ސްރީލަންކާގެ އަނގުލާނާ ސަރަޙައްދުގެ ކަނޑަށް އަޑިއަށްދިޔަ އެ ގައުމުގެ ކަނޑުގެ ސިފައިންގެ ފާސްޓް އެޓޭކް ކްރާފްޓް 'ޕީ 4447'، ގިނަ ދުވަސްތަކަކަށް ދެމިގެންދިޔަ އޮޕަރޭޝަނަކަށްފަހު ކަނޑުގެ އަޑިން ނަގައިފިއެވެ.
ސްރީލަންކާގެ 'ޑެއިލީ މިރާ' ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން، މި އުޅަނދު އަޑިއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އާންމު ޕެޓްރޯލެއްގައި އުޅެނިކޮށެވެ. މި ހާދިސާ ހިނގުމާއެކު ލަންކާގެ ނޭވީން ކުރިއަށްގެންދިޔަ ހަރަކާތްތަކުން އެ އުޅަނދު ފެނިފައިވަނީ ކަނޑުގެ ގާތްގަނޑަކަށް 80 ފޫޓު ނުވަތަ 24 މީޓަރު އަޑިންނެވެ.
މި ހާދިސާ ހިނގި ވަގުތުން ފެށިގެން ސްރީލަންކާގެ ނޭވީ އާއި، އެއާފޯސް އަދި ފުލުހުންގެ އިތުރުން އަނގުލާނާގެ މަސްވެރިން ގުޅިގެން ކުރިއަށްގެންދިޔަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި އުޅަނދުގެ ފަޅުވެރިންގެ ތެރެއިން 11 މީހުން ވަނީ ސަލާމަތްކޮށްފައެވެ. އަދި ގެއްލުނު އުޅަނދުގެ ސެކަންޑް އިން ކޮމާންޑްގެ ހަށިގަނޑު ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ފެނުމާއެކު، މީހުން ހޯދުމުގެ މަރުޙަލާ ވަނީ ނިންމާލާފައެވެ.
ކަނޑަށް ފެތުނު ލަންކާ ނޭވީގެ ހަނގުރާމަމަތީ އުޅަނދެއް 24 މީޓަރު އަޑިން ނެގި ޓީމު ---އޭގެ ފަހުން، ކަނޑުގަދަވެ އަޑީގެ ޙާލަތު ގޯސްވި ނަމަވެސް، ނޭވީގެ ޚާއްސަ ޑައިވަރުންނާއި ސަލްވޭޖް ޓީމުތަކުން އުޅަނދު ނެގުމުގެ މަސައްކަތް ފެށި ކަމަށް ޑެއިލީ މިރާގައި ވެއެވެ.
މިގޮތުން ނޭވީގެ މެރިން، ހަލް، އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކްސް އިންޖިނިއަރިން ޓީމުތައް ގުޅިގެން ޒަމާނީ ވަސީލަތްތަކާއި ފަންނީ މައުލޫމާތުގެ އެހީގައި އެކި މަރުހަލާތަކަކަށް ބަހާލައިގެން ކުރި މަސައްކަތުން، މިދިޔަ ހުކުރު ދުވަހު ވަނީ އުޅަނދު މައްޗަށް ނަގައިފައެވެ. އަދި އޭގެ ފަހުން އެ އުޅަނދު ވަނީ ކޮލޮމްބޯ ޑޮކްޔާޑް ސަރަޙައްދަށް ޓޯކޮށްގެން ގެންގޮސްފައިކަމަށް ވެއެވެ.
މި އޮޕަރޭޝަންގައި ސްރީލަންކާ ޕޯޓްސް އޮތޯރިޓީ އާއި ކޮލޮމްބޯ ޑޮކްޔާޑް ޕީއެލްސީގެ ފަރާތުން ވެސް ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ލަންކާ ނޭވީން ވަނީ މިއީ އަސްކަރިއްޔާގެ ޑައިވަރުންނާއި އިންޖިނިއަރުންގެ ޕްރޮފެޝަނަލްކަމާއި ފަންނީ ގާބިލުކަން ދައްކުވައިދިން ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މި އުޅަނދު ކާމިޔާބުކަމާއެކު ނެގުމާއެކު، މިދިޔަ މަހު 15 ގައި ހިނގި ހާދިސާއާ ގުޅިގެން ލަންކާ ސިފައިން ކުރިއަށްގެންދިޔަ ކުއްލި ހާލަތުގެ އޮޕަރޭޝަން މިހާރު ވަނީ މުޅިން ނިމުމަކަށް އައިސްފައެވެ.