ތެޔޮ ބޯޓުތައް އޮޔާގޮސް ބްރިޖާއި ފަރަށް އެރި މައްސަލަ: "މޫސުން ތަން ދިނުމުން އެސެސްމަންޓު ހަދާނެ"

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާގައި އޮޔާ ދިޔަ ދެ ބޯޓު --

މާލެ ކައިރީގައި އަޅާފައި އޮތް ބޮޑު ދެ ތެޔޮ ބޯޓު ކަނޑުގަދަވެގެން އޮޔާގޮސް މާލޭ އިރުމަތީ ފަރަށާއި ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާއާ ގުޅިގެން ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް ހަދަންޖެހޭ ސާވޭގެ މަސައްކަތް މޫސުން ތަންދިންހާ އަވަހަކަށް ފަށާނެ ކަމަށް އެންވަޔަރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީރާ) އިން ބުނެފިއެވެ.

އީރާގެ ޗީފް އެގްޒެކްޓިވް ޙަސަން މުޙައްމަދު "ސަން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން އެ އޮތޯރިޓީގެ ޓީމުން އެންމެ ފަހުން ލިބުނު މަޢުލޫމާތަށް ބަލާއިރު، މިވަގުތު މޫސުން ގޯސްވުމުގެ ސަބަބުން ސާވޭގެ މަސައްކަތް އަދި ފެށިފައި ނުވާ ކަމަށެވެ.

އަދި މިއީ ކޯސްޓްގާޑުގެ ވެސް ލަފައާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މޫސުން ރަނގަޅުވެ، ކަންކަން ތަންދިންހާ އަވަހަކަށް އީރާގެ ސާވޭ ޓީމުން އެ ސަރަހައްދުގެ އެސެސްމަންޓް ހަދައި، އެކަމުގެ އަޕްޑޭޓްތައް ހާމަކުރަމުން ގެންދާނެ،" ޙަސަން މުޙައްމަދު ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި މި ހާދިސާގައި އޮޔާ ގޮސްފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގާނޫނާ ޚިލާފަށް ވަދެގެން ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ "އެމްޓީކޭޖީ 1" އަދި "އޭއެލް 1" ނަމަކަށް ކިޔާ ދެ ތެޔޮ ޓޭންކަރެވެ. މި ދެ އުޅަނދު ފަހުން ބުރިޖު ދަށުން އޮޔާ ގޮސް، ރާއްޖޭގެ ސަރަހައްދުން ބޭރަށް ގާތްގަނޑަކަށް 30 ނޯޓިކަލް މޭލު ބޭރަށް އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.

މި ހާދިސާއާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ދެ އުޅަނދު މާލޭގެ އިރުމަތީ ފަރަށާއި ބުރިޖުގެ ތަނބަކަށް އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ ގެއްލުމުގެ ބަދަލު ހޯދުމަށާއި، ބްރިޖުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކައުންސިލުން ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.

ނަމަވެސް، ކަމާބެހޭ ރަސްމީ އިދާރާތަކުން ކުރިން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގައި ސިނަމާލެ ބުރިޖުގެ މައި ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް