މާލެ ކައިރީގައި އޮތް ބޮޑު ތެޔޮ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ބުރާސްފަތި ރޭ ޖެހިފައިވާއިރު، އެ ހާދިސާގައި ގެއްލުންތައް ލިބިފައިވާތީ، ގެއްލުމުގެ ބަދަލު ހޯދައި ބުރިޖުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން މާލޭ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި ދެ ބޯޓެއް އޮޔާ ދިޔައީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ބޯޓުގެ ކޮންޓްރޯލް ގެއްލިގެންނެވެ.
މި ހާދިސާގައި ހިމެނެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަދެ އުޅެނިކޮށް ހިފަހައްޓާފައިވާ ދެ ޓޭންކަރެއް ކަމަށް ޝިޕިން ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ.
އެ ދެ ބޯޓު ފަހުން ބުރިޖުގެ ދަށުން އޮޔާ ގޮސް، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް އަޑިއަށް ގޮސްފައި ކަމަށް ރޭ އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.
މާލޭ ސިޓީ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، އެމްޓީކޭޖީ 1 އާއި އޭއެލް 1 ނަމަކަށް ކިޔާ އެ ދެ އުޅަނދަކީ މިދިޔަ އޭޕްރިލް މަހުގެ 26ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގާނޫނާ ޚިލާފަށް ވަނުމާ ގުޅިގެން ކަސްޓަމްސްގެ ބެލުމުގެ ދަށުގައި މިދިޔަ މެއި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އޮތް ދެ އުޅަނދު ކަމަށެވެ.
ކައުންސިލުން ބުނި ގޮތުގައި އެ ދެ އުޅަނދު މާލޭގެ އިރުމަތީ ފަރަށާއި ސިނަމާލެ ބުރިޖުގެ ތަނބަކަށް އެރުމުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި އެ ހާދިސާ ހިނގި ގޮތުގެ ސައްހަ މައުލޫމާތު މިހާތަނަށް ވެސް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ރައްޔިތުންނަށް ހާމަކޮށްދީފައެއް ނުވާ ކަމަށް ކައުންސިލްގެ ބަޔާނުގައިވެއެވެ.
މި ދެ އުޅަނދާބެހޭ ގޮތުން މީސްމީޑިއާގައި ފެތުރެމުންދާ މައުލޫމާތަށް ބަލާއިރު، އެއީ ރާއްޖޭގެ ކަނޑުގެ ސަހަރައްދު ބެލެހެއްޓުމުގައި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ގާނޫނީ ގޮތުން ޒިންމާވާން ޖެހޭ އެތައް ކަމެއްގައި އެ ޒިންމާ އަދާކުރެވިފައިނުވާތީ ހިނގާފައިވާ ކަމެއް ކަމަށް ރިޕޯޓުކޮށްފައިވާތީ މިއީ މާލޭ ސިޓީ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަންތައްތަކެއްކަމުގައި ފާހަގަކުރަމެވެ.
މާލޭ ސިޓީ ކައުންސިލް
ކައުންސިލުން ބުނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ސިޓީ ކައުންސިލަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާތަކުގެ ތެރޭގައި މާލޭ ސިޓީގެ އިހުތިސާސުގައިވާ ތިމާވެއްޓާއި ފަރުތަކާއި ކަނޑުގެ ވަސީލަތްތަކާއި މުނިސިޕަލް އުމްރާނީ ވަސީލަތްތައް ރައްކާތެރިކޮށް ބެލެހެއްޓުން ހިމެނޭ ކަމަށެވެ.
އެހެންކަމުން މި ހާދިސާއާ ގުޅުގެން މާލޭ ސިޓީގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވައިލައި ތިން ކަމެއް ފުރިހަމަކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ. އެއީ:
- މުއައްސަސާތަކުގެ އިހުމާލު ތަހުގީގުކުރުން: އުޅަނދުފަހަރު ރާއްޖެއަށް އެތެރެވި ގޮތާއި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮއްވައި ނަގިލި ކެނޑިގެން ގޮސް މާލޭ އިރުމަތީ ފަރަށް އަރައި ބުރިޖުގައި ޖެހެން މެދުވެރިވި ސަބަބު ބަލައި އެކަމުގައި އިހުމާލުވި ބަޔަކު ކަށަވަރު ކުރުމަށް މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގައި ރިޕޯޓު އާންމުކުރުން
- ތިމާވެއްޓާއި ބުރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުން: އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ މެދުވެރިކޮށް ފަރަށް ލިބުނު ގެއްލުން ވަޒަންކޮށް އަދި ބުރިޖަށް ލިބުނު ގެއްލުމުގެ މާލީ ބަދަލު ހޯދުން
- ސިނަމާލެ ބުރިޖުގެ ސްޓްރަކްޗަރަލް އެސެސްމެންޓް ހެދުން: ދެ އުޅަނދު ޖެހުމުގެ ސަބަބުން ބުރިޖުގެ މައި ތަނބުތަކަށާއި ޕްލެޓްފޯމަށް ލިބުނު ގެއްލުންތައް އިންޖިނިއަރިން އޮޑިޓަކުން ކަށަވަރުކޮށް، ބުރިޖުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން
އެ ހާދިސާއާ ގުޅިގެން ގިނަ ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާއިރު، ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ ބޯޓުތައް އުރުމާ ގުޅިގެން ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީން ބުރިޖަށް ގެއްލުމެއް ލިބުނުތޯ ބެލުމަށް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިޔަ ކަމަށް ވިދާޅުވެފައެވެ. އަދި ބުރިޖުގެ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް ކުދިކުދި ކޫރު އެޅިފައި ހުރި ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި އުޅަނދެއް ކޮންޓްރޯލުން ނެއްޓުމަކީ ބުރިޖަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މުހިންމު އެހެނިހެން ވަސީލަތްތަކަށް ނުރައްކާވެ، މި ސަރަހައްދުގެ ދިރިއުޅުމަށް އެޅޭނެ ބޮޑު ހުރަހެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިފަދަ ހާދިސާއެއް ހިނގުމުން ރައްކާތެރިވުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އެ މައްސަލައިގައި މޭޔަރު އާދަމް އާޒިމް ވެސް މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވައިފައިވާއިރު، އިއްޔެ އިދިކޮޅު އެމްޑީޕީން ވެސް ވަނީ، ބުރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވާ ކަމަށް ސަރުކާރުން ނިންމި ގޮތާ މެދު ކަންބޮޑުވާ ކަމަށް ބުނެފައެވެ.