ހަސީނާގެ ދަރިފުޅު އިސްތިއުފާ ދެއްވި މަގާމުގެ އިންތިޚާބުގައި ބަންގްލަދޭޝްގެ ތާއީދު ރާއްޖެއަށް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ (ސީރޯ) ޑިރެކްޓަރު ކަމުގެ މަގާމަށް ދެން ބާއްވާ އިންތިހާބެއްގައި ދިވެހިރާއްޖޭގެ ކެންޑިޑޭޓަށް ތާއީދުކުރަން ބަންގްލަދޭޝްއިން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ބަންގްލަދޭޝްގެ ފޮރިން އެފެއާޒް ސްޓޭޓް މިނިސްޓަރު ހުމާޔޫން ކަބީރު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި ރާއްޖެއަށް ތާއީދުކުރަން ނިންމީ ރާއްޖޭގެ ކެންޑިޑޭޓުންނަކީ ގާބިލު އަދި ރަނގަޅު ރެކޯޑެއް އޮތް ބަޔަކަށް ވާތީއެވެ.

ޑަބްލިއުއެޗްއޯ ސީރޯގައި 10 ގައުމެއް ހިމެނޭއިރު، އޭގެ ތެރޭގައި ރާއްޖެއާއި ބަންގްލަދޭޝްގެ އިތުރުން އިންޑިއާ، ނޭޕާލް، ސްރީލަންކާ އަދި ތައިލެންޑް ފަދަ ގައުމުތައް ހިމެނެއެވެ.

https://www.sun.mv/227219

މި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ހުމާޔޫން ކަބީރު ވަނީ، މިދިޔަ ހަފުތާގައި އެ މަގާމުން އިސްތިއުފާދެއްވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ދަރިކަނބަލުން ސާއިމާ ވާޒިދުގެ އައްޔަންކުރުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ހުމާޔޫން ވިދާޅުވި ގޮތުގައި، ސާއިމާއަކީ އެ މަގާމަށް އެކަށީގެންވާ ތަޖުރިބާއާއި ގާބިލުކަން ހުރި ބޭފުޅެއް ނޫނެވެ. އަދި އޭނާ އެ މަގާމަށް އައްޔަންކުރެވުނީ ނުފޫޒު ފޯރުވައިގެން ވޯޓު ހޯދައިގެން ކަމަށާއި، އެއީ ބައިނަލްއަގުވާމީ ޖަމިއްޔާއަކަށް ލިބުނު ވަރަށް ބޮޑު ހުތުރެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ހަމައެކަނި ވަކި އާއިލާއަކަށް ނިސްބަތްވުމަކީ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސް މަގާމުތަކަށް އައްޔަންކުރަންޖެހޭ ސަބަބެއް ނޫން ކަމަށާއި، މިފަދަ ޖަމިއްޔާތަކަށް މީހުން އައްޔަންކުރުމުގެ އުސޫލުތައް މިހާރަށްވުރެ ހަރުދަނާކޮށް، ހާމާކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދަންޖެހޭ ކަމަށް ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ސާއިމާގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ފޮރުވިފައި ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ފޮރިން އެފެއާޒް ސްޓޭޓް މިނިސްޓަރު ހުމާޔޫން ކަބީރު، ޑިޕްލޮމެޓަކާ ބައްދަލު ކުރައްވަނީ---

ޑަބްލިއުއެޗްއޯ ސީރޯގެ ރީޖަނަލް ޑިރެކްޓަރު ކަމުގެ މަގާމަށް 2023 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވާދަކުރީ ބަންގްލަދޭޝްގެ ފަރާތުން ސާއިމާ ވާޒިދު އަދި ނޭޕާލްގެ ފަރާތުން ޑރ. ޝަމްބޫ ޕްރަސާދު އާޗާރްޔާއެވެ. އެ އިންތިހާބުގައި ރާއްޖެއިން ކެންޑިޑޭޓަކު ނެރެފައިވާކަން ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ސާއިމާ އެ މަގާމުން އިސްތިއުފާދެއްވީ، ބަންގްލަދޭޝްގައި އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން އޭނާގެ މަންމަ ޝައިޚް ހަސީނާގެ ސަރުކާރު ވެއްޓި، ބަންގްލަދޭޝްގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ސާއިމާގެ މައްޗަށް ކޮރަޕްޝަނާއި މަކަރާއި ހީލަތުގެ މައްސަލަތަކެއް ތަހުގީގުކުރަން ފެށުމާ ގުޅިގެންނެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސާއިމާގެ މައްޗަށް ތުހުމަތުކުރެވެނީ އޭނާގެ ތައުލީމީ ސެޓްފިކެޓްތަކާ ގުޅޭގޮތުން އޮޅުވާލުމާއި، މާލީ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ. ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުން މިހާރު ގެންދަނީ އެ ގައުމުގެ ޚާރިޖީ ސިޔާސަތުތައް ބަދަލުކޮށް، އަވައްޓެރި ގައުމުތަކާއެކު އާ ގުޅުންތަކެއް ގާއިމުކުރުމަށް މަސައްކަތްކުރަމުން ކަމަށް ސްޓޭޓް މިނިސްޓަރު ހުމާޔޫން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް