އަބްދުالله ނާޒިމް އިބްރާހީމް, ހެލްތު މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމުން، ވަޒީފު ފެންވަރުގައި އައްޔަން ކުރެއްވި ރައީސް އޮފީހުގެ މަގާމުން ވެސް އިސްތިއުފާ ދެއްވައިފިއެވެ.
މިދިޔަ ޖޫން މަހުގެ ކުރީކޮޅު، މިނިސްޓަރެއްގެ ފެންވަރުގައި ނާޒިމް އައްޔަން ކުރައްވާފައި ވަނީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.
ރައީސް އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން، މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު "ސަން" އަށް ވިދާޅުވީ މިއަދު ހެނދުނު ނާޒިމް އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށެވެ.
އިސްތިއުފާ ދެއްވި ސަބަބު ހޯދާލުމަށް ނާޒިމަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރެއްވި ނާޒިމް މި ސަރުކާރުގައި ފުރަތަމަ ހުންނެވީ ރައީސް އޮފީހުގެ އިސް މަގާމެއްގައެވެ. އެ މަގާމުގައި ހުންނަވަނިކޮށް ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވީ ސެޕްޓެމްބަރު 30, 2024ގައެވެ.
ނާޒިމް ހެލްތު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރެފަރަންޑަމް ވޯޓްގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު ރައީސް ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި އެ މަހުގެ 14 ވަނަ ދުވަހުއެވެ.
ކެބިނެޓުން އޭރު އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން ވަނީ އެހެން އިސް މަގާމުތަކަށް އައްޔަން ކުރައްވައިފައެވެ.