ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިދިޔަ މަހު 8 މިލިއަން ރުފިޔާ ޚަރަދުކުރި

ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ފޮތެއް ކިޔަނީ: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިދިޔަ މަހު 8 މިލިއަން ރުފިޔާ ޚަރަދުކުރި --- ފައިލް ފޮޓޯ

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް މިދިޔަ މަހު އެންސްޕާއިން އަށް މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންއެސްޕާ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނިމިދިޔަ އޮގަސްޓު 2026 ގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ރަޖިސްޓްރީގައި 15,665 މީހުން ވަނީ ރަޖިސްޓްރީވެފައެވެ.

އެންއެސްޕާއިން ހާމަކުރި ގޮތުގައި އޮގަސްޓު މަހުގެ ތެރޭގައި އެކަނިވެސް އަލަށް 169 މީހަކު ވަނީ މި ރަޖިސްޓްރީގައި ހިމަނާފައެވެ. އަދި އޮގަސްޓު މަހުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ 15,498 މީހަކަށް އެލަވަންސް ދޫކޮށްފައިވާއިރު، މި އެލަވަންސްގެ ގޮތުގައި ޖުމުލަ 58,368,000 (ފަންސާސް އަށް މިލިއަން ތިންސަތޭކަ ފަސްދޮޅަސް އަށްހާސް) ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އުމުރުފުރާތަކަށް ބަލާއިރު، ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން އެންމެ ގިނައީ 18 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ:

  • 3,889 އަންހެނުން އަދި 4,055 ފިރިހެނުން.
  • 18 އަހަރުން ދަށުގެ ކުދިންގެ އަދަދަކީ 5,378 އެވެ. އެއީ 1,640 އަންހެން ކުދިން އަދި 3,738 ފިރިހެން ކުދިން.
  • 65 އަހަރުން މަތީގެ މީހުންގެ އަދަދަކީ 2,343 އެވެ. އެއީ 1,079 އަންހެނުން އަދި 1,264 ފިރިހެނުން.

ޖުމުލަ ގޮތެއްގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 6,608 އަންހެނުންނާއި 9,057 ފިރިހެނުންނެވެ.

ނުކުޅެދުންތެރިކަމުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައިން ރަޖިސްޓްރީވެފައި ވަނީ ހަރަކާތްކުރުމުގެ ނުކުޅެދުންތެރިކަން (ނޫނީ ޖިސްމާނީ ނުކުޅެދުންތެރިކަން) ހުންނަ މީހުންނެވެ. އެއީ 4,240 މީހުންނެވެ. ދެވަނައަށް އެންމެ ގިނައީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 3,548 މީހުންނެވެ.

މީގެއިތުރުން، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 2,508 މީހުންނާއި، އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ 1,869 މީހުންގެ އިތުރުން ވިސްނުމާއި ބުއްދި ތަރައްގީވުމުގެ ނުކުޅެދުންތެރިކަން ހުންނަ 1,812 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. އަދި އަމިއްލައަށް އުޅެއުޅެގަތުމުގެ ނުކުޅެދުންތެރިކަން ހުންނަ 1,033 މީހުންނާއި، އެއްސަބަބަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ (މަލްޓިޕްލް ޑިސެބިލިޓީސް) 594 މީހުންގެ އިތުރުން އެހެނިހެން ބާވަތްތަކުގެ ނުކުޅެދުންތެރިކަން ހުންނަ 61 މީހަކުވެސް ގައުމީ ރަޖިސްޓްރީގައި ހިމެނެއެވެ.

comment ކޮމެންޓް