މެލޭޝިއާ-ރާއްޖެ: ވިޔަފާރިއާއި ޑިޖިޓަލް ގުޅުން ބަދަހިކުރަނީ

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއި ރައީސް ޑރ. މުޙައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިރޭ ރާއްޖެ ވަޑައިގަންނަވާ ރަސްމީ ދަތުރުފުޅުގައި ވިޔަފާރި އާއި ޑިޖިޓަލްގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވަން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް އަންވަރު މިރޭ ރާއްޖެ ވަޑައިގަންނަވާއިރު ރަސްމީ ބައްދަލުވުންތައް އޮތީ މާދަމާއެވެ. އަދި އަންވަރު ފުރާވަޑައިގަންނަވަނީ ވެސް މާދަމާއެވެ.

މި ވަގުތު އަންވަރު ހުންނެވީ ބްރިކްސްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އަވައްޓެރި އިންޑިއާގައެވެ.

މެލޭޝިއާގެ ނޫސްތައް ބުނާގޮތުން މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ތަޢުލީމާއި، ސިއްހީ ދާއިރާގެ އިތުރުން ޑިޖިޓަލް އިންޓަގްރޭޝަންގެ ރޮނގުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.

ބޮޑުވަޒީރު އަންވަރުގެ މި ދަތުރުފުޅުގައި ރައީސް މުޢިއްޒުއާއެކު ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. މި މަޝްވަރާތަކުގައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ދެ ގައުމުގެ ލީޑަރުން ޚިޔާލު ބަދަލުކުރައްވާނެއެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮންނަ ދިގު މުއްދަތުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ގާބިލުކަން އިތުރުކުރުމާއި، ފަތުރުވެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ގޮތްތައް ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައި ދިފާއީ ގުޅުމާއި އިސްލާމީ ކަންތައްތަކާ ގުޅޭ ދެ ފަހުމުނާމާއެއް ބަދަލުކުރާނެ ކަމަށް މެލޭޝިއާގެ ނޫސްތައް ބުނެއެވެ.

ދެ ގައުމުގެ ގުޅުމުގައި ވިޔަފާރިއަކީ އެންމެ މުހިންމު އެއް ދާއިރާއެވެ. ފާއިތުވި 2025 ވަނަ އަހަރު މެލޭޝިއާއާއި ރާއްޖެއާ ދެމެދު 762.78 މިލިއަން ރިންގިޓްގެ ވިޔަފާރިކޮށްފައިވާއިރު، މީގެ ތެރެއިން މެލޭޝިއާއަށް 751.67 މިލިއަން ރިންގިޓްގެ ވިޔަފާރީގެ ފައިދާ ލިބިފައިވެއެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން، ދެކުނު އޭޝިއާ ސަރަހައްދުގައި ރާއްޖެއަކީ މެލޭޝިއާއާއެކު ހަވަނައަށް އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ ގައުމެވެ. އަދި މެލޭޝިއާގެ މުދާ އެކްސްޕޯޓުކުރާ މުހިންމު މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމިއޮވެއެވެ.

ހަމައެހެންމެ މެލޭޝިއާއަކީ ތައުލީމު ހާސިލު ކުރުމަށް ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ ގައުމެކެވެ.

ބޮޑުވަޒީރު އަންވަރުގެ މި ދަތުރުފުޅު ކުރައްވަނީ، 1968 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ގާއިމުކުރި ސިޔާސީ ގުޅުމުގެ މައްޗަށް ބިނާކޮށް، ދެ ފަރާތަށް ފައިދާހުރި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުންވެސް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

comment ކޮމެންޓް