ދައުލަތަށް 46 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި އަޙުމަދު މަނިކު އަވަހާރަވެއްޖެ

އަހުމަދު މަނިކު ---

ދިވެހި ދައުލަތަށް 46 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި އަޙުމަދު މަނިކު (ޖާދޫ އަހުމަދު މަނިކު) މިއަދު އަވަހާރަވެއްޖެއެވެ.

އަހުމަދު މަނިކު އަވަހާރަވީ އުމުރުފުޅުން 88 އަހަރުގައެވެ.

އޭނާ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އާއިލާއަށް ތައުޒިޔާ ދަންނަވައި، ޕޯސްޓެއް ކުރައްވާފައެވެ. އަދި، އެ މަނިކުފާނު ވަނީ އަހުމަދު މަނިކަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާކުރައްވާފައެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު، 2023 ވަނަ އަހަރު އަޙުމަދު މަނިކަށް ދެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އަޙުމަދު މަނިކަކީ، ދައުލަތަށް 46 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

ފެބުރުވަރީ އެކެއް، 1957އިން ފެށިގެން މެއި އެކެއް، 2008އާ ހަމައަށް އޭނާ ވަނީ އެކި މަގާމުތަކުގައި ދައުލަތަށް ޚިދުމަތްކޮށްދެއްވާފައެވެ. މިގޮތުން، ޕިޔޯނުކަމާއި ސަރުދާރުކަމާއި ކިއުރޭޓަރުކަމުގެ އިތުރަށް ސިފައިންގެ އޮފިސަރަކަށް އުޅުއްވިއެވެ.

ދެހާސް ތޭވީސް ވަނަ އަހަރު ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ވެސް އަޙުމަދު މަނިކަށް ވަނީ ލިބިވަޑައިގެންފައެވެ.

އޭނާގެ ކަށަނަމާދު އޮތީ މިރޭ އިޝާ ނަމާދަށް ފަހު، އާސަހަރާ މިސްކިތުގައެވެ.

comment ކޮމެންޓް