ސަރުކާރުން އަލަށް އުފެއްދި "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް" ކުންފުނީގެ މަގްޞަދަކީ ކައުންސިލްތަކުގެ އަތުން މިސްކިތްތައް އަތުލުން ނޫން ކަމަށާއި، އެ ކުންފުނީގެ ބޭނުމަކީ މިސްކިތްތައް މަރާމާތުކޮށް ބަލަހައްޓާ ފަރާތްތަކަށް މާލީ ގޮތުން އެހީތެރިވުމަށް ފައިސާ ލިބޭނެ ވަސީލަތް ތަނަވަސްކޮށްދިނުން ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" އުފައްދައިފައިވާކަން ރައިސް އޮފީހުން އިއުލާންކުރީ އިއްޔެއެވެ. އެ އޮފީހުން ބުނި ގޮތުގައި އެ ކުންފުނީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން، އާމްދަނީ ލިބޭނެ ފަދަ ވަޤުފު އިމާރާތްތަކާއި ވިޔަފާރި މަޝްރޫއުތައް ތަރައްގީކޮށް ހިންގުމެވެ.
މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތް މިހާރު ކައުންސިލްތަކުން ކުރަމުން އަންނައިރު، އެ ކުންފުންޏާ ގުޅޭ ގޮތުން މާލޭގެ މޭޔަރު އާދަމް އާޒިމާ ހަވާލާދީ ސަންގު ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން، މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލްތަކުގެ އަތުން ނަގައި ސަރުކާރުން ވަކި ކުންފުންޏެއް އުފެއްދީ ރައްޔިތުންނަށް ޖެއްސުންކުރުމަށެވެ.
އެ ވާހަކައަށް ރައްދު ދެއްވައި ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ކައުންސިލްތަކުން މިސްކިތްތައް ނުނަގާނެ ކަމަށާއި، ވަޤުފު ކުންފުނީގެ މަގުސަދަކީ މިސްކިތްތައް މަރާމާތުކުރަން ބޭނުންވާ ފައިސާ ހޯދައިދިނުން ކަމަށެވެ. އަދި މިހާރު ވެސް މިސްކިތްތަކުގެ މަރާމާތަށް އަހަރަކަށް ދެމުން އަންނަ އެއް މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށް އެދި މާލޭ ސިޓީ ކައުންސިލުން މީގެ ހަފުތާތަކެއް ކުރިން ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިއީ ދުނިޔޭގެ އިސްލާމީ ވަރަށް ގިނަ ގައުމުތަކުގައި ވެސް މިކަން ކުރަމުންދާ ގޮތް ކަމަށާއި، ކައުންސިލްތަކަށް އެކަނި އެވަރުގެ ބޮޑު ޚަރަދެއް ނުކުރެވޭނެ ކަމަށެވެ.
"ވަޤުފް ކުންފުނިން މިސްކިތްތައް އަތުނުލާނެ. ކުންފުނިން ކުރާނެ ކަމަކީ މިސްކިތް މަރާމާތުކޮށް ބަލަހައްޓާ ފަރާތްތަކަށް މާލީ ގޮތުން އެހީވުމަށް ފައިސާ ލިބޭނެ ވަސީލަތް ތަނަވަސްކުރުން،" ވަޒީރު ވިދާޅުވިއެވެ.
މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ، ސަރުކާރުން އެ ކުންފުނި އުފެއްދީ ދިވެހިންނާ ހަވާލުކޮށްގެން މިސްކިތްތަކުގެ މަރާމާތުގެ ހުރިހާ މަސައްކަތެއް ވަރަށް ރަނގަޅަށް ނިންމާފައި ވަނިކޮށް ކަމަށާއި، މިހާރު ސިޓީ ކައުންސިލުން އަމިއްލައަށް އިސްނަގައިގެން މިސްކިތްތައް ވަރަށް ރީތިކޮށް ބަލަހައްޓަމުން އަންނަ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ، ޤައުމީ ވަޤުފު ކުންފުނީގެ ސަބަބުން ރާއްޖޭގެ ދީނީ ކަންކަމަށް އައު ރޫޙަކާއި ދިރުމެއް ލިބި، އެއީ 2040ގައި ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށް ވިދާޅުވެފައެވެ.