އެއްޒަމާނެއްގައި "އާދައިގެ" ވަޒީފާއެއްގެ ގޮތުގައި ބެލެވުނު ކިޔަވައިދިނުމުގެ މަސައްކަތަކީ، މިއަދު ކޯޕަރޭޓް ދާއިރާގެ ވަޒީފާތަކަށްވުރެވެސް ބުރަ އަދި ގޮންޖެހުންތައް ގިނަ ޚިދުމަތެކެވެ. މިއަދު މުދައްރިސަކަށް ވުމަކީ ހަމައެކަނި ސަނަދެއް ހިފައިގެން ކްލާސްރޫމަށް ވަނުމެއް ނޫނެވެ.
ކިޔަވައިދިނުމަކީ އެއްވެސް ޒަމާނެއްގައި ފަސޭހަ ކަމަކަށް ނުވި ނަމަވެސް، މިއަދު މުދައްރިސުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވަނީ އިންތިހާއަށް ފުޅާވެ، ކުށެއް ކުރެވުމުގެ ފުރުސަތު ނެތް މިންވަރަށް ހަނިވެފައެވެ.
ނުވަދިހައިގެ އަހަރުތަކާއި 2000ގެ ކުރީކޮޅުގެ ދިވެހިރާއްޖޭގެ ސްކޫލުތަކުގެ މާޒީއަށް ބަލައިލާއިރު، އެއީ ވަރަށް ސާދާ ދުވަސްވަރެކެވެ. ޗޯކު ކުނޑީގެ އަސަރާއި، ކްލާހުގެ ކަނުގައި ހުންނަ އަލަމާރީގެ އަޑާއި، ނޯޓިސްބޯޑުގައި ހަރުކޮށްފައި ހުންނަ ތާވަލުތަކެވެ. ޕްރިފެކްޓުން ކޮރިޑޯތައް ބަލަހައްޓަމުން ދިޔައިރު، މުދައްރިސުން ސަމާލުކަން ދެއްވަނީ ދަރިވަރުންގެ ޔުނީފޯމާއި އިސްތަށިގަނޑު ރީތިކޮށް ހުރިތޯއާއި، ނިޔަފަތި ކަނޑާފައި ހުރިތޯ ބެލުމަށެވެ.
ބެލް ޖެހުމާއެކު މުދައްރިސަކު ކްލާހަށް ވަދެވަޑައިގަތުމުން ދަރިވަރުން އެކުގައި އިޚްތިރާމާއެކު ސަލާމް ގޮވާލާ އަޑުން މުޅި ސަރަޙައްދު ގުގުމައިގެން ދެއެވެ. އޭރުގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އައު ފޮތްތަކުގައި ބޭރުގަނޑު އެޅުމާއި، ކްލާސް މޮނީޓަރަކަށް ވުމަށް ކުރާ މަސައްކަތާއި އަދި ރިޕޯޓް ފޮތް ލިބޭ ދުވަހުގެ އިންތިޒާރެވެ.
ޒަމާނަށް އައި ބަދަލާއެކު، މިއަދުގެ ހަގީގަތް މުޅިން ތަފާތެވެ. ދިގު މުއްދަތަކަށް ތަޢުލީމީ ދާއިރާގައި ޚިދުމަތްކުރައްވާފައިވާ މުދައްރިސުން ފާހަގަކުރައްވާ ގޮތުގައި، މިހާރު ކޮންމެ އައު ޓާމަކާއެކު ކުރިމަތިވަނީ އައު ގޮންޖެހުންތަކެކެވެ. ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައިވެސް ބެލެނިވެރިންގެ ފަރާތުން އަންނަ މެސެޖުތަކަށް ޖަވާބުދާރީވާން ޖެހެއެވެ. ކުލާސް ބަދަލުވުން ފަދަ އާދައިގެ ކަންކަމުގައިވެސް، ކުދިންނަށް ދިމާވާ ދަތިތަކަށް ކެތްތެރިވާން ދަސްކޮށްދިނުމުގެ ބަދަލުގައި، ބެލެނިވެރިން އިސްކަންދެނީ ސްކޫލްގެ އިސްވެރިންނާ ހަމައަށް ޝަކުވާ އުފުލައި، އެކުދިންނަށް ޚާއްޞަ އިމްތިޔާޒުތަކެއް ހޯދައިދިނުމަށެވެ.
