތެރޭގައި އެޗްއާރުސީއެމުން ވަނީ ތަހުގީގުކޮށް ނިންމާފައެވެ.
ފާހަގަކުރެވޭ ގޮތުގައި، އެޗްއާރުސީއެމުން އެކި ކަހަލަ މައްސަލަތައް ތަހުގީގުކުރެއެވެ. އޭގެތެރޭގައި، ޖަލުތަކުގައި މަރުވާ ގައިދީންގެ މައްސަލަތައް ހިމެނެއެވެ.