ރާއްޖޭގެ ސްކޫލެއްގައި ދަރިވަރުންތަކެއް ކްލާސްރޫމްތެރޭ ހަރަކާތްތެރިވަނީ--ފޮޓޯ/ފޭސްބުކްމީގެއިތުރުން، މުދައްރިސުންގެ އަގުހުރި ވަގުތުގެ ބޮޑުބައެއް ހޭދަވަނީ އިދާރީ ލިޔެކިޔުންތައް ފުރިހަމަކުރުމުގައެވެ. ދަރިވަރުންގެ އަޚުލާޤީ މައްސަލަތައް ނޯޓުކުރުމާއި، މީސްމީޑިއާގެ ސަބަބުން ދަރިވަރުންގެ މެދުގައި އުފެދޭ ހައްސާސީ މައްސަލަތައް ހައްލުކުރުމަށް ކައުންސިލަރުންގެ ދައުރު އަދާކުރަންޖެހުމަކީ މުދައްރިސުންގެ މަސައްކަތުގެ ބުރަ އެތައް ގުނައަކަށް އިތުރުވާ ކަމެކެވެ.
ކުރީޒަމާނުގައި ކްލާސްރޫމްގެ ހަމަހިމޭންކަން ގެއްލުމުން މުދައްރިސު ބުނެލާ އެންމެ ބަހަކުން މުޅި ކްލާސް ކިޔަމަންތެރިވެއެވެ. ނަމަވެސް މިއަދު ދަރިވަރެއްގެ ނޭދެވޭ ސުލޫކެއް އިސްލާހުކުރުމަކީ މުދައްރިސުންނަށް ބޮޑު ނުރައްކަލަކަށް ވެއްޖެއެވެ. ކްލާހުގައި ހިނގާ ކުޑަކުޑަ ކަމެއްވެސް ބޮޑު މައްސަލައަކަށް ބަދަލުވެ، ސުކޫލުގެ އިދާރީ ފެންވަރުގައި ޖަވާބުދާރީވާން ޖެހުމުގެ ސަބަބުން، ދަރިވަރުން އިސްލާހުކުރުމަށް މުދައްރިސުން މިހާރު ޖެހިލުންވެއެވެ. މީގެ މައިގަނޑު ސަބަބަކީ ބެލެނިވެރިންގެ ފަރާތުން ކުރިމަތިވާ ފިއްތުންތަކާއި، މުދައްރިސުންގެ ދިފާއުގައި ސްކޫލުތަކުން އެކަށީގެންވާ އެއްބާރުލުން ނުލިބުން ކަމަށް ބައެއް ޓީޗަރުން ދެކެއެވެ.
މާޒީގައި މުދައްރިސުންނަށް އޮތް ޤަދަރާއި އިޙްތިރާމްގެ މައްޗަށް ބިނާވެފައިވާ އިތުބާރުގެ ބަދަލުގައި، މިއަދު ފެންނަނީ ވިޔަފާރީގެ މުއާމަލާތެއްގެ ސިފައެވެ. ތަޢުލީމަށް ކުރާ ހޭދަ ބޮޑުވުމާއެކު ބެލެނިވެރިންގެ އުންމީދުތައް އިންތިހާއަށް އުފުލިފައިވީ ނަމަވެސް، ދަރިވަރުންގެ ޖުމްލަ އަޚުލާގާއި ނަފްސާނީ ދުޅަހެޔޮކަމުގެ މުޅި ޒިންމާ މުދައްރިސުންގެ ކޮނޑުގައި އެޅުވުމަކީ އިންސާފެއް ނޫނެވެ. ދަރިވަރުންގެ އަސާސީ އަޚުލާގާއި، އާދަކާދަތަކާއި، ނަފްސާނީ ގޮތުން ހަރުދަނާ ބަޔަކަށް ހެދުމުގެ އެންމެ އިސް ދައުރެއް އަދާކުރަންޖެހޭ ފަރާތަކީ ޢާއިލާއާއި ގޭތެރޭގެ މާހައުލެވެ.
މިއަދު މުދައްރިސެއްގެ ދައުރު އަދާކުރުމަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ގުރުބާނީތަކެއް ވާންޖެހޭ ކަމެކެވެ. މުޅި ދުވަހު ކޮޅަށް ހުރެ މަސައްކަތްކުރުމުގެ އިތުރުން، އުފުލަންޖެހޭ ނަފްސާނީ ބުރައިގެ ސަބަބުން ގިނަ މުދައްރިސުން ދަނީ ވަރުބަލިކަމާއި 'ބާންއައުޓް' ތަހަންމަލު ކުރަމުންނެވެ.
މި ހާލަތު ބަދަލުކުރުމަށްޓަކައި ސްކޫލުތަކާއި، ބެލެނިވެރިން އަދި ކަމާބެހޭ ތަޢުލީމީ އިދާރާތައް ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. މުދައްރިސުންގެ އިދާރީ މަސައްކަތްތައް ލުއިކޮށްދީ، ބެލެނިވެރިންނާއި މުދައްރިސުންގެ ގުޅުމުގައި ދުޅަހެޔޮ އިންތަކެއް ކަނޑައަޅަންޖެހެއެވެ. މުދައްރިސުންނަށް އަލުން އަނބުރާ ކިޔަވައިދިނުމުގެ މަތިވެރި މަގުސަދަށް ފުރިހަމައަށް ހުސްވެވޭނީ އޭރުންނެވެ.